ޚަބަރު

ކުއަލަލަމްޕޫރް ހިމެނޭގޮތަށް މެލޭޝިއާގެ ތިން ސަރަޙައްދެއްގެ ހަރުކަށި ފިޔަވަޅުތަކެއް


މެލޭޝިޔާގައި ކޯވިޑް-19 ފެތުރޭ މިންވަރު ވަރަށް ބޮޑަށް އިތުރުވުމުގެ ސަބަބުން އެ ޤައުމުގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ހަރުކަށިކޮށްފިއެވެ.

މެލޭޝިޔާގައި މިހާތަނަށް 16،220 މީހުންނަށް ބަލިޖެހި 159 މީހުންވަނީ މަރުވެފައެވެ. އެ ޤައުމުގައި ބަލިޖެހޭ މިންވަރު ދަށަށް ދިއުމަށްފަހު އަނެއްކާވެސްވަނީ ބަލިފެތުރޭ މިންވަރު އިތުރުވާން ފަށާފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 563 މީހުންނަށް ބަލިޖެހި ދެމީހުންވަނީ މަރުވެފައެވެ. އެއީ އެ ޤައުމުގައި އެއްދުވަސްތެރޭގައި ބަލިޖެހިފައިވާ މީހުންގެ ޢަދަދު މިހާތަނަށް ދެވަނައަށް އެންމެ ބޮޑަށް އިތުރުވި ދުވަހެވެ.

މެލޭޝިޔާގައި ފިޔަވަޅުތައް ހަރުކަށިކޮށްފައިވަނީ އެ ޤައުމުގެ އެންމެ އާބާދީ ބޮޑު އަދި އިޤްތިޞާދަށް އެންމެ މުހިންމު ސަރަޙައްދުތައް ކަމުގައިވާ ވެރިރަށް ކުއަލަލަމްޕޫރާއި ޕުޓްރާޖަޔާއާއި ސެލަންގޯ ސްޓޭޓުގައެވެ. 32 މިލިއަން މީހުންގެ އާބާދީއެއް އޮންނަ މެލޭޝިޔާގެ 23 އިންސައްތަ މީހުން ދިރިއުޅެނީ އެ ސަރަޙައްދުތަކުގައެވެ.

މިއަދުން ފެށިގެން މިމަހުގެ 27 ގެ ނިޔަލަށް އެ ތިން ސަރަޙައްދުގައި އަޅާފައިވާ ފިޔަވަޅުތައް ދެމިގެންދާނެކަމަށް އެ ޤައުމުގެ ސަރުކާރުންވަނީ އިޢުލާނުކޮށްފައެވެ. މެލޭޝިޔާގެ ޙާލަތު ގޯސްވެފައިވަނީ އެ ޤައުމުގެ އާންމު އިންތިޚާބުގެ ވޯޓުލުން ސަބާހު ސްޓޭޓުގައި ކުރިއަށް ގެންދިޔަ ފަހުންނެވެ. އެ ސްޓޭޓުގައިވެސް އެ ފިޔަވަޅުތައް އަޅާނެއެވެ.

މެލޭޝިޔާގެ ސަލާމަތީ ކަންކަމާބެހޭ އިސް ވަޒީރު އިސްމާއިލް ސޮބްރީ ޔާކޯ ވިދާޅުވީ އެ ފިޔަވަޅުތައް އަޅާފައިވަނީ ބަލި އިތުރަށް ފެތުރުނަ ނުދިނުމަށްކަމަށެވެ. މެލޭޝިޔާގައި އަޅާފައިވާ ފިޔަވަޅުތަކުގެ ދަށުން އެ ޤައުމުގެ އާބާދީގެ ތިންބައިކުޅަ އެއްބަޔަށް އެއް ސަރަޙައްދުން އަނެއް ސަރަޙައްދަށް ދަތުރުކުރުމާއި އިޖުތިމާއީ އެއްވުންތައް ބޭއްވުން ދެ ހަފުތާގެ މުއްދަތަށް މަނާވާނެއެވެ. ކޮންމެ ގޭބިސީއަކުންވެސް އެއްފަހަރާ ބޭރުތެރެއަށް ނިކުމެވޭނީ ދެމީހުންނަށެވެ. ނަމަވެސް އިޤްތިޞާދީ ހުރިހާ ޙަރަކާތްތައްވެސް މެދުކެނޑުމެއްނެތި ކުރިއަށް ގެންދެވޭނެއެވެ.

އިދިކޮޅު ޕަކަޓަން ހަރަޕަން ކޯލިޝަނުން ހިންގާ ސެލަންގޯގެ ސަރުކާރުން ބުނީ މަރުކަޒީ ސަރުކާރުގެ ނިންމުމުގެ ސަބަބުން ކަންބޮޑުވެފައިވާކަމަށާއި އެ ނިންމުން ބަދަލުކުރުމަށް ނޭޝަނަލް ސެކިއުރިޓީ ކައުންސިލަށް ހުށަހަޅާފައިވާކަމަށެވެ. އެ ސްޓޭޓުގެ ސަރުކާރުން ބުނީ ބަލިފެތުރޭ މިންވަރު އިތުރުވެފައިވަނީ ކްލަންގާއި ގޮމްބަކާއި ހޫލޫ ކަންގަތުގެ އިތުރުން ޕެޓަލިންގު ޑިސްޓްރިކްޓު ސަރަޙައްދުގައި އެކަނިކަމަށެވެ. އެހެންކަމުން 6.5 މިލިއަން މީހުން ދިރިއުޅޭ މެލޭޝިޔާގެ އެންމެ މުއްސަނދި ސިޓީކަމުގައިވާ ސެލަންގޯ އެއްކޮށް ހިމެނޭގޮތަށް އަޅާފައިވާ ފިޔަވަޅުތައް ބަދަލުކުރަން އެދޭނެކަމަށް އެ ސްޓޭޓުން ބުނެއެވެ.