ޚަބަރު

އިހަވަންދޫ އިންޖީނުގޭގެ އާ އޮފީސް އިމާރާތުގެ މަސައްކަތް ފަށައިފި


ހއ.އިހަވަންދޫ އިންޖީނުގޭގައި އަލަށް އިމާރާތްކުރާ އޮފީސް އިމާރާތުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ. މި މަސައްކަތް ކުރިއަށްގެންދަނީ އަމިއްލަ ކުންފުންޏެއްކަމަށްވާ އޯޝަން ގޭޓް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްގެންނެވެ.

މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުމަށް އިހަވަންދޫގައި ބޭއްވި ރަސްމިއްޔާތުގައި އޮފީސް އިމާރާތުގެ ބިންގާ އަޅުއްވައިދެއްވި ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢީދު މުޙައްމަދުއާއި، އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޢުއެވެ.

އިހަވަންދޫ އިންޖީނުގޭގެ އޮފީސް އިމާރާތްކުރަނީ ދެ ފަންގިފިލާއަށެވެ. މިއީ 40 މީހުންގެ ޖާގައިގެ އޮފީސް އިމާރާތެކެވެ. މި އޮފީސް އިމާރާތާއެކު ތަނުގެ ޚިދުމަތްތައް ފުޅާކުރެވި ކަސްޓަމަރުންނާއި މުވައްޒަފުންނަށް ހިތްފަސޭހަ މާހައުލެއް ހޯދައިދެވޭނެކަމަށް ފެނަކައިން ވިދާޅުވެއެވެ.

މި މަސައްކަތުގެދަށުން އިމާރާތުގައި މީޓިންގ ރޫމާއި، ފާޚާނައާއި ރިސެޕްޝަނާއި ލޮބީ އޭރިއާއާއި ޓެރެސް ހެދުމަށްވަނީ ހަމަޖެހިފައެވެ. މި ޕްރޮޖެކްޓްގެ ޢަމަލީ މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ އޮކްޓޯބަރުމަހަށެވެ.

ފެނަކައިންދަނީ ރަށްރަށުގެ އިންޖީނުގެތައް ޒަމާނީ ފެންވަރަށް ބަދަލުކުރުމާއި، އަދި މީހުން ދިރިއުޅޭ ސަރަޙައްދުތަކުގައި ހުރި އިންޖީނުގެތައް މީހުން ދިރިނޫޅޭ ސަރަހައްދަށް ބަދަލުކުރުމަށް މަޝްރޫޢުއެއް ކުރިއަށްގެންދަމުންނެވެ. އިހަވަންދުއަކީ އެ އަތޮޅުގައި ދެވަނައަށް އެންމެ އާބާދީ ބޮޑުރަށެވެ. އެރަށުގެ އާބާދީ 3،300އަށް އަރައެވެ.

ފެނަކަ ކޯޕަރެޝަނުން އިހަވަންދޫގައި ފޯރުކޮށްދެމުންދާ ހިދުމަތްތައް ތަރައްޤީކޮށް ރަނގަޅުކުރުމަށް މި އަހަރުގެތެރޭގައި ވަރަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. އެގޮތުން އިންޖީނުގެ ބޮޑު ކުރުމުގެ މަސައްކަތާއި، 150،000 ލީޓަރުގެ ތެޔޮ ތާންގިއެއް ހެދުމާއި، 1 މެގަވޯޓުގެ އިންޖީނެއް ގެނައުމާއި، ވޯލްޓޭޖް ދައްވާ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން ރަށުގެ އެކި ސަރަހައްދުތަކުގައި ޓުރާންސް ފޯމަރު ބެހެއްޓުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ. އަދި ރަށުގެ ސުކޫލަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލަ ހައްލުކުރުމުގެ ގޮތުން އިންޖީނުގެއިން ސުކޫލަށް ވަކި ފީޑަރެއް އެޅުމަށްފަހު ކަރަންޓް ދިނުމަށް މިހާރު ދަނީ ތައްޔާރުވަމުންނެވެ. މީގެއިތުރުން އާމިނާދިޔޯ ސިއްޙީމަރުކަޒުގެ ކަރަންޓް ސެޓޭބަލް ކުރުމަށް މިހާރުވަނީ ވަކި ފީޑަރެއްވެސް އަޅާފައެވެ.