ކުޅިވަރު

ހަވަނަ ފަހަރަށް ލޯނު އެއްބަސްވުމެއްގެ ދަށުން މޮސެސް ކުލަބް ބަދަލުކޮށްފި


ޗެލްސީގެ މިޑްފީލްޑަރ ވިކްޓަރ މޮސެސް މި ސީޒަނުގައި ނިޔަލަށް ލޯނު އެއްބަސްވުމުގެ ދަށުން ރަޝިޔާގެ ސްޕާޓަރ މޮސްކޯއަށް ބަދަލުވެއްޖެއެވެ.

މި ލޯނު އެއްބަސްވުމުގައި ވާގޮތުން މުއްދަތު ހަމަވުމުން ކުޅުންތެރިޔާ ގަތުމުގެ އިހްތިޔާރު ސްޕާޓަ މޮސްކޯ އަށް ލިބޭނެއެވެ. މިއީ 2012 ވަނަ އަހަރު ޗެލްސީއާ ގުޅުނު ފަހުން މޮސެސް ލޯނު އެއްބަސްވުމުގެ ދަށުން ކުލަބް ބަދަލުކުރި ހަވަނަ ފަހަރެއެވެ. އުމުރުން 29 އަހަރުގެ ނައިޖީރިޔާ ކުޅުންތެރިޔާ ވަނީ މީގެ ކުރިން ތުރުކީގެ ފެނަބާޗޭ އާއި އިޓަލީގެ އިންޓަ މިލާނަށް ވެސް ލޯނު އެއްބަސްވުމުގެ ދަށުން ކުޅެފައެވެ.

އޭނާ މިދިޔަ ސީޒަންގައި ކުޅެފައިވަނީ ލޯން އެއްބަސްވުމުއްގެ ދަށުން އިޓަލީގެ އިންޓަ މިލާނަށެވެ. އެގޮތުން އޭނާ ވަނި އިންޓަ މިލާނަށް މިދިޔަ ސީޒަނުގައި 20 މެޗު ކުޅެފައެވެ. 2012 ވަނަ އަހަރު ޗެލްސީއަށް ބަދަލުވިފަހުން މޮސެސް ކުލަބާއެކު ހޭދެކުރީ ދެ އަހަރެއެވެ.