ކުޅިވަރު

ރޮނާލްޑޯ ފަހަތަށް ޖައްސާލުމަށްފަހު ބްރެޒިލްގެ ލަނޑު ލިސްޓުގެ ދެވަނައަށް ނޭމާ


ވަރލްޑް ކަޕް ކޮލިފައިންގައި ޕެރޫ ކޮޅަށް ޖެހި ތިން ލަނޑާއެކު ބްރެޒިލްގެ ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިންގެ ލިސްޓުގެ ދެވަނައަށް ނޭމާ ޖެހިލައިފިއެވެ.

މިހާރު އުމުރުން 28 އަހަރުގެ ނޭމާ ދެވަނައަށް އެރީ ބްރެޒިލްގެ ރޮނާލްޑޯ ފަހަތަށް ޖައްސާލުމަށްފަހުއެވެ. ނޭމާ ވަނީ މިހާތަނަށް ބްރެޒިލްގެ ގައުމީ ޓީމަށް ކުޅުނު 103 މެޗުގައި 64 ލަނޑު ކާމިޔާބުކޮށްފައެވެ. 17 އަހަރު ބްރެޒިލްގެ ގައުމީ ޓީމަށް ކުޅުނު ރޮނާލްޑޯ ވަނީ 98 މެޗުގައި 62 ލަނޑު ގައުމީ ޓީމަށް ކާމިޔާބުކޮށްދީފައެވެ. މީގެ އިތުރުން ރޮނާލްޑޯ ވަނީ ވަރލްޑް ކަޕް ފުޓްބޯޅަ މުބާރާތާއި ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތް 2 ފަހަރު ކާމިޔާބުކޮށްފައެވެ. އަދި ކޮންފަޑެރޭޝަން ކަޕް ފުޓްބޯޅަ މުބާރާތް ވެސް ރޮނާލްޑޯ ވަނީ ބްރެޒިލްއާއެކު ކާމިޔާބުކޮށްފައެވެ.

ލިސްޓުގެ ކުރީގައި އޮތީ 77 ލަނޑު ކާމިޔާބުކުރި ބްރެޒިލްގެ ޕެލޭއެވެ. ޕެލޭ ވަނީ ގައުމީ ޓީމާއެކު ތިން ވަރލްޑް ކަޕް ކާމިޔާބުކޮށްފައެވެ. އޮލިމްޕިކް ފުޓްބޯޅަ މުބާރާތުން ރަން މެޑަލް ހޯދުން ފިޔަވާ މާ ބޮޑު ކާމިޔާބީއެއް ބްރެޒިލްގެ ޖާޒީގައި މިހާތަނަށް ނޭމާއަށް ހޯދިފައެއް ނުވެއެވެ.