ކުޅިވަރު

މެޗުން ބަލިވުމުން ކަންބޮޑެއް ނުވޭ: އެންރީކޭ


ޔުއެފާ ނޭޝަންސް ލީގުގައި ޔޫކްރެއިން އަތުން ބަލިވުމުން ކަންބޮޑުނުވާ ކަމަށް ސްޕެއިންގެ ކޯޗު ލުއިސް އެންރީކޭ ބުނެފިއެވެ.

ޔޫކްރެއިންއާ ވާދަކޮށް 1-0 އިން ބަލިވި މެޗަށްފަހު ނޫސްވެރިންނާ ވާހަކަދައްކަމުން އެންރީކޭ ބުނީ ލަނޑު ނެޖުހުން ފިޔަވާ ހުރިހާ ކަމެއް މެޗުގައި ދިޔައީ ބަރާބަރަށް ކަމަށެވެ. ލަނޑު ޖެހުމަށް ބޭނުންވާ ވަރަށް މެޗުގައި ސްޕެއިނުން ފުރުސަތު ތަނަވަސް ކުރިކަމަށް އެންރީކޭ ބުންޏެވެ. މުޅި މެޗު ޑޮމިނޭޓްކޮށްގެން ކުޅުނީ އޭނާގެ ޓީމުން ކަމަށާއި އޭނާގެ ކެރިޔަރުގައިވެސް މޮޅަށް ކުޅެ ބަލިވެފައިވާ މިކަހަލަ މެޗުތައް ތަޖުރިބާ ކޮށްފައިވާކަމަށް ސްޕެއިންގެ ގައުމީ ޓީމުގެ ކުރީގެ ކުޅުންތެރިޔާ ބުންޏެވެ.

އޭނާ ބުނީ ބަލިވިޔަސް ޓީމުގެ ވިސްނުން ގޯސްނޫން ކަމަށެވެ. ދަނޑު މަތީގައި ކުޅުންތެރިންގެ ފަރާތުން ފެނިގެންދިޔަ ހުރިހާ ކަމެއް ވެސް އޭނާ ވަރަށް ގަޔާވާކަމަށް ސްޕެއިންގެ ކޯޗު ބުންޏެވެ. މިމެޗުން ބަލިވުމާ ހަމަޔަށް ސްޕެއިންނުން ވަނީ ބަލިނުވެ ސޯޅަ މެޗު ހަމަކޮށްފައެވެ. މިއީ މި މުބާރާތުގައި ކުޅުނު 8 މެޗުގެ ތެރެއިން ސްޕެއިން ޓީމަށް ލަނޑެއް ނުޖެހި މެޗެއް ނިންމާލަން ޖެހުނު ފުރަތަމަ ފަހަރެއެވެ. މެޗުން ބަލިވި ނަމަވެސް ސްޕެއިން އޮތީ 7 ޕޮއިންޓާއެކު ގުރޫޕްގެ އެއްވަނައިގައެވެ.