ޚަބަރު

"އަޅުގަނޑަށްވެސް ވާހަކަ ދެއްކޭނެކަން ޔަޤީން" އިފްތިތާޙުކުރުން


އަޅުގަނޑަށްވެސް ވާހަކަ ދެއްކޭނެކަން – ޔަޤީން" މި ނަމުގައި ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ދިވެހި ބަސް ބޭނުންކުރުމަށް އިތުރު ލުއި ފަސޭހަތަކެއް ފަހިކޮށްދެއްވުމަށް ފަރުމާކޮށްފައިވާ ނިޒާމެއް އިފްތިތާޙްކޮށްފިއެވެ. މިނިޒާމް އިފްތިތާޙްކޮށްދެއްވީ، ވާހަކަދެއްކުމުގެ 30 ވަނަ ޤައުމީ މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމެވެ.
"އަޅުގަނޑަށްވެސް
ވާހަކަ ދެއްކޭނެކަން – ޔަޤީން" މި ނިޒާމަކީ، ސަރުކާރުން ގެންގުޅުއްވާ
އިންކްލޫސިވް އެޑިއުކޭޝަން ނުވަތަ އެއްވެސް ކުއްޖަކު ބާކީނުކޮށް ކިޔަވައިދިނުމުގެ
ސިޔާސަތުގެ ދަށުން ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ދިވެހި ބަސް
ބޭނުންކުރުމަށް ލުއިފަސޭހަތަކެއް ހޯދައިދިނުމުގެ މަޤުސަތުގައި މުޅިން އަލަށް
ތަޢާރަފުކުރެވުނު ނިޒާމެކެވެ. މިނިޒާމް މެދުވެރިކޮށް، ވާހަކަދެއްކުމުގައި އަދި
އަޑުއިވުމުގައި އެކިކަހަލަ މައްސަލަތައް ހުންނަ ކުދިންނަށް ދިވެހިބަހުގެ
ހަމަތަކާއި، ޤަވާއިދުތައް އަދި ވާހަކަދެއްކުމުގެ އަދަބުތަކާއި ގުޅޭގޮތުން
މައުލޫމާތުދީ، އެކުދިންނަށްވެސް އެހެން ކުދިންނެކޭ އެއް ހަމައެއްގައި ވާދަކުރުމުގެ
ފުރުސަތު ހޯދައިދެވިގެންދާނެއެވެ. އަލަށް ތަޢާރަފުކުރެވިގެންދިޔަ މިނިޒާމާއެކު، ޚާއްސަ އެހީއަށް ބޭނުންވާ ކުއްޖަކު ވަނީ ފުރަތަމަ ފަހަރަށް ޖަލްސާއެއްގައި މެހެމާނުންނާއި މުހާތަބުކޮށް ވާހަކަދައްކާފައެވެ. އިމާދުއްދީން ސްކޫލުގެ ދަރިވަރު އަލީ ރައީފް ވަނީ ދިވެހި ބަސްދެކެ އޭނާ ލޯބިވާ ސަބަބު ބައެއް ކަހަލަ މިސާލުތަކާއެކު ކިޔައިދީފައެވެ. ރައީފްގެ ވާހަކަ ފުރިހަމަކޮށްދިނުމުގައި އެހީތެރިކަން ފޯރުކޮށްދީފައިވަނީ ޖަމާލުއްދީން ސްކޫލުގެ ދަރިވަރު އައިޝަތު ޒީޝާ ޣާނިމްއެވެ. 
ވާހަކަދެއްކުމުގެ 30 ވަނަ ޤައުމީ މުބާރާތުގެ ނަތިޖާ ފާޅުކުރުމަށް އިސްލާމިކް ޔުނިވަރސިޓީގައި ބޭއްވި ރަސްމިއްޔާތުގައި މިދެކުދިން ކޮށްފައިވާ މަސައްކަތުގެ އަގުވަޒަން ކުރުމުގެ ގޮތުން ވަނީ ޚާއްސަ އެވޯރޑަކާއި، ހަނދާނީ ލިޔުމެއް އެކުންދިންނަށް ހަވާލުކޮށްފައެވެ.