ވިޔަފާރި

ދަނޑުވެރިކަމަށް އެތެރެކުރާ ތަކެތިން ޑިއުޓީ ކަނޑާލުމުން 1.73 މިލިއަން ރުފިޔާ ލުޔެއް


އޮގަސްޓް މަހުގެ ނިޔަލަށް ދަނޑުވެރިކަމަށް އެތެރެކުރާ ތަކެތީގެ ޑިއުޓީން 1.73 މިލިއަން ރުފިޔާ މައާފްކޮށްދީފައިވާކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ވިދާޅުވެއްޖެއެވެ.

އިމްޕޯޓް އެކްސްޕޯޓް ޤާނޫނަށް ގެނައި އިސްލާހަށް އަމަލުކުރަން ފަށާފައިވަނީ މިދިޔަ ސެޕްޓެމްބަރުމަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ. މި ޤާނޫނުގައިވާ ގޮތުން ދަނޑުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށްޓަކައި ދަނޑުވެރިކަމުގެ ބޭނުމަށް ރާއްޖެ އެތެރެކުރާ ގިނަ ބާވަތްތަކަކުން ނަގަމުންދިޔަ ޑިއުޓީ ވަނީ ކަނޑާލާފައެވެ.

ކަސްޓަމްސްއިން ވިދާޅުވީ، މިއަހަރުގެ އޮގަސްޓްމަހުގެ ނިޔަލަށް ދަނޑުވެރިކަމުގެ ބޭނުމަށް ތަކެތި އިމްޕޯޓްކުރާ ފަރާތްތަކުގެ ގޮތުގައި މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް 1.73 މިލިއަން ރުފިޔާގެ ޑިއުޓީ މައާފްކޮށްދީފައިވާކަމަށެވެ.

އިމްޕޯޓް އެކްސްޕޯޓް ޤާނޫނަށް ގެނައި އިސްލާހަށް އަމަލުކުރަންފެށުމާއިއެކު ކަސްޓަމްސްއިން ވަނީ މި ޤާނޫނުގެ ސަބަބަބުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި ގުޅުންހުރި ސިނާއަތްތަކުން ބޭނުންކުރާ ގިނަ ބައެއް ބާވަތްތަކުގެ ޑިއުޓީ ރޭޓު ދަށްކޮށްފައިވުމުގެ ސަބަބުން ވިޔަފާރިތައް ކުރިއެރުމަށް އެހީތެރިކަން ލިބިގެންދާނެކަމަށް ވިދާޅުވެފައެވެ. މި އިސްލާހާއިއެކު ވިޔަފާރިވެރިން ކަސްޓަމްސްއަށް ދައްކަންޖެހޭ ޑިއުޓީން އަހަރެއްގެ މައްޗަށް 178 މިލިއަން ރުފިޔާ ކުޑަވާނެކަމަށް ކަސްޓަމްސްއިން މީގެކުރިން ވަނީ ބުނެފައެވެ.