ސޫރިއާގައި ހިނގަމުންދާ ދާޚިލީ ހަނގުރާމައިގައި ބައިވެރިވުމަށް ދިޔަކަމަށް ތުހުމަތުކުރެވޭ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ 34 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.
މިކަމާއި ގުޅިގެން ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ އެ މީހާ ހައްޔަރުކޮށްފައިވަނީ މިއަދު ރާއްޖެ އައުމުން ކަމަށެވެ. އަދި އެމީހާއަކީ ސޫރިޔާގައި ހިނގަމުންދާ ޓެރަރިސްޓު ޙަރަކާތްތަކުގައި ބައިވެރިވެފައިވާ މީހެއްކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ. އަދި އޭނާއަކީ ބޭރު ޤައުމުތަކުގައި ހިންގާ ޓެރަރިސްޓް ޙަރަކާތްތަކުގައި ބައިވެރިވާކަމަށް ތުހުމަތުކުރެވޭ ދިވެހިންގެ ތެރޭގައި ހިމެނޭ މީހެއް ކަަމަށްވެސް ކޮމިޝަނަރ އޮފް ޕޮލިސް ވަނީ ވިދާޅުވެފައެވެ.
ފުލުހުންވަނީ މިމީހާ މާލޭގައި ދިރުއުޅުނު ގެ ބަލައި ފާސްކޮށްފައެވެ.
ބޭރު ޤައުމުތަކުގައި ހިނގާ ހަނގުރާމަތަކާއި ޓެރަރިސްޓު ޙަރަކާތްތަކުގައި ދިވެހިން ބައިވެރިވާކަމުގެ ރިޕޯޓުތައް ފެންމަތިވެފައިވާއިރު، މިފަދަ ޙަރަކާތްތަކުގައި ބައިވެރިވެފައިވާ ބައެއް ދިވެހިން މަރުވެފައިިވާކަމަށްވެސް ބައެއް ރިޕޯޓްތައް ބުނެއެވެ. އަދި މިދިޔަ އަހަރު އަފްޣާނިސްތާން ސަރުކާރުން ހައްޔަރުކުރި 243 އައިއެސް ހަނގުރާމަވެރިންގެ ތެރޭގައިވެސް ދިވެހިން ހިމެނޭކަމަށް އެ ޤައުމުގެ މީޑިއާއިން ވަނީ ރިޕޯޓްކޮށްފައެވެ.
ޓެރަރިޒަމާ ދެކޮޅަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތައް ފުޅާކޮށް ބައިނަލްއަޤްވާމީ މުޖުތަމައާއިއެކު މިކަމުގައި ދިވެހި ސަރުކާރުންވެސް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ހަނގުރާމައިން އަނބުރާ ގެންނަ މީހުން ރިހެބިލިޓޭޓްކުރުމަށް ކ. ހިންމަފުށީގައި ޚާއްޞަ މަރުކަޒެއްވެސް ދަނީ ޤާއިމް ކުރުމުގެ މަސައްކަތް ކުރަމުންނެވެ.
ދިވެހިންގެ ތެރެއިން ބޭރު ޤައުމުގެ ހަނގުރާމައިގައި ބައިވެރިވެ ހާލުގައިޖެހިފައި ތިބި ފަރާތްތަށް އަނބުރާ ރާއްޖެ ގެނައުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްގެ ވައުދުފުޅެކެވެ.