ކުޅިވަރު

ސްކޮޓްލޭންޑުން ބަލިނުވެ 8 މެޗު ހަމަކޮށްފި


ޔުއެފާ ނޭޝަންސް ލީގުގައި ޗެކް ރިޕަބްލިކްގެ މައްޗަށް ކުރި ހޯދާ ސްކޮޓްލޭންޑުން ބަލިނުވެ 8 މެޗު ހަމަކޮށްފިއެވެ.

މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ސްކޮޓްލޭންޑުން ކާމިޔާބުކުރީ މެޗުގެ ހަވަނަ މިނެޓުގައި ނިއުކާސަލް ޔުނައިޓަޑަށް ކުޅެމުން އަންނަ ރަޔާން ފްރޭޒާއެވެ. ސްކޮޓްލޭންޑްގައި ކުޅުނު މެޗުގެ ދެވަނަ ހާފްގައި ގިނައިރު ބޯޅަ ހިފަހައްޓައިގެން ގިނަ ހަމަލާތަކެއް އުފައްދާ ޗެކް ރިޕަބްލިކުން ވަނީ ބޮޑު ޕްރެޝަރެއް ސްކޮޓުލޭންޑަށް ދީފައެވެ. މިއީ ބައިކޮޅަށް ލަނޑެއް ވައްދާނުލާ ސްކޮޓްލޭންޑުން ވިދިވިދިގެން ނިންމާލި ތިންވަނަ މެޗެއެވެ. މިއީ 32 އަހަރުގެ ތެރޭގައި ސްކޮޓްލޭންޑް ބަލިނުވެ 8 މެޗު ހަމަކުރި ފުރަތަމަ ފަހަރެއެވެ.

ސްކޮޓްލޭންޑުން އަންނަ މަހު ނުކުންނާނީ ޔޫރޯ ޕްލޭ އޯފް ފައިނަލުގައި ސާބިއާ ދެކޮޅަށެވެ. ރޭގައި މި ގުރޫޕްގައި ސްލޯވާކިޔާއިން ދެ ލަނޑުޖަހާ ކުރި ހޯދާފަވަނިކޮށް މެޗުގެ ދެވަނަ ހާފްގައި ކާމިޔާބުކުރި ތިން ލަނޑާއެކު އިސްރާއިލް ވަނީ މެޗު ކާމިޔާބުކޮށް ގުރޫޕްގައި ކުރިޔަށް ޖެހިލާފައެވެ.

މި ނަތީޖާއެކު ހަތަރު ޕޮއިންޓް ލީޑަކާއެކު 10 ޕޮއިންޓް ހޯދައިގެން ގުރޫޕްގެ އެއްވަނައިގަ އޮތީ ސްކޮޓްލޭންޑެއެވެ. ދެވަނައިގައި އޮތް ޗެކް ރިޕަބްލިކަށް ލިބެނީ 6 ޕޮއިންޓެއެވެ. ޗެކް ރިޕަބްލިކަށް ވުރެ އެއް ޕޮއިންޓް މަދުން ހޯދައިގެން އިސްރާއީލް އޮތީ ގުރޫޕްގެ ތިންވަނައިގައެވެ. ގުރޫޕްގެ ފުލުގައިވާ ސްލޮވާކިޔާ އަށް ލިބެނީ އެންމެ ޕޮއިންޓެކެއެވެ.