ޚަބަރު

ގދ. ގައްދޫގެ މަގުހެދުމުގެ އަމަލީ މަސައްކަތް މިމަހު 23ގައި ފަށަނީ


ގދ.ގައްދޫ މަގުހެދުމުގެ މަޝްރޫޢުގެ މަސައްކަތް ކުރުމަށް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން ލިމިޓެޑާ ހަވާލުކޮށްފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރއިން އެކޯޕަރޭޝަނާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއުގައި ގައްދޫގެ ރިންގްރޯޑް ހިމެނޭގޮތަށް 6 މަގެއް ޒަމާނީ ފެންވަރަށް ތާރު އަޅައިގެން ހެދުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ގދ.ގައްދޫގައި ހެދުމަށް ހަމަޖެހިފައިވަނީ 6 ކިލޯމީޓަރުގެ މަގެވެ.

ދަޢުލަތުގެ ބަޖެޓުން -/29،685،936ރ (ނަވާވީސް މިލިޔަން ހަސަތޭކަ އަށްޑިހަ ފަސް ހާސް ނުވަސަތޭކަ ތިރީސް ހަ ރުފިޔާ) ޚަރަދުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއުގެ މަސައްކަތް 510 ދުވަހުގެ ތެރޭ ނިންމަން ޖެހެއެވެ.

މި މަސައްކަތް ކުރިއަށް ދާގޮތާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރ މޫސާ އަލިމަނިކު ވިދާޅުވީ މަގުހެދުމުގެ މަޝްރޫޢުގެ 11 އިންސައްތަ މަސައްކަތް މިހާރުވެސް ނިމިފައިވާކަމަށެވެ. އަދި މަގު ހެދުމުގެ މަސައްކަތުގެ އަމަލީ މަސައްކަތް މިމަހުގެ 23 ވަނަ ދުވަހު ފަށާނެކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެ ކުންފުނީގެ އަމާޒަކީ ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި އެ މަސައްކަތް އެއްކޮށް ނިންމާލުންކަމަށްވެސް އޭނާ ވިދާޅުވިއެވެ. މި މަސައްކަތް ކުރުމަށްޓަކައި ޑިޒައިން އާއި އީ.އަ.އި.އޭ ގެ މަސައްކަތް މިހާރު ކުރިއަށް ދާއިރު މަގު ހެދުމަށް ބޭނުންވާ ސާމާނު މިހާރު ވަނީ އެރަށައް ގެންގޮސްފައެވެ.

"ސެޓްލްމަންޓް ޓޭންކް ހެދުމާއި، ކޭބަލް ޖަންކްޝަން ހެދުމާއި، ސްޓޯމް ވޯޓަރ މެނޭޖްމަންޓް ސިސްޓަމް ހެދުމާއި ތާރު އެޅުމަށްވެސް ހަމަޖެހިފައިވޭ. އަދި ޓްރެފިކް ނިޝާންތައް ކުރެހުމާއި ލައިޓް ހަރުކުރުމުގެ މަސައްކަތް ކުރާނެ." ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރ މޫސާ އަލިމަނިކު ވިދާޅުވިއެވެ.

މިސަރުކާރުން ގައްދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމަށް ނިންމުމާއެކު އެކަމަށް ޝުކުރު އަދާކުރައްވާ ވާހަކަދައްކަވަމުން އެރަށު ކައުންސިލްގެ ރައީސް ރައްޔާން ޖަމާލް ވިދާޅުވީ މިކަމާއި ގުޅިގެން ރަށު ރައްޔިތުން ތިބީ ވަރަށް ހިތްހަމަޖެހިފައިކަމަށެވެ. އޭނާ ވިދާޅުވީ މަގުތަކުގެ ހާލަތު މިހާރު މާ ގޯސް ނުވިނަމަވެސް ބައެއް މަގުތަކުގައި ވެހިކަލު ދުއްވަން ވަރަށް އުނދަގޫކަމަށެވެ. އަދި ބައެއް މަގުތަކުގައި ވާރޭ ވެހިއްޖެނަމަ ވަރަށް ބޮޑަށް ފެންބޮޑުވާކަން އޭނާ ފާހަގަކުރެއްވިއެވެ.

"މިކަމީ ރަށު ރައްޔިތުން ވަރަށް ބޮޑަށް ބޭނުންވެފައިވާކަމެއް. މަގު ތަރައްޤީ ކުރަން ނިންމުމާ ގުޅިގެން ރައްޔިތުން ތިބީ ވަރަށް ހިތްހަމަޖެހިގެން. ރައްޔިތުންގެ އުއްމީދަކީ މަގުތަކުގެ މަސައްކަތް ވީހާވެސް އަވަހަށް ނިންމާ އިތުރު ފިޔަވައްސެއްގައި އިތުރު މަގުތަކެއް ތަރައްޤީ ކުރުން. "ގައްދޫ ކައުންސިލްގެ ރައީސް ރައްޔާން ޖަމާލް ވިދާޅުވިއެވެ.

ބިމުގެ ބޮޑު މިނުގައި 25.2 ހެކްޓަރު ހުންނަ މިރަށުގެ އާބާދީއަކީ 3049 އެވެ. ގައްދޫގައި އާމްދަނީ ހޯދުމަށް އާއްމުގޮތެއްގައި ކޮށް އުޅޭ މަސައްކަތަކީ މަސްވެރިކަމާއި ދަނޑުވެރިކަމެވެ.

ގައްދޫއަކީ ކުނާ ވިޔުމުގެ މަސައްކަތަށް މުޅި ރާއްޖެއިންވެސް އެންމެ މަޝްހޫރު ރަށެވެ. 1962 އިން 1968 އާ ހަމައަށް ގދ. އަތޮޅުގެ އަތޮޅުވެރިކަން ކޮށްފައިވަނީ ގައްދޫގައެވެ. ދެވަނަ ބޮޑު ހަނގުރާމައިގެ ތެރޭގައި ރާއްޖެއަށް ކުރިމަތިވި ހައިހޫނުކަމުގައި ހުވަދު އަތޮޅުގެ ހުރިހާ ރައްޔިތުންގެ ކެއިންބުއިމުގެ ކަންކަން ހަމަޖައްސާފައިވަނީ މިރަށު ރައްޔިތުންގެ މަސައްކަތުން، އެރަށާ ކައިރީގައި އޮންނަ ގަމުގައި ހައްދާ އޮޅުއަލައިންނެވެ. 20 ވަނަ ޤަރުނުގެ މެދުތެރޭގައި ދިވެހި ސަރުކާރާ ދެކޮޅަށް ހިންގި "ދެކުނުގެ ބަޣާވާތު" ގައި ދިވެހި ސަރުކާރަށް އެއްބާރުލުން ދިން ހަމައެކަނި ރަށަކީވެސް މިއެވެ.

ރަޓުމީހާ

"ދެވަނަ ބޮޑު ހަނގުރާމައިގެ ތެރޭގައި ރާއްޖެއަށް ކުރިމަތިވި ހައިހޫނުކަމުގައި ހުވަދު އަތޮޅުގެ ހުރިހާ ރައްޔިތުންގެ ކެއިންބުއިމުގެ ކަންކަން ހަމަޖައްސާފައިވަނީ މިރަށު ރައްޔިތުންގެ މަސައްކަތުން، އެރަށާ ކައިރީގައި އޮންނަ ގަމުގައި ހައްދާ އޮޅުއަލައިންނެވެ. 20 ވަނަ ޤަރުނުގެ މެދުތެރޭގައި ދިވެހި ސަރުކާރާ ދެކޮޅަށް ހިންގި "ދެކުނުގެ ބަޣާވާތު" ގައި ދިވެހި ސަރުކާރަށް އެއްބާރުލުން ދިން ހަމައެކަނި ރަށަކީވެސް މިއެވެ.". ޙައްޤު ތެދު.