ޚަބަރު

ވެސްޓް ޕާކް ހުސްކޮށް އެސަރަހައްދުން ދުއްވޭނެ ގޮތް ހަދައިފި


ވެސްޓް ޕާކް ހުސްކޮށް އެ ސަރަޙައްދުގައި ފަސޭހައިން ދުއްވޭނެގޮތް ހަދައިފިއެވެ.

މާލޭގެ ބޮޑުތަކުރުފާނުމަގުން މާލެ ވަށައި ދުއްވޭނޭހެން ހުޅުވާލުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވަޢުދުފުޅެކެވެ. ރަސްފަންނު ހެދުމަށް ކުރީގެ ސަރުކާރުން ބޮޑުތަކުރުފާނު މަގުގައި ފަސްއަޅައި ބަންދުކުރި ސަރަޙައްދު ހުޅުވާލުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ ފެބްރުއަރީމަހުގެ ތެރޭގައެވެ.

ވެސްޓް ޕާކް ހުސްކޮށް އެ ސަރަޙައްދުގައި ފަސޭހައިން ދުއްވޭނެ ގޮތްހަމަޖައްސާފައިވާއިރު އެތާ ހަދާފައިވާ ބުރު ވަށައި ދުއްވޭނެ ގޮތް ވަނީ ހަމަޖައްސާފައެވެ. ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ސިޓީ ކައުންސިލްގެ މޭޔަރ ސިފާ މުޙައްމަދު ވިދާޅުވީ އެ ސަރަޙައްދުގައި ފަސޭހައިން ދުއްވޭނެ އިންތިޒާމް ހަމަޖެއްސުމާއެކު އެ ސަރަޙައްދުގައި ބަސް ސްޓޮޕެއް ހެދުމަކީވެސް އަމާޒެއްކަމަށެވެ. އަދި މާފަންނުގައި ދިރިއުޅޭ ގިނަ ބައެއްގެ އެދުމާއެކު އެ ތަނުގައި އޯޕަން ޖިމްއެއް ހެދުމުގެ އިތުރުން އެ ސަރަޙައްދަކީ ފެހި ސަރަޙައްދަކަށް ހެދުމުގެ ޕްލޭނެއްވެސް އެބައޮތްކަމަށެވެ. ސިފާ ވިދާޅުވީ އެތަން ތަރައްޤީ ކުރުމުގެ އިތުރަށް އެ ސަރަޙައްދުގައި މަސްބާނާ ސަރަޙައްދުވެސް ތަރައްޤީ ކުރުމަށް ނިންމާފައިވާކަމަށެވެ.

މާލޭގެ ބޮޑުތަކުރުފާނުމަގުން މާލެ ވަށައި ދުއްވޭނޭހެން ހުޅުވާލުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ނިންމެވުމާ ގުޅިގެން އެމަގު ހުޅުވާލާފައިވަނީ މިދިޔަ އޯގަސްޓް މަހުގެ ތެރޭގައެވެ.

ވެސްޓް ޕާކް ސަރަޙައްދަކީ ރަސްފަންނު ތަރައްޤީ ކުރިއިރު ބޮޑުތަކުރުފާނު މަގުން ވެލި އަޅާ ބަންދުކޮށް އެ ސަރަހައްދުގައި ގާޑިޔާތަކެއް ބަހައްޓާފައިވާ ސަރަހައްދެކެވެ. މިއާއެކު އެ ސަރަހައްދުގައި ދުވާ މީހުންނަށްވެސް އުނދަގޫތަކާ ކުރިމަތިލާން ޖެހުނެވެ. މީގެ އިތުރުން ވެސްޓް ޕާކް ބަންދުކޮށް އެތަނަށް ގިނަ އަދަދަކަށް ކުނި އަޅާފައި ހުރުމުގެ ސަބަބުން އެމައްސަލަވެސް ބޮޑުވެގެންދިޔައެވެ.

މިސަރަހައްދުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން ޙަވާލުކޮށްފައިވަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އާރް.ޑީ.ސީއާއެވެ. އެ ކުންފުނިން މި މަސައްކަތްކޮށްފައި ވަނީ މާލޭގެ މަގުތައް ރަނގަޅު ފެންވަރަކަށް މަރާމާތުކުރުމަށް ސިޓީ ކައުންސިލުން ކުރިއަށްގެންދާ މަޝްރޫޢުގެ ތެރެއިންނެވެ. ރަސްފަންނު ހެދުމަށްޓަކައި މ. ރާވެރިގެއިން ފެށިގެން ވެސްޓްޕާކާއި ހަމައަށް ބޮޑުތަކުރުފާނުމަގުގައި ގާތްގަނޑަކަށް 2 ފޫޓަށް ވެލި އަޅާފައިވަނީ ކުރިން ދުއްވަން ބޭނުންކުރި މަގުގެ ގާތައްވެސް ނުނަގައެވެ.

އެހެންކަމުން އާރް.ޑީ.ސީން ވަނީ އެތަނަށް އަޅާފައިވާ ވެލިތައް ނެގުމަށްފަހު، ވެހިކަލްތަކަށް ފަސޭހައިން ދުއްވޭނޭހެން ގައު އަތުރާފައެވެ. އެމަގު އަލުން ހުޅުވާފައިވަނީ ދުވާ މީހުންނަށް ޚާއްސަކޮށްގެން އެތަނުގައި ތައްޔާރުކޮށްފައިވާ ޓްރެކްވެސް ނެގުމަށްފަހުއެވެ.

މާލޭގެ މަގުތައް މަރާމާތުކުރުމަށް ކުރިއަށްގެންދާ "ސްޓްރީޓް ސްކޭޕިން ޕްރޮޖެކްޓް"ގެ ދަށުން ފުރަތަމަ ތަރައްޤީ ކުރުމަށް ރާވާފައި ވަނީ މާލޭގެ އެންމެ ހުޅަނގުންނެވެ. ރަސްފަންނު ހެދުމަށް ބަންދުކުރިމަގު އަލުން ހުޅުވާލުމާއެކު ޓްރެފިކަށް ބާރުބޮޑުނުވެ، ކަނބާއައިސާރަނި ހިނގުމާއ، އެމަގާއި ގުޅިފައިހުރި ގޯޅިތައް ތަރައްޤީކުރެވިގެންދާނެކަމަށްވެސް މާލޭ ސިޓީ ކައުންސިލުން ވިދާޅުވެއެވެ.