ކުޅިވަރު

ގުރޫޕުގެ އެއްވަނަ ހޯދައި ފައިނަލް ބުރުގައި ވާދަކުރަން ބޭނުން: މަންޗީނީ


ނޭޝަންސް ލީގުގައި މިރޭ ނެދަލޭންޑްސް އާ ދެކޮޅަށް ނުކުންނައިރު ބޭނުންވަނީ އެއްވަނައިގަ އޮވެ ގުރޫޕް ސްޓޭޖު ނިންމާ ފައިނަލް ބުރުން ޖާގަ ހޯދަން ކަމަށް އިޓަލީގެ ކޯޗު ރޮބާޓޯ މަންޗީނީ ބުނެފިއެވެ.

މެޗުގެ ކުރިން ވާހަކަ ދައްކަމުން މަންޗީނީ ބުނީ ޒުވާން ޓީމަކާ އެކު ކުރިއެރުން ހޯދޭނެ ކަމުގެ އުންމީދު ލިބިއްޖެ ކަމަށެވެ. އޭނާ ބުނީ މި ހާލަތުގައި އެންމެ ލަނޑެއް ޖަހައިގެން ސަލާމަތް ވެވުނަަސް މައްސަލައެއް ނެތްކަމަށެވެ. މަންޗީނީ ބުނީ ނެދަލެންޑްސް އަކީ ވަރުގަދަ ޓީމެއްކަމަށާއި އެޓީމުގައި ހުނަރުވެރި ޒުވާން ކުޅުންތެރިން ވެސް ގިނަކަމަށެވެ. ނެދަލޭންޑްސުން އަންނަނީ މެޗަކަށްފަހު މެޗެއް ރަނގަޅު ކުރަމުން ކަމަށާއި މިއީ ރީތި ކުޅުމެއް ފެންނާނެ މެޗަކަށް ވާނެކަމަށް މަންޗީނީ ބުންޏެވެ.

އިޓަލީން މަސައްކަތް ކުރަނީ ޒުވާން ޓީމެއް ބިނާކުރަން ކަމަށާއި މި ގުރޫޕް މިހާރު ފެންނަނީ ވަރަށް ހަމަހަމަކޮށް ކަމަށް މަންޗީނީ ބުންޏެވެ. މި ފެންވަރުގެ މެޗުތަކުގައި ވާދަކުރިވަރަކަށް ޓީމަށް ލިބޭ ކުރިއެރުން ފެންނާނެ ކަމަށް މަންޗީނީ ބުންޏެވެ. މިދިޔަ ސެޕްޓެންބަރުގައި މި ދެޓީމު ވާދަކުރި މެޗު 1-0 އިން ކާމިޔާބުކުރީ އިޓަލީއެވެ.