ދުނިޔެ

ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކޮށް، ފަރަންސޭސިވިލާތުގައި ވަރުގަދަ ފިޔަވަޅުތަކެއް


ފަރަންސޭސިވިލާތުގައި ކޯވިޑް-19 ފެތުރޭ މިންވަރު އިތުރުވުމުގެ ސަބަބުން އެ ޤައުމުގައި އަނެއްކާވެސް ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކޮށްފިއެވެ. އެއާއެކު ފަރަންސޭސިވިލާތުގެ ސަރުކާރަށް ކޯވިޑް-19އާ ދެކޮޅަށް ފިޔަވަޅުތައް އެޅުމުގައި އިތުރު ބާރުތައްވަނީ ލިބިފައެވެ.

ފަރަންސޭސިވިލާތުގެ ރައީސް އެމަނުއަލް މެޚްރޮންވަނީ ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތުގެ ދަށުން އެންމެ ބޮޑަށް ބަލި ފެތުރޭ ސަރަޙައްދުތަކުގައި ރޭގަނޑު 9 އަކުން ހެނދުނު 6 އަކާއި ދެމެދު ބޭރުތެރެއަށް ނުކުމެ އުޅުން މަނާކޮށް ކާފިއު ހިންގާފައެވެ. އެގޮތުން ފަރަންސޭސިވިލާތުގެ އާބާދީގެ ތިންބައި ކުޅަ އެއްބައި ދިރިއުޅޭ ވެރިކަންކުރާ ޕެރިސް ސަރަޙައްދާއި މާސެއިލް، ތޫލޫސް، ގްރެނޮބުލް، މޮންޓްޕެލިއަރ، ރޫއެން، ލިޔޯން، ސެއިންޓް-އެޓިއެން އަދި ލިލޭ ހިމެނެއެވެ.

އެ ސިޓީތަކުގައި 20 މިލިއަނަށްވުރެ ގިނަ މީހުން ދިރިއުޅެއެވެ. ހަތަރު ހަފުތާގެ މުއްދަތަށް ކާފިއު އިޢުލާނުކޮށްފައިވީ ނަމަވެސް އެ މުއްދަތަށް ދެ ހަފުތާ އިތުރުކުރުމަށް ޤާނޫނު ހަދާ މަޖިލީހުގައި އެދޭނެކަމަށް ރައީސް މެޚްރޮން ވިދާޅުވިއެވެ. މުއްދަތު އިތުރުކުރުމަށް މަޖިލީހުގެ ރުހުން ލިބިއްޖެނަމަ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހާހަމައަށް ކާފިއުގެ އުސޫލުތައް ދަމަހައްޓާނެއެވެ.

ރައީސް މެޙްރޮން ވިދާޅުވީ ބަލި ފެތުރެނީ ޕާޓީތަކާއި އިޖުތިމާޢީ އެއްވުންތަކުގެ ސަބަބުންކަމަށާއި ބަލި ފެތުރޭ މިންވަރު ދަށްކޮށް ހަސްފަތާލުތަކަށް ބާރުބޮޑުވިޔަ ނުދިނުމަށް މިހާރުން މިހާރަށް ފިޔަވަޅު އަޅަންޖެހޭކަމަށެވެ. ކާފިއުގެ ސަބަބުން ރޭގަނޑުގެ ވަގުތުތަކުގައި އިޖުތިމާޢީ ޙަރަކާތްތައް މެދުކެނޑޭނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ނަމަވެސް ކާފިއުގެ ގަޑީގައި ޒަރޫރީ ބޭނުންތައް ފުއްދުމަށް ބޭރަށް ނުކުމެވޭނެކަމަށް ރައީސް މެޚްރޮން ވިދާޅުވިއެވެ. ކާފިއުގެ އުސޫލުތަކާ ޚިލާފުވާ މީހުން 135 ޔޫރޯއިން ޖޫރިމަނާކުރާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ފަރަންސޭސިވިލާތުގައި މިހާތަނަށް 779،063 މީހުންނަށް ބަލިޖެހި 33،037 މީހުންވަނީ މަރުވެފައެވެ. ފަރަންސޭސިވިލާތުގައި ދުވާލެއްގެ މައްޗަށް 20،000އަށްވުރެ ގިނަ މީހުންނަށްދަނީ ބަލިޖެހެމުންނެވެ. އެ ޢަދަދު 3،000އަށް ދަށްކުރުމަކީ ސަރުކާރުގެ އަމާޒުކަމަށް ރައީސް މެޚްރޮން ވިދާޅުވިއެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 22،591 މީހުންނަށް ބަލިޖެހި 104 މީހުން އެ ޤައުމުގައިވަނީ މަރުވެފައެވެ.

މިދިޔަ މާރިޗު މަހުގައިވެސް ފަރަންސޭސިވިލާތުންވަނީ ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކޮށްފައެވެ. އެފަހަރު މުޅި ޤައުމުވަނީ ފުރަބަންދުކޮށްފައެވެ. ނަމަވެސް ދެވަނަ ފަހަރަށް ޤައުމު ފުރަބަންދުކުރާނެކަމަށް ނުބެލެވޭކަމަށް މެޚްރޮން ވިދާޅުވިއެވެ. މިހާރު އަޅާފައިވާ ފިޔަވަޅުތަކާ އެއްގޮތަށް ޢާންމުންގެ ޢަމަލުތައް ބަހައްޓައިފިނަމަ އެންމެން އެކުގައި މަސައްކަތްކޮށްގެން ބަލިމަޑުކަމުން އަރައިގަނެވޭނެކަމަށް ރައީސް މެޚްރޮން ވިދާޅުވިއެވެ.