ވިޔަފާރި

ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ އެހީ އިތުރު 5 ރަށަކަށް


ބެންކް އޮފް މޯލްޑިވްސްގެ ކޮމިއުނިޓީ ފަންޑު ޕްރޮގްރާމްގެ ދަށުން އިތުރު 5 ރަށެއްގައި ޕްރޮޖެކްޓްތަކެއް ހިންގުމަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް އެބޭންކުން ނިންމައިފިއެވެ.

ބެންކް އޮފް މޯލްޑިވްސް، ބީއެމްއެލްގެ އަހަރެންގެ ކޮމިއުނިޓީ ފަންޑު ޕްރޮގްރާމަކީ އަމިއްލަ ފަރުދުންނާއި ހިލޭސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ދެމެހެއްޓެނިވި ގޮތެއްގައި ރަށްރަށުގައި ހިންގުމަށް ބޭނުންވާ ޕްރޮޖެކްޓްތަކަށް އެހީވުމުގެ ގޮތުން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ ދަށުން މުޖުތަމައަށް ފައިދާކުރާނެ ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހަޅާ ޕްރޮޖެކްޓްތަކުގެ ތެރެއިން އެންމެ ރަނގަޅު 5 ޕްރޮޕޯސަލް ހޮވައި، ކޮންމެ ޕްރޮޕޯސަލެއްގައި ހިމެނޭ ހަރަކާތް ހިންގުމަށްޓަކައި 50,000 ރުފިޔާ ދިނުމަށް ބީއެމްއެލުން ކަނޑައަޅާފައިވެއެވެ.

އަހަރެންގެ ބޭންކް ކޮމިނިއުޓީ ފަންޑުގެ މިއަހަރުގެ ދެވަނަ ކުއާޓަރގައި ހުށަހަޅާފައިވާ ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވޭ 5 ޕްރޮޖެކްޓް މިހާރު ވަނީ ހޮވާފައެވެ.
އެ ފަސް ޕްރޮޖެކްޓަކީ:
ރ. ކިނޮޅޮހުގެ ވޭސްޓްމެނޭޖްމަންޓް ސިސްޓަމްގައި ހިމެނޭ އެކި ބާވަތުގެ ކުނި ވަކިކުރުމުގެ ނިޒާމެއް ގާއިމްކޮށްދިނުން- ވާފިރު އަހުމަދު
ބ. ގޮއިދޫގައި އާންމުން ބޭނުންކުރާނެ ހިތްފަސޭހަ މައިޒާނެއް ގާއިމްކުރުން - ބ. ގޮއިދޫ ސްޕޯޓްސް އެންޑް ޔޫތް ޑިވެލޮޕްމަންޓް ސޮސައިޓީ
ގއ. ކޮލަމާފުށީގެ ސްކޫލުގައި އާރު.އޯ ޕްލާންޓް ބޭނުންކޮށްގެން ދަރިވަރުންނަށް ބޯފެން ފޯރުކޮށްދިނުން - –ޝާމާ ތައްހާން
ގދ. ނަޑެއްލާގައި ސޯލާ ބައްތި ހިމަނައިގެން ނޭޗާ ޕާކެއް ތަރައްގީކުރުން –- ނަޑެއްލާ އައިލެންޑް ޑިވެލޮޕްމަންޓް ސޮސައިޓީ

ފުވައްމުލަށް ސިޓީގެ ޕަބްލިކް ލައިބްރަރީ އަށް ފޮތް ހަދިޔާކުރުން - –ފާތިމަތު ރަޝީދު

ކޮމިއުނިޓީ ފަންޑު ޕްރޮގްރާމްގެ ދަށުން އިތުރު 5 ރަށެއްގައި ޕްރޮޖެކްޓްތަކެއް ހިންގުމަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމާއި ގުޅޭގޮތުން ބީއެމްއެލްގެ މެނޭޖަރ ޕަބްލިކް ރިލޭޝަންސް މުހައްމަދު ސައީދު ވިދާޅުވީ މި ފިޔަވަހީގައި ހޮވި ފަސް ޕްރޮޖެކްޓާއެކު މި ފަންޑުގެ ދަށުން މިހާތަނަށް މިވަނީ 30 ރަށެއްގައި މުޖުތަމައަށް ފައިދާކުރާ ޕްރޮޖެކްޓްތަކެއް ހިންގުމަށް އެހީތެރިކަން ފޯރުކޮށްދެވިފައިވާ ކަމަށެވެ.

" އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަަށް މިފަހަރުވެސް ރާއްޖޭގެ އެކި ރަށްރަށުގައި ޕްރޮޖެކްޓް ހިންގުމަށް އަޅުގަނޑުމެންނަށް ރަނގަޅު ޕްރޮޕޯސަލްތަކެއް ލިބިގެން ދިޔަ. ޖަމިއްޔާތަކުންނާއި އާންމު ފަރުދުންގެ ފަރާތުން ރަށްރަށަށް ބޭނުންތެރި މިފަދަ ޕްރޮޖެކްޓްތައް ކަރުދާހަށް ގެންނަވައި އަމަލީ މަސައްކަތް ނިންމެވުމަށް ކުރައްވާ ބުރަ މަސައްކަތްތައް ފާހަނގަކޮށް އެފަރާތްތަކަށް ޝުކުރު ދަންނަވަން. އަދި މި ޕްރޮޖެކްޓްތައް ކާމިޔާބުކަމާއެކު ނިންމާލުމުގައި ބައިވެރިވެވޭކަމީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއްވެސްމެ." ބީއެމްއެލްގެ މެނޭޖަރ ޕަބްލިކް ރިލޭޝަންސް މުހައްމަދު ސައީދު ވިދާޅުވިއެވެ.

އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކަށާއި، ތަޢުލީމާއި، ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހެޅޭ ޕްރޮޕޯސަލްތަކެކެވެ. މިއަހަރުގެ ޕްރޮޕޯސަލްތައް ހުށަހެޅުން 3 ފިޔަވައްސަކަށް ބަހާލުމަށްވަނީ ހަމަޖެހިފައެވެ. ފުރަތަމަ ދެ ފިޔަވަހީގައި 10 ޕްރޮޕޯސަލް ހޮވާފައިވާއިރު ތިންވަނަ ފިޔަވަހީގައި އެކަނިވެސް 10 ޕްރޮޕޯސަލް ހޮވުމަށް ބޭންކުން ވަނީ ނިންމާފައެވެ.