ޚަބަރު

ވޭތުވެ ދިޔަ ދެމަހު އާއްމު ރޯގާތައް ޖެހިގެން ރިޕޯޓުކުރި އަދަދު މަދުވެއްޖެ

ވޭތުވެދިޔަ އަހަރުތަކާ އަޅާބަލާއިރު މިއަހަރުގެ މިހާތަނަށް ޑެންގީ ހުން ޖެހިފައިވާ މިންވަރާއި ރިޕޯޓްކޮށްފައިވާ މިންވަރު މަދުކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން ވިދާޅުވެއްޖެއެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން މިދިޔަ އަހަރުގެ އޮގަސްޓްމަހު 20 މީހަކަށް ވަނީ ޑެންގީހުން ޖެހިފައެވެ. އެހެންމަވެސް މިއަހަރުގެ އޯގަސްޓްމަހުގެ ފަހު ހަފްތާގެ ތަފާސް ހިސާބަށް ބަލާއިރު ޑެންގީ ޖެހިފައި ވަނީ 5 މީހަކަށެވެ. އަދި މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު 12 މީހުންނަށް ޑެންގީހުން ޖެހުނުއިރު މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ފަހު ހަފްތާގައި 4 މީހަކަށް ބަލި ޖެހިފައިވާކަމަށް މި ތަފާސް ހިސާބުތަކުން ދައްކައެވެ.

އަރިދަފުސް ރޯގާގެ ތަފާސް ހިސާބުތަކަށް ބަލާއިރު މި ދިޔަ އަހަރުގެ އޯގަސްޓްމަހު 2967 މީހުން ރިޕޯޓްކުރިއިރު މިއަހރުގެ އޮގަސްޓް މަހު ރިޕޯޓްކޮށްފައިވަނީ 818 އެވެ. މިދޔަ އހަރުގެ ސެޕްޓެމްބަރު މަހު 3154 މީހުން ރޯގާޖެހިގެން ރިޕޯޓް ކުރިއިރު މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ރިޕޯޓްކޮށްފައިވަނީ 936 މީހުންނެވެ.

އެޗްޕީއޭއިން ވިދާޅުވީ މިއަހރުގެ ފުރަތަމަ 3 މަސްދުވަހާ އަޅާބަލައިރު އޭޕްރީލް މަހުން ފެށިގެން އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓްކޮށްފައިވާ އަދަދު މަދުކަމަށެވެ. ނަމަވެސް ޖުލައި މަހު ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވިކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.

ބޭރަށް ހިންގުމާއ ހޮޑުލުންވެސް މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު މިއހަރު މަދެވެ. އެގޮތުން މިއަހަރުގެ އޯގަސްޓް މަހު 242 ދެ މީހަކު ރިޕޯޓްކޮށްފައިވާއިރު މިދިޔަ އަހަރުގެ މި މުއްދަތުގައި ރިޕޯޓްކޮށްފައި ވަނީ 919 އެވެ. އަދި ސެޕްޓެމްބަރު މަހު 184 މީހުން ރިޕޯޓް ކުރިއިރު މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ރިޕޯޓްކޮށްފައި ވަނީ 767 މީހުންކަމަށް އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކައެވެ. އެޗްޕީއޭއިން ވިދާޅުވީ ބޭރަށް ހިންގުމާއި ހޮޑުލުމުގެ ކޭސްތައް މެއިމަހު އިތުރުވިނަމަވެސް ޖޫންމަހުގެ ތެރޭ އެއަދަދު ދަށައް ދާން ފަށާފައިވާކަމަށެވެ.

އެޗްޕީއޭއިން ވަނީ މިބަލިތައް ރެކޯޑް ކުރެވޭ އަދަދު މަދުވިނަމަވެސް ރައްކާތެރިވުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކޮށްފައެވެ. އަދި ރޯގާ ޖެހިއްޖެނަމަ ކެއްސާ ކިނބިހި އަޅާއިރު އަނގަޔާ ނޭފަތް ނިވާކުރުމާއި މީހުން އެއްވެ އުޅޭތަންތަނަށް ނުދިޔުމަށްވަނީ އިލްތިމާސްކޮށްފައެވެ އަދި އާއްމު ސާފުތާހިރުކަމަށް ސައިބޯނިލައިގެން އަތްދޮވުމަށް އިސްކަންދިނުމުގެ އިތުރުން މިފަދަ ބަލިތަކުން ސަލާމަތްވުމަށް ގޭގައި ދެވެން ހުންނަ ފަރުވާތައް ހޯދުމަށް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ.