ދުނިޔޭގެ ވިޔަފާރި

ޑިޒްނީ ޕްލަސްގެ މަޤުބޫލުކަމާއެކު ޑިޒްނީއިން އޮންލައިން ސްޓްރީމިންގެ ވިޔަފާރި ފުޅާކުރަނީ


މުނިފޫހިފިލުވުމުގެ އެކި އުފެއްދުންތައް އުފައްދާ އެމެރިކާގެ ޑިޒްނީ ކުންފުނިން އޮންލައިން ސްޓްރީމިންއަށް އިތުރުކޮށް، ކުންފުނި ހިންގުމުގެ ވައްޓަފާޅި ބަދަލުކުރަން ނިންމައިފިއެވެ.

ޑިޒްނީން އޮންލައިން ސްޓްރީމިންގެ ވިޔަފާރި ފުޅާކުރުމަށް ނިންމާފައިވަނީ މިދިޔަ އަހަރުގެ ތެރޭގައި އެ ކުންފުނިން ތަޢާރަފްކުރި ޑިޒްނީ ޕްލަސްގެ މަޤުބޫލުކަން އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ.

ޑިޒްނީ ކުންފުނި ހިންގާ ގޮތަށް ގެނައި ބަދަލުގެ މަޢުލޫމާތު އެމެރިކާގެ ސީއެންބީސީ ނިއުސްއާ ހިއްސާކުރައްވަމުން އެ ކުންފުނީގެ ސީއީއޯ ބޮބް ޗަަޕެކް ވަނީ މި ފިޔަވަޅަކީ ޒަމާނަށް އަންނަ ބަަލާއެކު ކުންފުނި ކުރިއެރުވުމަށް އެޅި ފިޔަވަޅެއްކަމަށް ވިދާޅުވެފައެވެ. އެގޮތުން ސިނަމާތަކަށް އޮންނަ ޑިމާންޑާއި އެއްވަރަށް އޮންލައިން ސްޓްރީމިންގެ މަޤުބޫލުކަން އިތުރުވެފައިވާއިރު، ޑިޒްނީގެ އޮންލައިން ސްޓްރީމިންގް ޕްެލެޓްފޯމްތައް އާންމުންގެ މެދުގައި މަޤުބޫލުވެފައިވާކަމަށް ޗަަޕެކް ވިދާޅުވިއެވެ.

ޑިޒްނީގެ ހިންގުމުގެ އުސޫލަށް ގެނައި ބަދަލުގެ ދަށުން ކުންފުނި ހިންގުން 3 ބަޔަކަށް ބަހާލާ ވޯކިންގ ގްރޫޕްތަކެއް އެކުލަވާލުމަށް ވަނީ ނިންމާފައެވެ. އެގޮތުން ކުޅިވަރާއި މުނިފޫހިފިލުވުން އަދި ސްޓޫޑިއޯ ޕްރޮޑަކްޝަންއަށް ބަހާލުމަށް ވަނީ ނިންމާފައެވެ. މީގެ ތެރެއިން ކުޅިވަރާއި މުނިފޫހިފިލުވުމަކީ އޮންލައިން ސްޓްރީމިންގެ ވިޔަފާރި ފުޅާކުރުމަށް އިތުރުކުރި ބައިތަކެއްކަން ޗަޕެކް ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ކުންފުނީގެ އޮންލައިން ސްޓްރީމިންގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް މުޅިން އަލަށް މީޑިއާ އެންޑް ޑިސްޓްރިބިއުޝަން ގްރޫޕެއް އުފައްދާ ކުންފުނީގެ މިހާރު އޮންލައިން ސްޓްރީމްކުރާ 3 ޕްލެޓްފޯމް، ޑިޒްނީ ޕްލަސް، ހޫލޫ އަދި އީއެސްޕީއެން ޕްލަސްގެ ވިޔަފާރި ފުޅާކުރުމަށް މަސައްކަތްކުރުމަށް ވަނީ ނިންމާފައެވެ. މީގެ އިތުރުން ޑިޒްނީން ވަނީ ޑިޒްނީގެ އައު އޮންލައިން ސްޓްރީމިންގ ޕްލެޓްފޯމެއް އުފައްދަން ތައްޔާރުވަމުންދާ ދަނޑިވަޅެއްގައެވެ. މި ކަންކަމުގެ އިތުރު ތަފްސީލް އަންނަ ޑިސެންބަރުމަހު ބާއްވާ އިންވެސްޓަރ ފޯރަމްއަށްފަހު ހާމަކުރާނެކަމަށް ޑިޒްނީގެ ސީއީއޯ ހާމަކުރެއްވިއެވެ.

ޑިޒްނީއިން މި ނިންމުން ނިންމާފައިމިވަނީ ޑިޒްނީގެ ދަށުން އޮންލައިން ސްޓްރީމިންގެ ޚިދުމަތްދޭ ޑިޒްނީ ޕްލަސް، ހޫލޫ އަދި އީއެސްޕީއެން ޕްލަސްގެ ސަބްސްކްރައިބަރުންގެ އަދަދު 100 މިލިއަނަށްވުރެ މައްޗަށް އަރާފައިވާ ދަނޑިވަޅެއްގައެވެ. މި ޕްލެޓްފޯމްތަކުގެ ތެރެއިން ޑިޒްނީ ޕްލަސްގެ މަޤުބޫލުކަން އިތުރުއިރު އަހަރެއްގެ ތެރޭގައި މި ޕްލެޓްފޯމަށް 60 މިލިއަން މީހުން ވަނީ ސަބްސްކްރައިބްކޮށްފައެވެ. ޑިޒްނީ ޕްލަސް ތަޢާރަފްކުރި އިރު މި ޓާގެޓަށް ވާސިލްވާނެކަމަށް ލަފާކޮށްފައިވަނީ 2024 ވަނަ އަަހަރާއި ހަމައަށެވެ. އެހެންނަމަވެސް، ކޯވިޑްގެ ސަބަބުން ސިނަމާތައް ބަންދުކޮށް ގޭގައި ބަންދުވާންޖެހުމަކީ ޑިޒްނީ ޕްލަސްގެ ވިޔަފާރި އިތުރުވުމަށް މެދުވެރިވި ސަބަބެކެވެ. އެގޮތުން މިވީ 6 މަސް ދުވަހުގެ ތެރޭގައި ޑިޒްނީގެ ބޮޑު ބަޖެޓްގެ ފިލްމުތައް ރިލީޒް ނުކުރެވި ލަސްވުމުން ގެއްލުމާއި ކުރިމަތިލިއިރު، މި ދަނޑިވަޅުގައި ކުންފުނި ބަނގުރޫޓުވިޔަ ނުދީ ހިފެހައްޓާލެވުނީ ޑިޒްނީ ޕްލަސްގެ މަޤުބޫލުކަން އިތުރުވުމުންކަމަށް ތަޖުރިބާކާރުން ބުނެއެވެ.

އޮންލައިން ސްޓްރީމިންއަށް އޮތް މަޤުބޫލުކަން އިތުރުވުމާއެކު ގިނަ ފިލްމްތަކެއް މި މީޑިއަމް މެދުވެރިކޮށް ރިލީޒްކުރުމަށް ޑިޒްނީން ވަނީ ނިންމާފައެވެ. އެގޮތުން ކުޑަކުދިންގެ މެދުގައި މަޤުބޫލު މުލާން ކާޓޫންގެ ލައިވް އެކްޝަން ފިލްމްވެސް މިހާރު ވަނީ ޑިޒްނީ ޕްލަސް މެދުވެރިކޮށް ރިލީޒްކޮށްފައެވެ. މީގެ އިތުރުން ގިނަ ބަޔަކު އިންތިޒާރުކުރަމުންދާ ޕިކްސަރ ފިލްމްގެ ކާޓޫން ސޯލްވެސް މިއަހަރު ފަހުކޮޅު ޑިޒްނީ ޕްލަސްގައި މުޅިން ހިލޭ ސްޓްރީމްކުރުމަށް ވަނީ ނިންމާފައެވެ. މީގެ އިތުރުންވެސް އަންނަ އަހަރު ސިނަމާގައި ރިލީޒްކުރާ ފިލްތައް އޮންލައިން ސްޓްރީމިންއަށްލުމަށް ނިންމާފައިވާކަމަށް ޑިޒްނީން މަޢުލޫމާތުދެއެވެ.