ކުޅިވަރު

މިފެންވަރުގެ މެޗުތަކުން ބަލިނުވުން މުހިންމު: ލޮރިސް


ޔުއެފާ ނޭޝަންސް ލީގުގައި ޕޯޗުގަލް އާ ދެކޮޅަށް ދެއްކި ކުޅުމުން އެ ފެންވަރުގެ މެޗުތަކުގައި ބަލިނުވެ ސަލާމަތްވުމަކީ މުހިންމުކަމެއް ކަމަށް ފްރާންސްގެ ކެޕްޓަން އަދި ކީޕަރު ހުގޯ ލޮރިސް ބުނެފިއެވެ.

ބޮޑެތި ޓީމުތަކާ ދެކޮޅަށް ކުޅޭއިރު ބައިކޮޅަށް ގޯލެއް ވައްދައިނުލާ ނިންމާލުމަކީ ލިބޭ ބޮޑު ހިތްހަމަޖެހުމެއް ކަމަށް ލޮރިސް ބުންޏެވެ. އޭނާ ބުނީ މެޗު ދެޓީމަށް ވެސް އުނދަގޫވިކަމަށާއި ދެޓީމުން ވެސް ދެއްކީ މާ ވަރުގަދަ ކުޅުމެއް ކަމަށެވެ.

ޕޯޗުގަލްގެ ކޯޗު ފެނާންޑޯ ސަންޓޯސް ބުނީ މެޗުން ފެނިގެންދިޔައީ އެހާ އަވަސް ހަލުވި ކުޅުމެއް ނޫންކަމަށާއި މުޅި މެޗަށް ބަލާއިރު ދެޓީމުން ދެއްކީ ހަމަހަމަ ކުޅުމެއް ކަމަށެވެ. ދެޓީމުން ދެއްކި ވަރުގަދަ ކުޅުމުގެ ސަބަބުން ގޯލް ޖަހާނެ މާގިނަ ހުސް ފުރުސަތުތަކެއް ނުލިބުނު ކަމަށް ސަންޓޯސް ބުންޏެވެ.

ނޭޝަންސް ލީގުގައި މިހާތަނަށް އަދި ޕޯޗުގަލް ބަލިވެފައެއް ނުވެއެވެ. އެންމެފަހުގެ ޗެމްޕިއަން ޕޯޗުގަލް ވަނީ ބަލިނުވެ ނުވަ މެޗު މިހާތަނަށް ހަމަކޮށްފައެވެ. މި ނަތީޖާއެކު ފްރާންސް އާއި ޕޯޗުގަލްއަށް 7 ޕޮއިންޓް ވަނީ ލިބިފައެވެ. ފައިދާ ގޯލްގެ ތަފާތުން އެއްވަނައިގަ އޮތީ ޕޯޗުގަލްއެވެ.