ޚަބަރު

މިހާތަނަށް 62 އުޅަނދު ބަލާ ޗެކްކޮށްފައިވޭ- އެމްއެންޑީއެފު


ކޯސްޓްގާޑު
ސިފައިން މިހާރު ހިންގަމުންދާ ޚާއްޞަ އޮޕަރޭޝަންގައި މިހާތަނަށް ޗެކްކުރެވުނު
އުޅަނދުތަކުގެ ތެރެއިން 19 އުޅަނދެއްގައި ސަލާމަތީކަންކަން ރަނގަޅުކުރުމަށް
ނަޞޭހަތް ދީފި އެވެ.



ބަރަކާތްތެރި
އަޟްހާ ޢީދު ޗުއްޓީއަށް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ދަތުރުކުރަމުންދާ
ކަނޑުމަތީގެ އުޅަނދުފަހަރު ބަލާ ފާސްކުރުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން މިހާރު
ހިންގަމުންދާ އޮޕަރޭޝަންގައި މިހާތަނަށް 62 އުޅަނދެއް ޗެކް ކޮށްފައިވާކަމަށް އެމްއެންޑީއެފުން ހާމަކުރެއެވެ.



ކޯސްޓްގާޑުން
ހިންގަމުންދާ މި އޮޕަރޭޝަންގައި، ސިފައިންދަނީ އޮޑި ދޯނިފަހަރަށް އަރައި، ލައިފް
ޖެކެޓާއި އަލިފާން ނިއްވުމަށް ބޭނުންކުރާ ސާމާނާއި އަދި މުދަލާއި ޕަސިންޖަރުން
އުފުލުމުގައި ސަލާމަތީ ގޮތުން ބަލަންޖެހޭ ކަންކަން ބެލުމުގެ މަސައްކަތް އިއްޔެއިން
ފެށިގެން ކުރަމުން ނެވެ.



މިއޮޕަރޭޝަންގައި
ކޯސްޓްގާޑުން ބަލާ ޗެކްކުރެވުނު އުޅަނދުތަކުގެ ތެރެއިން 37 އުޅަނދެއްގެ
ސަލާމަތީ ކަންކަން ފުރިހަމަކުރެވިފައި ހުރިކަމަށް ކޯސްޓް ގާޑުން
މައުލޫމާތުދެއެވެ.



 އަދި މިއޮޕަރޭޝަން ހިންގުމުގައި ރައްޔިތުންގެ
ފަރާތުން ސިފައިންނަށް ލިބެމުންދާ އެހީތެރިކަމާއި އެއްބާރުލުންވެސް ކޯސްޓްގާޑުން
ފާހަގަކުރެއެވެ.



އަދި މިއީ ބަރަކާތްތެރި އަޟްހާ ޢީދުގެ ޗުއްޓީކަމަށްވުމާއެކު، މި ދުވަސްވަރަކީ ގިނަ އަދަދެއްގެ ބަޔަކު ކަނޑުމަގުން އެއްރަށުން އަނެއް ރަށަށް ދަތުރުތަކެއް ކުރަމުންދާ ދުވަސްވަރެއްކަމުން ކަނޑު މަގުން ދަތުރުކުރާއިރު، ހުރިހާ ފަރާތްތަކަކުންވެސް މޫސުމާއި ބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯއްދުމަށްފަހު ދަތުރުތައް ރޭވުމަށްވެސް ކޯސްޓްގާޑުން އިލްތިމާސް ކުރެއެވެ.