ދުނިޔެ

ހާޑް އިމިއުނިޓީއަކީ ކޯވިޑް-19އާ ދެކޮޅަށް އޮތް ޙައްލެއް ނޫން: ޑަބްލިއުއެޗުއޯ


ކޯވިޑް-19ން މުޖުތަމަޢުތައް ރައްކާތެރިކުރުމަށް 'ހަރޑް އިމިއުނިޓީ' ހާޞިލްކުރުމަށް އާންމުންގެ ތެރޭގައި ބަލި ފެތުރުނަ ދިނުމަށް ހިތްވަރުދެމުންދާ ފަރާތްތަކާއި ދެކޮޅަށް ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ، ޑަބްލިއުއެޗުއޯއިން ނުރުހުން ފައުޅުކޮށްފިއެވެ.

އިންޓަނެޓު މެދުވެރިކޮށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޑަބްލިއުއެޗުއޯގެ ޑިރެކްޓަރ ޖެނެރަލް ތެޑްރޮސް އަދަނަމް ގެބްރިއޭސުސް ވިދާޅުވީ ހަރޑް އިމިއުނިޓީއަކީ ވެކްސިން ދިނުމުގައި ބޭނުންކުރާ ސިޔާސަތެއްކަމަށެވެ. އޭގެ މާނައަކީ އާބާދީގެ ވަކި ނިސްބަތަކަށް ވެކްސިން ދިނުމުން ވެކްސިން ނުދީ ހުންނަ މީހުންވެސް ބަލިޖެހުމުން ރައްކާތެރިވުންކަން އޭނާ ވިދާޅުވިއެވެ.

މިސާލެއްގެ ގޮތުން ހިމަބިހި ނަންގަވަމުން ޓެޑްރޮސް ވިދާޅުވީ އާބާދީގެ 95 އިންސައްތައަށް ބައްޔާ ދެކޮޅަށް ވެކްސިން ދީފިނަމަ ބާކީތިބި ފަހެއް އިންސައްތަ މީހުން ބަލިން ރައްކާތެރިވާކަމަށެވެ. މުޖުތަމަޢުގައި ޕޯލިއޯ ފެތުރުން ހުއްޓުވުމަށް ވެކްސިންދޭ މީހުންގެ ނިސްބަތް ހުންނަންޖެހެނީ އާބާދީގެ 80 އިންސައްތައިގައެވެ. ހާޑް އިމިއުނިޓީ ހާޞިލްކުރެވޭނީ ވައިރަހުން މީހުން ރައްކާތެރިކޮށްގެންކަމަށާއި ވައިރަހަށް މީހުން ހުށަހެޅުމުން އެ އަމާޒު ހާޞިލްނުވާނެކަމަށް އޭނާ ވިދާޅުވިއެވެ.

ޓެޑްރޮސް ވިދާޅުވީ ބައްޔެއް ފެތުރެން ފެށުމުން ނުވަތަ ބޮޑު ވަބާއީ ބަލިމަޑުކަމެއް ފެތުރުން ހުއްޓުވުމަށް އާންމު ޞިއްޙަތުގެ ތާރީޚުގައިވެސް ހާޑް އިމިއުނިޓީ ބޭނުންކޮށްފައިނުވާކަމަށެވެ. އަދި ގޮތް ނޭނގޭ ނުރައްކާތެރި ވައިރަހެއް ހިފެހެއްޓުމެއް ނެތި ފެތުރުނަ ދިނުމަށް ދޫކޮށްލުމަކީ އެއްވެސް ޙާލެއްގައި ބަލައިގަނެވޭނެކަމެއް ނޫންކަމަށް އޭނާ ވިދާޅުވިއެވެ.

ބައްޔާ ދެކޮޅަށް އިންސާނުންގެ ހަށިގަނޑުގެ ދިފާޢުތައް ތަރައްޤީކުރުމާއި ގުޅޭ މަޢުލޫމާތު އެކަށީގެންވާ މިންވަރަށް މިވަގުތު އެނގެން ނެތްކަމަށްވެސް ޓެޑްރޮސް ވިދާޅުވިއެވެ. އެގޮތުން ބައްޔާއި ދެކޮޅަށް އިންސާނުންގެ ހަށިގަނޑުގެ ދިފާޢުތަކުގެ ބާރުގަދަކަމާއި ވައިރަހާ ދެކޮޅަށް ހަށިގަނޑުން އުފައްދާ އެންޓިބޮޑީ ހަށިގަނޑުގައި ދެމިހުންނަނީ ކިހާ މުއްދަތަކަށްކަން ނޭނގޭކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އޭގެ އިތުރުން މިހާތަނަށް ބަލިޖެހިފައިވާކަމަށް ބެލެވެނީ ގިނަ ޤައުމުތަކުގެ އާބާދީގެ ދިހަ އިންސައްތަ މީހުންނަށްކަމަށާއި އެހެންކަމުން އަދިވެސް ގިނަ ޢަދަދެއްގެ މީހުން ބައްޔަށް ހުށަހެޅިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ފާއިތުވި ހަތަރު ދުވަހު ދުވާލެއްގެ މައްޗަށް ކޯވިޑް-19 ޖެހިފައިވާ މީހުންގެ ޢަދަދަކީ ރެކޯޑު މިންވަރަކަށް މަތި ޢަދަދުތަކެއްކަމަށް ފާހަގަކުރައްވަމުން ޓެޑްރޮސް ވިދާޅުވީ އެމެރިކާގެ ސަރަޙައްދުތަކާއި ވިލާތުގެ ޤައުމުތަކުގައި ހަލުވިކަމާއެކު ބަލިފެތުރެމުންދާކަމަށެވެ. ބަލިން ސަލާމަތްވުމަށް އެއްފަހަރުން ކާމިޔާބުވާނެ ޙައްލެއް ނެތްކަމަށާއި ހިކުމަތްތެރިކަމާއެކު ދިގު މުއްދަތަށް މަސައްކަތްކޮށްގެން ނޫނީ ބަލިމަޑުކަމުން އަރައިނުގަނެވޭނެކަމަށް އޭނާ ވިދާޅުވިއެވެ.

މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން ހަލުވިކަމާއެކު ފެތުރެމުންދާ ކޯވިޑް-19 މިހާތަނަށް 37.6 މިލިއަން މީހުންނަށް ޖެހި މިލިއަނަކަށްވުރެ ގިނަ މީހުންވަނީ އެބަލީގައި މަރުވެފައެވެ.