ދީން

4400 ޑޮކްޓަރުން ޙައްޖު ދުވަހު ޙައްޖާޖީންނަށް ސިއްޙީ ޚިދުމަތްދެނީ


މިއަހަރުގެ ހައްޖު ދުވަހަށް ހައްޖުވެރިންނަށް ސިއްހީ ހިދުމަތްދިނުމުގައި 4400 ޑޮކްޓަރުންނާއި، 26000 ޕެރަމެޑިކްސް ހަރަކާތްތެރިވާނެ ކަމަށް ސައުދީ ހެލްތް މިނިސްޓަރ ވިދާޅުވެއްޖެއެވެ. ސައުދި އަރަބިއްޔާގެ ހެލްތް މިނިސްޓަރ ޚާލިދް އަލް ފަލީޙު ވިދާޅުވީ، މިގޮތުން 1.2 މިލިއަން މީހުންނަށް ބޭނުންވާ ސިއްހީ ހިދުމަތް ދޭން 15000 ޓެކްނީޝަނުންނާއި، 180 އެންބިއުލާންސް ބޭނުން ކުރެވޭނެ ކަމަށާއި، އޭގެ ތެރެއިން 100 އެންބިއުލާންސަކީ ކުޑަ އެންބިއުލާންސް ކަމަށެވެ. އަދި އަނެއް 80 އެންބިއުލާންސަކީ ހުރިހާ ވަސީލަތެއް ހަމަޔަށް ހުރި އެންބިއުލާންސްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.މިމަހުގެ އެގާރަ ވަނަ ދުވަހު މައްކާގެ ޙަރަމްފުޅު ހިމެނޭ ޞަރަޙައްދުގައި ހިނގި ކްރޭން ވެއްޓުމުގެ ހިތާމަވެރި ޙާދިސާގައި 111 މީހަކު ވަނީ ޝަހީދުވެފައެވެ. އަދި މިޙާދިސާގައި ޒަޚަމްވި މީހުންގެ އަދަދު މިހާރުވަނީ 402 އަށް އަރާފައެވެ. މީގެ ތެރެއިން 284 މީހަކަށް ފަރުވާ ދިނުމަށްފަހު މިހާރު ވަނީ ދޫކޮށްލާފައެވެ. މިޙާދިސާގައި ބޮޑެތި ޒަޚަމްތަކެއް ލިބުނު 13 މީހަކަށް މިހާރުވެސް އައި.ސީ.ޔޫގައި ފަރުވާދެމުންދާއިރު، 74 މީހަކަށް ދަނީ އެޑްމިޓްކޮށްގެން ފަރުވާދެމުންނެވެ.  މި ހާދިސާއާއި ގުޅިގެން ސައުދީ ރަސްގެފާނު ވަނީ، މި ހާދިސާގައި މަރުވި ކޮންމެ މީހެއްގެ ޢާއިލާގެ ދެ މެންބަރަކަށް އަންނަ އަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަން އަދާ ކުރުމުގެ ފުރުޞަތު ދިނުމަށް ނިންމާ، އަދި މި ހާދިސާގައި ޒަޚަމްވި މީހުންގެ ތެރެއިން ސިއްޙީ ހާލަތު މެދުވެރިވެފައިވާ ގޮތުން މިއަހަރު ޙައްޖުގެ އަޅުކަން ފުރިހަމަ ކުރުމަށް ކުޅާދާނަވެގެން ނުވާ މީހުންނަށްވެސް އަންނަ އަހަރު ޙައްޖުގެ އަޅުކަން ފުރިހަމަ ކުރުމުގެ ފުރުޞަތު ދިނުމަށް ނިންމަވާފައެވެ. އަދި މި ޙާދިސާގައި މަރުވި މީހުންގެ މަރުގެ ދިޔައިގެ ގޮތުގައި ކޮންމެ މީހެއްގެ އާއިލާއަށް 1 މިލިޔަން ސައުދީ ރިޔާލް ދިނުމަށާއި، ޙާދިސާގައި ލިބުނު ޒަޚަމްތަކުގެ ސަބަބުން ދާއިމީ ނުކުޅެދުންތެރިކަމާއި ކުރިމަތިލާންޖެހިފައިވާ ފަރާތްތަކައްވެސް ބަދަލުގެ ގޮތުގައި 1 މިލިޔަން ސައުދީ ރިޔާލް ދިނުމަށްވެސް ސައުދީ ރަސްގެފާނު ވަނީ އަމުރު ކުރައްވާފައެވެ. މީގެ އިތުރުން މި ޙާދިސާގައި އެކިވަރުގެ ޒަޚަމް ލިބުމު ކޮންމެ ޙައްޖާޖީއަކަށްވެސް ބަދަލެއްގެ ގޮތުން ފަސްސަތޭކަ ހާސް ސައުދީ ރިޔާލް ދިނުމަށްވެސް ސައުދީ ރަސްގެފާނު ސަލްމާން ވަނީ އަމުރު ކުރައްވާފައެވެ.