ޚަބަރު

އިނގިރޭސިވިލާތުގައި އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ހަރުކަށިކުރުމުގެ ފުރުޞަތު އެބައޮތް


ކޯވިޑް-19އާ ދެކޮޅަށް އިނގިރޭސިވިލާތުގައި އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ހަރުކަށިކުރަން ޖެހިދާނެކަމުގެ އިންޒާރު އެ ޤައުމުގެ ސަރުކާރުން ދީފިއެވެ.

އިނގިރޭސިވިލާތުގައި މިހާތަނަށް 617،688 މީހުންނަށް ކޯވިޑް-19 ޖެހި 42،875 މީހުންވަނީ އެބަލީގައި މަރުވެފައެވެ. ހަލުވިކަމާއެކު ބަލި ފެތުރެމުންގޮސް މަޑުޖެހުމަށްފަހު އެ ޤައުމުގައި ބަލިފެތުރޭ މިންވަރުވަނީ އަނެއްކާވެސް އިތުރުވާން ފަށައިފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 13،972 މީހުންނަށް ބަލިޖެހި 50 މީހުންވަނީ މަރުވެފައެވެ.

އޮކްޓޯބަރު މަހުގެ 12 ވަނަ ދުވަހުގައި އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޮންސަންވަނީ މަރުޙަލާތަކަކަށް ބަހާލައިގެން އެ ޤައުމުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާނެ އައު ނިޒާމެއް އިޢުލާނުކުރައްވާފައެވެ. އެ ފިޔަވަޅުތަކުގެ ދަށުން ލިވަޕޫލްއާއި މަރސީސައިޑުގެ ސަމާލުގެ މިންވަރުވަނީ އެންމެ މަތިކޮށްފައެވެ. އެގޮތުން ޙާލަތު އެންމެ ގޯސްވެފައިވާ ސަރަޙައްދުގައި ހަމައެކަނި ދިޔާތަކެތި ވިއްކާ ކެފޭތަކާއި ރެސްޓޯރަންޓުތައް ބަންދުކުރުމަށްވަނީ އަންގާފައެވެ. ނަމަވެސް މައި ކެއުންތައް ވިއްކާ ކެފޭތައް ހުޅުވާފައި ބެހެއްޓުމުގެ ޙުއްދަވަނީ ދީފައެވެ.

އިނގިރޭސިވިލާތުގެ ހައުސިން ސެކެޓްރީ ރޮބާޓް ޖެންރިކް ވިދާޅުވީ އެ ޤައުމުގައި ކޯވިޑް-19 ގެ ދެވަނަ ރާޅު ފެތުރެމުންދާ މިންވަރު އިތުރުވަމުންދާނަމަ މިހާރު އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ހަރުކަށިކުރަންޖެހޭނެކަމަށެވެ. ޖެންރިކް ވިދާޅުވީ މިހާރު އަޅާފައިވާ ފިޔަވަޅުތަކަކީ ކޮންމެހެން އަޅަންޖެހޭ ފިޔަވަޅުތަކެއްކަމަށް މަރސީސައިޑުގެ ސަރަޙައްދީ ސަރުކާރަށް ބުނެދީފައިވާނެކަމަށާއި އިތުރު ފިޔަވަޅުތައްވެސް އަޅަންޖެހުން އެކަށީގެންވާކަމަށް ބުނެފައިވާނެކަމަށެވެ. ސަރަޙައްދީ ސަރުކާރުތަކާއި މަރުކަޒީ ސަރުކާރުން އެކުގައި މަސައްކަތްކޮށް އެންމެ އެދެވޭ އަދި އެކަށީގެންވާ ފިޔަވަޅުތައް އެޅުމަށް ސަރުކާރުން ބޭނުންވާކަމަށް އޭނާ ވިދާޅުވިއެވެ.