ޚަބަރު

ބަރުލަމާނީ ނިޒާމަށް ވެރިކަން ބަދަލުކުރަން ހުށައެޅި ބިލުގެ ފުރަތަމަ ކިޔުން އިއްވައިފި


ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ޤާނޫނު އަސާސީއަށް ހުށަހެޅި އިސްލާހުގެ ބިލުގެ ފުރަތަމަ ކިޔުން އިއްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ހުށަހަޅާފައިވާ މިބިލުގެ ފުރަތަމަ ކިޔުން މިއަދު އިއްވާފާއި ވާއިރު، އަންނަ ހަފްތާގައި މިބިލުގެ އިބްތިދާއީ ބަހުސް ކުރިއަށް ގެންދެވޭނެ ކަމަށް ބެލެވެ އެވެ. ބިލުގެ ފުރަތަމަ ކިޔުމާއި ހަމައަށް އައުމުގެ ކުރިން މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ގާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް ހުށަހަޅުއްވާފައިވާ އިސްލާހަކީ މިވަގުތު ބަހުސްކުރަން އެންމެ ރަނގަޅު އިސްލާހެއް ނޫންކަމަށެވެ.

ރާއްޖޭގެ ވެރިކަން ހިންގުން ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ގާނޫނު އަސާސީއަށް އިސްލާހު ގެނައުމުގެ ބިލެއް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ހުށަހަޅުއްވާފައި ވަނީ އޮގަސްޓް މަހުގެ 24 ވަނަ ދުވަހުގަ އެވެ. ޖާބިރު ހުށަހެޅުއްވި ބިލުގައި ބުނެފައިވަނީ ރާއްޖޭގައި ވެރިކަމުގެ ނިޒާމަކީ ރިޔާސީ ނިޒާމެއް ކަމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ނިންމާފައިވީ ނަމަވެސް، ގާނޫނު އަސާސީގައި ވަކި ނިޒާމެއްގެ ވާހަކަ ސީދާ ބަޔާންކޮށްފައިނުވާ ކަމަށެވެ.

އަދި ރިޔާސީ ނިޒާމަކަށް ރައްޔިތުން ވޯޓު ދީފައިވީ ނަމަވެސް، 2008 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ބޭއްވުނު ރިޔާސީ އިންތިހާބުތަކަށްފަހު ވެރިކަން ހިންގަމުން އައިސްފައިވަނީ ބަރުމަލާނީ ނިޒާމެއްގެ ސިފަތަކުގެ މައްޗަށް ކަމަށްވެސް ޖާބިރު ވަނީ ފާހަގަ ކުރައްވައިފަ އެވެ.

އެކަމުގެ ސަބަބުން ރައްޔިތުންނަށް ބޮޑެތި ގެއްލުންތައް ލިބެމުންދާއިރު، ގާނޫނު އަސާސީ އިސްލާހުކޮށްގެން، ނިޒާމް ބަދަލުކުރުމަކުން ރައްޔިތުންގެ ހައްގުތަކަށް އެއްވެސް އުނިކަމެއް ނައުމުގެ އިތުރުން ގާނޫނު އަސާސީ އާއި ތައާރަޒުނުވާނެކަމަށް އެ ބިލުގައި ވަނީ ބަޔާންކޮށްފަ އެވެ.