ހަތިޔާރު ގަތުމަށް ބިލިއަނުން ފައިސާ ޚަރަދު ކުރުމުގެ ބަދަލުގައި އިންސާނިއްޔަތަށް ފައިދާހުރި ކަންކަމަށް އެ ފައިސާ ޚަރަދު ކުރުމަށް ރާއްޖެއިން ގޮވާލައިފިއެވެ.
އދ ގެ ޖެނެރަލް އެސެމްބްލީގެ 75ވަނަ ބައްދަލުވުމުގެ ފުރަތަމަ ކޮމިޓީގައި ދިވެހިރާއްޖޭގެ ފަރާތުން މިކަމަށް ގޮވާލެއްވީ، ރާއްޖެއިން އދ އަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު އަދި ރާއްޖެއިން އެމެރިކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ތިލްމީޒާ ޙުސައިންއެވެ. މި ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ފަރާތުން ވާހަކަފުޅު ދައްކަވަމުން ތިލްމީޒާ ވަނީ ހަތިޔާރު ގަތުމަށް ޤައުމުތަކުން ބިލިޔަނުން ފައިސާ ޚަރަދުކުރާކަން ފާހަގަކުރައްވާ އެ ފައިސާ ދުނިޔެއިން ފަޤީރުކަން ނައްތާލުމަށާއި މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް ޚަރަދު ކުރުމަށް ގޮވާލައްވާފައެވެ. އަދި ބަލިތައް ނައްތާލުމަށާއި ޚާއްޞަކޮށް ކޯވިޑް-19ގެ މި ޙާލަތުން އަރައިގަތުމަށް ކުރަމުންދާ މަސައްކަތްތަކަށް އެ ފައިސާ ޚަރަދު ކުރުމަށްވެސް އެކަމަނާ ވަނީ ދުނިޔޭގެ ޤައުމުތަކަށް ގޮވާލައްވާފައެވެ.
ހަތިޔާރު ގަތުމަށް ޤައުމުތަކުން ކުރާ ޚަރަދުތައް އިންސާނިއްޔަތަށް ފައިދާހުރި ކަންކަމަށް ޚަރަދުކުރުމަށް ރާއްޖެއިން ގޮވާލާފައިވާއިރު ދުނިޔެއިން ނިއުކްލިއަރ ހަތިޔާރުތައް އެއްކޮށް ނައްތާލުމަށް ބާރުއެޅުމަށް ފާހަގަކުރާ ބައިނަލްއަޤްވާމީ ދުވަހުގެ މުނާސަބަތާއި ގުޅުވައިގެން، އދގެ އާއްމު މަޖިލީހުގެ ހަވާސާގައި ބޭއްވި ޚާއްސަ ބައްދަލުވުމުގައި ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދުވެސް ވަނީ މިކަމަށް ބާރުއަޅުއްވާ ވާހަކަފުޅު ދައްކަވާފައެވެ. އަދި ރާއްޖެއަކީ މިހާރުވެސް އަދި ކުރިއަށް އޮތްތަނުގައިވެސް ހަތިޔާރު އުފައްދާނެ ޤައުމެއް ނޫންކަން ފާހަގަކުރައްވާ މިނިސްޓަރ ވަނީ ބޮޑެތި ގެއްލުން ދެނިވި ހަތިޔާރުތައް ނައްތާލުމަކީ ބައިނަލްއަޤްވާމީ ސުލްހައާއި ސަލާމަތްތެރިކަން ކަށަވަރުކުރުމަށާއި، 2030 އެޖެންޑާގެ 16 ވަނަ ލަނޑުދަނޑި ހާސިލްކުރުމަށް މުހިއްމުކަމެއްކަމަށްވެސް ވިދާޅުވެފައެވެ.