ކުޅިވަރު

މިފެނުނީ ޒުވާން ކުޅުންތެރިންގެ ހުނަރު، މިއީ ރަނގަޅު ތަޖުރިބާއެއް: ސައުތުގޭޓް


ޔުއެފާ ނޭޝަންސް ލީގުގައި ބެލްޖިއަމްގެ މައްޗަށް ކުރި ހޯދުނީ ޒުވާން ކުޅުންތެރިންގެ ހުނަރުން ކަމަށް އިންގްލޭންޑް ޓީމުގެ ކޯޗު ގެރެތް ސައުތުގޭޓް ބުނެފިއެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ސައުތުގޭޓް ބުނީ މިކާމިޔާބީގައި ޓީމުގައި ތިބި ޒުވާން ކުޅުންތެރިންގެ ހިއްސާ ބޮޑު ކަމަށެވެ. ދުނިޔޭގެ ރޭންކިންގެ އެއްވަނައިގައި އޮތް ބެލްޖިއަމްއާ ދެކޮޅަށް ކުޅުނު މެޗަކީ މިވަގުތު ދުނިޔޭގެ އެންމެ މަތީފަންތީގައި ކުޅުނު މެޗެއްގެ ގޮތުގައި ސައުތުގޭޓް ވަނީ ސިފަކޮށްފައެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން މެޗުން އިންގްލޭންޑް މޮޅުވި ލަނޑު ޖެހި ކުޅުންތެރިޔާ އަދި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި މޭސަން މައުންޓް ބުނީ ވެންބްލީގައި އޭނާގެ ފުރަތަމަ ލަނޑު ޖެހުމުން ހާއްސަ އުފަލެއް ލިބިއްޖެ ކަމަށެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން އިންގްލޭންޑް ޓީމުގެ ކެޕްޓަން ޖޯޑަން ހެންޑަސަން ބުނީ އަބަދުވެސް ވާދަކުރަން ބޭނުންވަނީ ވަރުގަދަ ޓީމުތަކާ ކަމަށާއި ޓީމުން އެންމެ ބޭނުންވި ގޮތައް ވަރަށް މޮޅަށް އިންގްލޭންޑުން ކުޅުނު ކަމަށް ހެންޑެސަން ބުންޏެވެ.

މި މޮޅާއެކު 7 ޕޮއިންޓް ހޯދައިގެން އިންގްލޭންޑް ވަނީ ގުރޫޕްގެ އެއްވަނައިގަ އެއް ޕޮއިންޓުގެ ލީޑެއް ނަގާފައެވެ. ދެވަނައިގައި އޮތް ބެލްޖިއަމް އަށް 6 ޕޮއިންޓް ލިބުނު އިރު ކްރޮއޭޝިއާ ތިންވަނައިގައި އޮތީ ހަތަރު ޕޮއިންޓާއެކުއެވެ. ގުރޫޕް ފުލުގައިވާ އައިސްލޭންޑަށް އަދި ޕޮއިންޓެއް ލިބަފައެއްނުވެއެވެ.