ޚަބަރު

ކޯވިޑް-19 : މާލެ ސަރަޙައްދުގައި އެންޓިބޮޑީ ޓެސްޓް ހަދަން ފަށައިފި


މުޖުތަމަޢުގެ ތެރޭގައި ކޯވިޑް-19 ފެތުރި އެބަލިން ރަނގަޅުވެފައިވަނީ ކިހާ ޢަދަދެއްގެ މީހުންތޯ ދެނެގަތުމަށްޓަކައި އެންޓިބޮޑީ ޓެސްޓު ހަދަންފަށައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވިދާޅުވީ އެންޓިބޮޑީ ޓެސްޓު މާލެ ސަރަޙައްދުގައި ހަދަން ފަށާފައިވާކަމަށާއި މިޓެސްޓް ހަދަން ފަށާފައިވަނީ ޢުމުރުން 18 އަހަރުން ދަށުގެ ކުދިންނަށްކަމަށެވެ.

މީގެކުރިން އެޗްއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެސެންޓަރުގެ ތަރުޖަމާނު ޑރ.ފާޠިމަތު ނަޒްލާ ރަފީޤްވަނީ އެންޓިބޮޑީ ޓެސްޓް ހެދުމަށް ބޭނުންވާ ހުއްދައާއި ސާމާނު މިހާރު ލިބިފައިވާކަމަށް ވިދާޅުވެފައެވެ. މިޓެސްޓަކީ މުޖުތަމަޢުގައި އުޅޭ ހުރިހާ ޢުމުރުފުރައެއްގެ މީހުންގެ ހަދަން ނިންމާފައިވާ ޓެސްޓެއްކަމަށާ އެންމެފުރަތަމަ ޓެސްޓްކުރަން ނިންމާފައިވަނީ ސްކޫލަށްދާ ޢުމުރުފުރައިގެ ކުދިންގެކަމަށް ޑރ.ނަޒްލާ ވިދާޅުވެފައިވެއެވެ.

ޑރ.ނަޒްލާ ވިދާޅުވީ މުޖުތަމަޢުގެ ތެރޭގައި ކޯވިޑް-19އަށް ހުށަހެޅިފައިވާ މީހުންގެ އިންސައްތަ ދެނެގަތުމަށް ކުރިއަށްގެންދާ މިދިރާސާއަކީ ވަރަށް ބުރަ މަސައްކަތެއްކަމަށެވެ.

ޢާއްމުންގެ މެދުގައި ކޯވިޑް-19ގެ އެންޓިބޮޑީ ޓެސްޓު އެއްވެސް ފަރާތަކުން ނުހެދުމަށް ހެލްތު މިނިސްޓްރީން ވަނީ މިދިޔަ ޖުލައިމަހުގެ ތެރޭގައި ވިދާޅުވެފައެވެ. ކޯވިޑް-19 ދެނެގަތުމަށް ކުރާ ޓެސްޓެއް ކަމުގައި ކަނޑައަޅާފައިވަނީ ޕީ.ސީ.އާރް ޓެސްޓްކަމަށާ، ޕީ.ސީ.އާރު ޓެސްޓު ހެދޭނީ ނެޝެނަލް ލެބޯޓްރީ ނިޒާމުގެ ތެރެއިން ކަނޑައަޅާ ފެންވަރާއި މިންގަނޑުތަކާ އެއްގޮތަށް އެކަމަށް ތަމްރީނު ލިބިފައިވާ ފަރާތްތައް މެދުވެރިކޮށްކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވެފައިވެއެވެ.

އެންޓިބޯޑީ ޓެސްޓް ހަދަން ފަށާފައިވާއިރު ކޯވިޑް-19ގެ ހާލަތުގައި ރެޕިޑް އެންޓިޖެން ޓެސްޓު ހެދުމުގެ ހުއްދަ އެޗްޕީއޭއިން މެޑްޓެކް މޯލްޑިވްސްއަށް ވަނީ ދީފައެވެ. މި ޓެސްޓް ހަދަންވާނީ ކޯވިޑްގެ އަލާމާތްތައް ފެންނަތާ 7 ދުވަސްތެރޭގައި ކަމަށް އެޗްޕީއޭއިން އާއްމުކޮށްފައިވާ އުޞޫލްގައިވެއެވެ. އަދި އަލާމަތްތައް ފެންނަތާ 5 ދުވަސްފަހުން މި ޓެސްޓް ހަދައި ނަތީޖާ ނެގެޓިވްވި ނަމަވެސް ޕީސީއާރު ޓެސްޓް ހަދައި ނަތީޖާ ކަށަވަރުކުރަންވާނެ ކަމަށެވެ.

ގިނަމީހުން އެއްކޮށް އުޅޭ މާހައުލުތަކުގައި ބަލި އުޅޭކަމަށް ބެލެވިގެން ބަލި އަވަހަށް ދެނެގަންނަން ޖެހިފައިވާނަމަ އަދި މުޖުތަމަޢުގައި ބަލި ފެތުރެމުންދާ ޙާލަތުގައި މުހިއްމު ބައެއް ފަރާތްތަކުގެ މެދުގައި ބަލިފެތުރިފައިވާ މިންވަރު އަވަހަށް ދެނެގަނެ ރައްކާތެރިކަމުގެ އިތުރު ފިޔަވަޅުތައް އެޅުމަށް ބޭނުންވާ ޙާލަތުގައި މި ޓެސްޓް ބޭނުންކުރެވޭނެއެވެ.