ދީން

މަދީނާގެ ޤުރުއާން ޗާޕްޚާނާ: ހުއްޓުމެއްނެތް މާތް މަސައްކަތެއް


ހައްޖާއި ގުޅުންހުރި ފަހުގެ މަޢުލޫމާތުތައް، ސައުދީ އަރަބިއްޔާ އިން :- މުހައްމަދު އަފްސަލްކީރިތި ޤްރުއާން ޗާޕްކުރުމަކީ އާދައިގެ ކަމެއްނޫނެވެ. އެއްވެސް ކުށެއްނެތި ކިޔަންފަސޭހަ އަކުރުތަކުން ﷲ ގެ ކަލާމްފުޅު ފޮތެއްގެ ގޮތަށް ޗާޕްކުރާ އެންމެ ބޮޑު އެއްތަނަކީ މަދީނާގައި ހުންނަ ކިންގް ފަހުދު ގްލޯރިއަސް ޤްރުއާން ކޮމްޕްލެކްސްއެވެ.ދުނިޔޭގެ އެކި ތަންތަނުގައި ބޭނުންކުރަމުންދާ ޤްރުއާނުގެ ކޮޕީތައް ނުވަތަ ހަތިމްތަކުގެ ތެރެއިން ބޮޑުބައެއް ޗާޕްކުރަމުން އަންނަނީ މަދީނާގައި ހުންނަ ކިންގް ފަހުދު ގްލޯރިއަސް ޤްރުއާން ކޮންޕްލެކްސް ގައެވެ.17000 އަށްވުރެ ގިނަ މުވައްޒަފުން މަސައްކަތްކުރަމުންއަންނަ މި ތަނުގެ މަސައްކަތް ކުރިއަށްދަނީ ފޮތް ޗާޕްކުރާ އެހެން ޗާޕްހާނާ ތަކާއި ވަރަށް ތަފާތުކޮށެވެ.މިތަނުން ޗާޕްކޮށްގެން ނެރޭ ކީރިތި ޤްރުއާނުގެ ކޮޕީއާއި އަދި މި ނޫންވެސް ކީރިތި ޤްރުއާނާއި ގުޅުންހުރި ހުރިހާ މަސައްކަތެއްވެސް ކުރިއަށްދަނީ ސީދާ، ރަސްގެފާނުގެ ބެއްލެވުމުގެ ދަށުން އެކުލަވާލެވިފައިވާ ހާއްސަ ކޮމިޓީއެއްގެ ބެލުމުގެ ދަށުންނެވެ.މި ތަނުގެ އެތެރެއަށް ވަދެގެންދާއިރު އެންމެ ފުރަތަމަވެސް ލޮލުގައި އަޅައިގަންނަނީ މިތަނުގައި އެއްވެސް ފޫހިކަމެއްނެތި މަސައްކަތްކުރަމުންދާ މުވައްޒަފުންނެވެ.އެއްބަޔަކު ޕްރިންޓްކުރަމުންދާ ގަނޑުތައް ވަކިވަކިން ބަލާ ކުށެއް ހުރިތޯ ޕްރޫފް ރީޑްކުރަމުންދާއިރު، އެއްބަޔަކު މި ގަނޑުތައް ކަފާ އެއްތަނަކަށް އެއްކުރަމުންދެއެވެ. އަދި އަނެއްބަޔަކު ޕްރިންޓް ކުރާ މެޝިންތައް ސާފުކުރަމުންދާއިރު އަނެއް ބަޔަކު ނިމިފައިހުރި ހަތިމްތައް އެކި ތަންތަނަށް ފޮނުވުމަށް ފޮށްޓަށް އަޅާ ބަންދު ކުރަމުންދެއެވެ.ދުވާލެއްގެ މައްޗަށް ޚަތިމްގެ އެތައް ހާސް ކޮޕީއެއް މިޗާޕްޚާނާގައި އުފައްދާއިރު، އެންމެ ހައިރާންކުރުވަނިވި ކަމަކީ ކޮންމެ ހަތިމެއްގެ ކޮންމެ ގަނޑެއްވެސް ވަކިވަކިން ބަލާ އެއްވެސް ކަހަލަ ކުށެއް ނުވަތަ އުނިކަމެއް ހުރިތޯ ޗެކްކުރުމަށް ވަކި ހާއްސަ ބަޔަކު އަބަދުވެސް ތިބޭކަމެވެ.އަދި މިއާއި އެކު ޚަތިމުގެ ހުރިހާ ގަނޑުތަކެއް ޕްރިންޓްކޮށް، ޚަތިމެއްގެ ގޮތުގައި އެކުލަވާލެވި މި ޗާޕްޚާނާއިން ބޭރަށް ދިއުމުގެ ކުރިން ކޮންމެ ޚަތިމެއްވެސް ވަކިވަކިން ބަލާ ކިއުމަށްފަހު ޕްރޫފް ރީޑްކޮށް އޭގައި ސްޓޭމްޕް ޖެހިގެންދާކަމީވެސް ފާހަގަކޮށްލަންޖެހޭ ކަމެކެވެ.މިތަނުން ދުވާލެއްގެ މައްޗަށް ބާރަހާހަށްވުރެ ގިނަ ޚަތިމް ޕްރިންޓް ކުރަމުންދާއިރު، މިއާއިއެކު ޤްރުއާން ތަރުޖަމާކުރުމާއި، ޤްރުއާނުގެ ސޮފްޓްވެއާ ހެދުމާއި، ޤްރުއާނުގެ އޯޑިއޯ ސީޑީ އާއި އޮންލައިންކޮށް ޤްރުއާން އަޑުއެހޭނެގޮތަށް ރެކޯޑް ކުރުންވެސް މިތަނުގައި ކުރިއަށް ދެއެވެ.ރާއްޖޭގެ މިސްކިތްތަކުން އާންމުކޮށް ފެންނަ ރީތި އިސްލާމިކް ޑިޒައިނަށް ބޭރުގަނޑު ލާފައި ހުންނަ ޚަތިމްތައް ޕްރިންޓް ކުރާ މި ތަނަކީ އެކި ސައިޒްގެ ހަތިމްތައް ޕްރިންޓް ކޮށް އުފައްދާ ތަނެކެވެ.މިތަނުން ޗާޕްކުރާ ޚަތިމްތައް ހިލޭ ސައޫދީ ސަރުކާރުން މުސްލިމް އެކިގައުމުތަކަށްވެސް ފޮނުވައެވެ.