ޚަބަރު

އޮޑިޓް އޮފީހުން ފޮނުވީ 56 މިލިއަން ރުފިޔާގެ ބަޖެޓެއް!


އަންނަ އަހަރަށް ލަފާކޮށް އޮޑިޓަރ ޖެނެރަލްގެ އޮފީހަށް 56 މިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑަައަޅައި ދިރާސާކުރުމުގެ މަސައްކަތް ކޮމިޓީން ފަށައިފިއެވެ. ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ދިރާސާކުރަމުން އަންނަ އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ބަޖެޓަކީ ދައުލަތުގެ ބަޖެޓާއި ވަކިން މަޖިލީހަށް ހުށަހަޅައި ފާސްކުރަންޖެހޭ ބަޖެޓެކެވެ. ނަމަވެސް ދައުލަތުގެ ބަޖެޓް މަޖިލީހުން ފާސްކުރާއިރު އޮޑިޓް އޮފީހުގެ ބަޖެޓުވެސް ފާސްކޮށް ދައުލަތުގެ ބަޖެޓްގައި ހިމަނަންޖެހެއެވެ.

އަންނަ އަހަރަށް ލަފާކޮށް އޮޓިޓަރ ޖެނެރަލްގެ އޮފީހުން މަޖިލީހަށް 56 މިލިއަން ރުފިޔާގެ ބަޖެޓެއް ފޮނުވާފައިވާއިރު، ފިނޭންސް މިނިސްޓްރީން އޮޑިޓަރ ޖެނެރަލްގެ އޮފީހަށް ދީފައިވަނީ 55 މިލިއަން ރުފިޔާގެ ސީލިންއެކެވެ.

އޮޑިޓް އޮފީހުން އަންނަ އަހަރު ޚަރަދުކުރުމަށް ނިންމާފައިވާ ބައެއް ކަންކަމުގެ ތެރޭގައި އެއޮފީހުގެ އައު ޢިމާރާތެއް އެޅުމާއި، ޑެޕިއުޓީ އޮޑިޓަރ ޖެނެރަލްގެ މަޤާމާއި، ލީގަލް ކައުންސިލްގެ މަޤާމެއް އުފެއްދުން ހިމެނެއެވެ.

ކޮމިޓީގައި މެންބަރުން ވަނީ ފިނޭންސް މިނިސްޓްރީން ކަނޑައަޅާފައިވާ ސީލިންގައި ހިފެހެއްޓޭނެ ގޮތަކާއި ގުޅޭގޮތުން މަޝްވަރާކޮށްފައެވެ. އެގޮތުން އަލަށް އުފައްދާ މަޤާމުތަކަށް 1.4 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށް ލަފާކޮށްފައިވާއިރު، އެމަޤާމުތައް އެއީ އޮޑިޓަރ ޖެނެރަލްގެ އޮފީހަށް ކޮންމެހެން ބޭނުންވާ މަޤާމުތަކެއްތޯ މެންބަރުން ވަނީ މަޝްވަރާކުރައްވާފައެވެ.