ކުޅިވަރު

ނޭޝަންސް ލީގު: ޔޫކްރެއިން އަތުން ސްޕެއިން ބަލިވެއްޖެ


ޔުއެފާ ނޭޝަންސް ލީގުގެ ލީގު އޭގެ ގްރޫޕް ތިނެއްގައި ސްޕެއިންގެ މައްޗަށް ޔޫކްރެއިން ކުރި ހޯދައިފިއެވެ.

ޔޫކްރެއިންގައި ކުޅުނު މި މެޗުގައި ސްޕެއިން ބަލިވީ 0-1 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި ލަނޑު ޖަހާނެ ގިނަ ފުރުޞަތުތައް ތަނަވަސްކޮށްފައިވަނީ ސްޕެއިން ޓީމުންނެވެ. މި މެޗުގައި ޔޫކްރެއިންގެ ހަމައެކަނި ލަނޑު މެޗުގެ 76 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މިޑްފީލްޑަރ ވިކްޓާ ސިގެންކޯވްއެވެ. އޭނާ މި ގޯލު ޖެހީ އޭރިއާ ބޭރުން ޔާމޮލެންކޯ ދިން ޕާހަކުންނެވެ. އެވަގުތު ސްޕެއިން ގެ ކީޕަރ ޑޭވިޑް ޑެހެއާ ހުރީ ވަރަށް ބޮޑަށް ކުރިޔަށް ނުކުމެއެވެ.

ސްޕެއިންގެ ފުރަތަމަ އެގާރައިގައި ހިމެނުނު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ އަންސޫ ފަޓީއަށް މި މެޗުގައި މާ އެދެވޭ ކުޅުމެއް ނުދެއްކުނު އިރު މި މެޗު ކުޅުނީ ޔުއެފާގެ އާ ގައިޑްލައިންގެ ދަށުން ސަޕޯޓަރުން ވައްދައިގެންނެވެ. މި މެޗުގައި ޔޫކްރެއިންގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ކުޅިބަލަން ދަނޑަށް ވަދެފައިވެއެވެ.

މި ނަތީޖާއާއެކު ސްޕެއިން ހިމެނޭ ގްރޫޕްގެ އެއްވަނައިގައި ހަތަރު މެޗު ކުޅެގެން ހޯދި 7 ޕޮއިންޓާއެކު އޮތީ ސްޕެއިންއެވެ. ދެވަނައިގައި ޖަރުމަނު އޮތީ ހަތަރު މެޗުން ލިބުނު 6 ޕޮއިންޓާއެކުއެވެ. އަދި ތިން ވަނައިގައި ޔޫކްރެއިން އޮތްއިރު ގްރޫޕްގެ ފުލުގައި އޮތީ ސްވިޒަލޭންޑްއެވެ.