ޤައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން އަކުރަމް އަބްދުލް ޣަނީ ވެލެންސިއާ އަށް ބަދަލުވެއްޖެއެވެ.
މިދިޔަ ސީޒަންގައި ޓީސީ ސްޕޯޓްސް ކްލަބަށް ކުޅުނު އަކުރަމް ވެލެންސިއާއަށް ބަދަލުވިއިރު، މިއީ އަކުރަމް ވެލެންސިއާ އަށް ކުޅޭ ހަތަރު ވަނަ ފަހަރެއެވެ. އަކުރަމް 2006 ވަނަ އަހަރު ފުޓްބޯޅަ ކެރިއަރު ފެށީވެސް ކްލަބް ވެލެންސިއާއިންނެވެ.
ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގެ ގިނަ ކުލަބުތަކަށްވެސް އަކުރަމް ކުޅުނެވެ. އެގޮތުން ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ އިތުރުން ވިކްޓްރީއާއި ވީބީ އައްޑޫ އެފްސީއަށް ވެސް އޭނާ ކުޅުނެވެ.
ސަރަހައްދުގެ އެންމެ ޝަރަފްވެރި ފުޓުބޯޅަ ތަށި ކަމަށްވާ ސާފް ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގެ ތަށި 2008 ވަނަ އަހަރާއި 2018 ވަނަ އަހަރު ހޯދި ޓީމުގައިވެސް ހިމެނުނު އަކުރަމް އަކީ 2018 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ދިވެހިރާއްޖެއިން ކާމިޔާބުކުރިއިރު ޤައުމީ ޓީމުގެ ކެޕްޓަނެއެވެ.
އެއް އަހަރުގެ މެދުކެނޑުމަކަށް ފަހު އަލުން ފުރަތަމަ ޑިވިޝަނުގައި ވާދަކުރަން ކްލަބް ވެލެންސިއާ އިން ތައްޔާރުވަމުން އަންނައިރު މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި އެ ޓީމުން އިތުރު ކުޅުންތެރިން ގެންދާނެ ކަމަށް ބެލެވެއެވެ. އެގޮތުން ސްޕެއިނުގެ ހަތަރުވަނަ ޑިވިޝަނުގެ ޔޫޑީ ކެނަލްސްއަށް ކުޅުނު އިސްމާއިލް ޒާން އާމިރުވެސް ވަނީ ކުރިޔަށް އޮތް ސީޒަނަށް ވެލެންސިއާށް ބަދަލުވެފައެވެ.
އަންނަ ސީޒަނަށް ތައްޔާރުވުމަށް ކްލަބް ވެލެންސިއާއިން މިއަދު ހަވީރު ފަރިތަކުރުންތައް ފެށުމަށް ވަނީ ހަމަޖެހިފައެވެ. މިހާތަނަށް ފަރިތަކުރުންތައް ފެށި ހަމައެކަނި ކްލަބަކީ މާޒިޔާއެވެ.
ފުޓްބޯޅަ ސީޒަން ޑިސެމްބަރ މަހު ފެށުމަށް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ސީޒަން ފެށުމުގެ ގޮތުން ކުޅޭ ޗެރިޓީ ޝީލްޑް މެޗު ޑިސެމްބަރ މަހުގެ 8 ވަނަ ދުވަހު ކުޅެން މަސައްކަތް ކުރަމުން އަންނައިރު، މި މެޗުގައި ބައްދަލުކުރާނީ ލީގު ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އާއި ލީގުގެ ދެވަނައަށް ދިޔަ ކްލަބް އީގަލްސްއެވެ. މިއީ ޗެރިޓީ ޝީލްޑް މެޗެއްގައި އީގަލްސް ވާދަކުރާ ފުރަތަމަ ފަހަރެއެވެ.