ވިޔަފާރި

އެއަރ ބަބުލްއާއެކު އިންޑިއާއިން އަންނަ ފަތުރުވެރިންގެ އަދަދު ދަނީ އިތުރުވަމުން- މަޢުޞޫމް


އިންޑިއާއާއި ރާއްޖެއާއި ދެމެދު ޤާއިމްކޮށްފައިވާ އެއަރ ބަބުލްއާއެކު ރާއްޖެއަށް އެޤައުމުން އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވަމުންދާކަން ފާހަގަކުރެވޭކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ.ޢަބްދުﷲ މަޢުޞޫމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ 'އިންޑިއާ މޯލްޑިވްސް ޓްރެވަލް ކަނެކްޓު'ގެ ނަމުގައި އިންޑިއަން އެމްބަސީގެ ފަރާތުން ބޭއްވި ވެބިނަރއެއްގައި ވާހަކަދައްކަވަމުންނެވެ.

މިނިސްޓަރ މަޢުޞޫމް ވިދާޅުވީ އެއަރ ބަބުލްއާއެކު ރާއްޖެއަށް އިންޑިއާއިން ސީދާ ދަތުރުތައް ފެށުމުން ދެޤައުމުގެ ދެމެދުގެ ދަތުރުތައް އިތުރުވެފައިވާ ކަމަށެވެ. އަދި އިންޑިއާގެ މުމްބާއީއާއި ރާއްޖެއާ ދެމެދު ފެށުމަށް ތައްޔާރުވެފައިވާ ދަތުރުތަކާއެކު އެޤައުމުން އަންނަ ފަތުރުވެރިންގެ އަދަދު ބޮޑުތަނުން އިތުރުވެގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

" އެއަރ ބަބުލް އާއި އެކު ރާއްޖޭގެ ފަތުރުވެރިކަމަށް ކުރިއެރުންތައް ލިބިއްޖެ، މުމްބާއީ އާއި ރާއްޖެއާއި ދެމެދު ފެށުމަށް ތައްޔާރުވަމުންދާ ދަތުރުތަކާއި އެކު ފަތުރުވެރިކަން އެހެން ލެވަލް އަކަށް ގެންދެވޭނެ،" މިނިސްޓަރ ވިދާޅުވިއެވެ.

މުމްބާއީއިން ރާއްޖެއަށް ދަތުރުތައް ފެށުމަށް ތައްޔާރުވަމުންދާކަމަށް މިނިސްޓަރ ވިދާޅުވި ނަމަވެސް މިކަމާއި ގުޅޭ އިތުރު ތަފްސީލެއް މިނިސްޓަރ ނުދެއްވައެވެ.

މި ވެބިނަރގައި ވާހަކަދައްކަވަމުން އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު ވިދާޅުވީ މި ސަރަހައްދުގައި އިންޑިއާއިން އެއަރ ބަބަލްއެއް ޤާއިމްކޮށްފައިވަނީ ހަމައެކަނި ރާއްޖެއާއެކު ކަމަށެވެ. އަދި މި އެއަރ ބަބުލްއާއެކު މިހާރު އިންޑިއާ އާއި ރާއްޖެއާއި ދެމެދު ހަފްތާއަކު 7 ދަތުރު ބާއްވަމުންދާކަމަށް ސަފީރު ވިދާޅުވިއެވެ.

" ރާއްޖެއަކީ މި ސަރަހައްދުގެ ހަމައެކަނި ޤައުމު އިންޑިއާއިން އެއަރ ބަބުލްއެއް ޤާއިމްކުރި، މި އެއަރ ބަބުލްއާއެކު އިންޑިއާއިން ރާއްޖެއަށް ހަފްތާއަކު 7 ދަތުރުދަނީ ކުރަމުން، ފަތުރުވެރިކަން ކުރިއެރެވޭނީ ދެޤައުމުގެ އެކި ވުޒާރާ ތަކާއި އެކި އެސޯސިއޭޝަންތައް ގުޅިގެން، އެކަން ފަހިކޮށްދިނުމުގެ މަސައްކަތް މިކޮށްދެނީ،" ސަފީރު ސުދީރު ވިދާޅުވިއެވެ.

ފޭސްބުކްގައި ލައިވްކޮށް ކުރިއަށް ގެންދިޔަ ވެބިނަރގައިވަނީ އާއްމުންގެ ސުވާލުތަކަށް ޖަވާބު ދިނުމުގެ ބައެއްވެސް ކުރިއަށް ގެންގޮސްފައެވެ. އެގޮތުން ރާއްޖޭގެ ފަތުރުވެރިކަމާއި ގުޅޭގޮތުން ހުރި ބައެއް ސުވާލުތަކަށް ވަނީ ޖަވާބުތައް ދީފައެވެ. މި ވެބިނަރގައި ރާއްޖޭގެ ޓޫރިޒަމް ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކާއި، އިންޑިއާގެ ޓްރެވަލް އެޖުންޓް އެސޯސިއޭޝަންތަކުގެ ބޭފުޅުންވެސް މިވެބިނަރގައިވަނީ ބައިވެރިވެފައެވެ.

ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން ބޭސްފަރުވާއަށް އިންޑިއާއަށް ދާން ބޭނުންވާ ދިވެހިންނަށާއި އިންޑިއާއިން ރާއްޖެއަށް އަންނަން ބޭނުންވާ އެ ޤައުމުގެ ރައްޔިތުންނަށް ދެޤައުމުގެ ދެމެދު ދަތުރުކުރެވޭނެ ފަސޭހަ އިންތިޒާމެއް ހަމަޖެއްސުމަށް އެއަރ ބަބުލް އެއއްބަސްވުމެއް ޤާއިމްކޮށްފައިވަނީ މިފިޔަ އޮގަސްޓުމަހުގެ ތެރޭގައެވެ. މީގެ ސަބަބުން ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން ދެގައުމުގެ ދޭތެރޭގެ މަޑުޖެހިފައިވާ ވައިގެ ގުޅުން އަލުން ފެށިގެންވަނީ ގޮސްފައެވެ.

ދެހާސް ނަވާރަވަނަ އަހަރު ނިމުނު އިރު ރާއްޖެއަށް ދެވަނަ އަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައިސްފައިވަނީ އިންޑިއާއިންނެވެ. ދެހާސް އަށާރަވަނަ އަހަރު ނިމުނު އިރު އިންޑިއާ އަކީ ފަސްވަނައަށް ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރާ ޤައުމެވެ.