ރައީސާއި ނައިބު ރައީސްގެ މުސާރަ ކުޑަކުރި ނިންމުން ބާތިލްކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުންތައް މިއަދު ފަށައިފިއެވެ.
ކޯވިޑާއި ގުޅިގެން ދައުލަތުގެ ޚަރަދު ކުޑަކުރުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި ނައިބު ފައިޞަލް ނަސީމުގެ އިތުރުން ވަޒީރުންނާއި ރައްޔިތުން މަޖިލީހުގެ މެމްބަރުންނާއި މިނިވަން މުވައްސަސާތަކާއި ފަނޑިޔާރުންގެ މުސާރަ ކުޑަކުރަން ރައްޔިތުން މަޖިލީހުން ފާސްކުރީ ޖޫންމަހުގެ ތެރޭގައެވެ.
މި ނިންމުމަކީ ޤާނޫނާއި ހިލާފު ނިންމުމެއްކަމަށް ކަނޑައާޅަދެއްވުމަށް އެދި އެ ދައުވާކުރައްވަނީ ސިވިލްކޯޓުގެ ކުރީގެ ގާޒީ މުހައްމަދު ހަލީމެވެ. އެނާގެ ދައުވާގައި ވަނީ ގާނޫނެއްގައި ވަކި ގޮތަކަށް ކަމެއް ކުރަން ބަޔާންކޮށްފައިވަނިކޮށް މަޖިލީހުން މުސާރަ ކުޑަކުރީ ޤާނޫނީ ހިލާފަށްކަމަށެވެ.
މި މައްސަލާގައި މިއަދު ބޭއްވި އަޑުއެހުމުގައި މި މައްސަލަ ބައްލަވާ ބެންޗުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރުންވަނީ ހަލީމާއި ބައެއް ސުވާލުތައް ކުރައްވާފައެވެ. މިގޮތުން މި މައްސަލަ ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ހުށައެޅުއްވި ސަބަބު ބަޔާންކޮށްދިނުމަށް ވަނީ އެދިފައެވެ.
މުސާރަ ކުޑަކުރުމުން އެކަމުން ސީދާ ގެއްލުންވި އެއްވެސް ފަރާތަކާއި ނުވަތަ މައްސަލަ ހުށައެޅުއްވި ހަލީމް ހިމެނިވަޑައިގަންނަވާ ދައިރާގެ މަޖިލީހުގެ މެމްބަރާއި އެއްވެސް ސުވާލެއްކޮށް ކަންކަން އޮޅުފިލުއްވިންތޯ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު އަޙްމަދު މުޢުތަޞިމް ޢަދުނާނު ސުވާލުކުރެއްވިއެވެ. މި ސުވާލަށް ޖަވާބު ދެއްވަމުން ހަލީމް ވިދާޅުވީ އެއްވެސް މީހަކާއި ވާހަކަ ދައްކާފައި ނުވާކަމަށެވެ.
ދުސްތޫރީ މައްސަލައެއްގެ ގޮތުގައި މި މައްސަލަ ސުޕްރީމްކޯޓަށް ހުށައެޅުއްވި ސަބަބަކީ ކޮބައިތޯ ފަނޑިޔާރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން ހަލީމް ވިދާޅުވީ ޤާނޫނާއި ހިލާފަށް މަޖިލީހުން ކަންކަން ކުރަން ފުރުސަތު ނުދެއްވުމަށްކަމަށެވެ. އަދި ޤައުމު އާއްމު މަސްލަހަތު ހިމާޔަތްކުރުމަށް ހާއްސަ މުވައްސަސާތައް ހުންނައިރު އެ މުވައްސަސާތަކަށް އަންނަ ކޮންމެ ލޮޅުމެއް ޤައުމުގެ ހަމަޖެހުމަށް އަންނާނެކަމަށާއި މުސާރަތައް ކުޑަކުރުމުން އެ މަޤާމުތަކުގައި ތިއްބެވި ބޭފުޅުން ނޭދެެވޭ ކަންކަން ކުރާކަމުގެ ތުހުމަތުތައް ކުރެވެމުން އަންނަކަމަށް ހަލީމް ވިދާޅުވިއެވެ.
މި މައްސަލައިގެ އަޑުއެހުންތައް މިއަދު ވަނީ ނިންމާލާފައެވެ. ދެން އޮންނާނީ މި މައްސަލައިގެ ހުކުމެވެ.
މި މައްސަލަ ބައްލަވާ ބެންޗުގައި ހިމެނިވަޑާއިގަންނަވަނީ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު އަޙްމަދު މުޢުތަޞިމް ޢަދުނާނުގެ އިތުރުން ފަނޑިޔާރު ޑޮކްޓަރ އަޒްމިރާލްދާ ޒާހިރު، ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު، ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު، އަދި ފަނޑިޔާރު މުޙައްމަދު އިބްރާހީމްއެވެ.