ޚަބަރު

ފިނި ތަންތަނުގައި 28 ދުވަސްވަންދެން ކޯވިޑް-19 ޖައްސާ ވައިރަހަށް ދެމިހުރެވޭ


ކަރުދާސް ފައިސާއާއި ފޯނު ސްކްރީނާއި އެސްއެސް ފަށަލަތަކުގައި 28 ދުވަސްވަންދެން ކޯވިޑް-19 ޖައްސާ ވައިރަހަށް ދެމިހުރެވޭކަމަށް ސައިންސުވެރިން ބުނެފިއެވެ.

އޮސްޓްރޭލިއާގެ ޤައުމީ ސައިންސު އިދާރާ، ސީއެސްއައިއާރުސޯއިން ކުރި ދިރާސާއިންވަނީ ފުލޫ ވައިރަހަށްވުރެ ގިނަ ވަގުތު ކޯވިޑް-19 ޖައްސާ ކޮރޯނާވައިރަހަށް ފަށަލަތަކުގައި ދެމިހުރެވޭކަމަށް ދައްކާފައެވެ. އެ އިދާރާއިން ބުނީ 20 ޑިގްރީ ސެލްސިއަސްގެ ފިނިމިނުގައި ކަރުދާސް ފައިސާއާއި މޯބައިލް ފޯނުގެ ސްކުރީނުފަދަ އޮމާން ފަށަލަތަކުގައި 28 ދުވަުގެ މައްދަތަށް ވައިރަހަށް ދެމިހުރެވޭކަމަށެވެ. އޭގެ ބަދަލުގައި އިންފުލުއެންޒާ އޭ ވައިރަހަށް ފަށަލަތަކުގައި ދެމިހުރެވެނީ 17 ދުވަހަށެވެ.

އޮސްޓްރޭލިއާގެ ސައިންސުވެރިންކުރި ދިރާސާގައި އެކި ފިހިނޫނުމިނުގައި ވައިރަހަށް ކުރާ އަސަރުވަނީ ތަހުލީލުކޮށްފައެވެ. އެގޮތުން 20 ، 30 އަދި 40 ޑިގްރީގައި ވައިރަހަށް އަންނަ ބަދަލުވަނީ ދިރާސާކޮށްފައެވެ. ނަތީޖާއިން ދެއްކި ގޮތުގައި ފިނިހޫނުމިން ދަށްވާވަރަކަށް އަދި ފަށަލަތައް އޮމާންވާވަރަކަށް ފަށަލަތަކުގައި ވައިރަސް ދެމިހުންނަ މުއްދަތު އިތުރުވެއެވެ.

ދިރާސާކުރުމުގައި އިސްކޮށް ޙަރަކާތްތެރިވި ސައުންސުވެރިޔާ ޝޭން ރިޑެލް ވިދާޅުވީ ދިރާސާގެ ނަތީޖާއިން ގިނަގިނައިން އަތްދޮވުމާއި ސެނިޓައިޒުކުރުމުގެ މުހިންމުކަމަށް އިތުރަށް ބާރުދޭކަމަށެވެ. ހަމަ އެގޮތަށް ވައިރަހުގެ އަސަރުކޮށްފައިވާ ފަށަލަތައް ރަނގަޅަށް ސާފުކުރުމުގެ މުހިންމުކަންވެސް ހާމަވެގެންދާކަމަށް އޭނާ ވިދާޅުވިއެވެ.

ދިރާސާކުރި ފަރާތުން ބުނީ 20 ޑިގުރީގެ ފިނިމިނުގައި ފޮތި ފަށަލަތަކުން ވައިރަހުގެ އަސަރު ފެނިފައިވަނީ 14 ދުވަހުގެ މުއްދަތަށްކަމަށެވެ. 30 ޑިގުރީގެ ފިނިމިނުގައި ކަފަ ފަށަލަތަކުން ތިން ދުވަސްތެރޭގައި ވައިރަހުގެ އަސަރު ނެތިގެން ދެއެވެ. ނަމަވެސް އެސްއެސްފަދަ އެހެނިހެން އޮމާން ފަށަލަތަކުގައި 30 ޑިގުރީގެ ފިނިމިނުގައި ހަތް ދުވަހުގެ މުއްދަތަށް ވައިރަހުގެ އަސަރު ދެމިހުރެއެވެ. 40 ޑިގުރީގައި ވައިރަގެ ބާރު ކެނޑޭ މިންވަރު އެއަށްވުރެ އަވަހެވެ.

އަލްޓްރާވައޮލެޓު އަލީގެ ސަބަބުން ތަހުލީލަށް ކޮށްފާނެ އަސަރެއް ނައްތާލުމަށް ސައިންސުވެރިން ތަހުލީލުތައް ކުރިއަށް ގެންގޮސްފައިވަނީ އަނދިރީގައެވެ. އަލްޓްރާވައިލެޓުގެ ސަބަބުން ވައިރަހުގެ ބާރު ކުޑަވާކަމަށް މީގެ ކުރިން ކޮށްފައިވާ ތަހުލީލުތަކުންވަނީ ދައްކާފައެވެ. ރިޑެލް ވިދާޅުވީ ލެބޮޓްރީގައި ހުރި ފަށަލަތަކުގައި ވައިރަސް ދެމިހުރި މިންވަރަށްވުރެ އާންމު ދިރިއުޅުމުގައި ބޭނުންކުރާ ފަށަލަތަކުގައި ވައިރަސް ދެމިހުންނަ މުއްދަތު ކުރުވާނެކަމަށް އެ ސަބަބަށްޓަކައި ޤަބޫލުކުރެވޭކަމަށެވެ.

ޔުނިވަސިޓީ އޮފް ސިޑްނީގެ ފެކަލްޓީ އޮފް މެޑިސިން އެންޑް ހެލްތުގެ ޕުރޮފެސަރެއްކަމަށްވާ ޖޫލީ ލީސްކު ވިދާޅުވީ ދިރާސާގެ ހޯދުންތަކަކީ ބޭނުންތެރި ހޯދުންތަކެއްކަމަށެވެ. އެ ދިރާސާއިން ފަށަލަތަކުގެ ޒަރިއްޔާއިން ބަލި ފެތުރޭކަން އިތުރަށް ޔަޤީންކޮށްދޭ ނަމަވެސް އާންމު ދިރިއުޅުމުގެ ޙާލަތްތަކުގައި ވައިރަސް ދަތުރުކުރާ ގޮތް ބެލުމަކީ ކޮންމެހެން މުހިންމުކަމެއްކަމަށް އޭނާ ވިދާޅުވިއެވެ. އެ މަޢުލޫމާތުން އެނގޭގޮތުގައި ބަލިޖެހިފައިވާ މީހަކާ ގާތްކޮށް ކައިރީގައި އުޅުމަކީ މޯބައިލް ފޯނުގައި ފަސް ދުވަސް ފަހުން އަތްލުމަށްވުރެ ބޮޑަށް ނުރައްކާކަމެއްކަމަށް އޭނާ ވިދާޅުވިއެވެ.

ކޯވިޑް-19 ޖެހެނީ ބަލިޖައްސާ ސާސް-ކޮވް-2 ވައިރަހުގެ ކިހާ މިންވަރަކަށް އިންސާނާ ހުށަހެޅުމުންކަމެއް އަދި ހޯދިފައެއް ނުވެއެވެ. ނަމަވެސް އެ ޢާއިލާއަށް ނިސްބަތްވާ އެހެން ވައިރަސްތަކުގެ މަޢުލޫމާތަށް ބަލާނަމަ ވައިރަހުގެ 300އެއްހާ ޕާޓިކަލަށް ހުށަހެޅުމުން ބަލިޖެހޭނެކަމަށް ޤަބޫލުކުރެވެއެވެ. ސައިންސުވެރިން ބުނީ ބަލި ޖެހިފައިވާ މީހެއްގެ ހަށިގަނޑުން އުފެދޭ މިއުކަސްގައި ވައިރަހުގެ އަސަރު ހުންނަ މިންވަރަށް އޮމާން ފަށަލަތަކުގައި ވައިރަސް ބަހައްޓާނަމަ އެހެން މީހަކަށް ބަލިޖެއްސޭ މިންވަރަށް ދެ ހަފުތާ ވަންދެން އެ ފަށަލައެއްގައި ފަސޭހަކަމާއެކު ވައިރަހަށް ދެމިހުރެވޭނެކަމަށެވެ.

ސީއެސްއައިއާރުއޯއިން ބުނީ ފަށަލަތަކުގައި ވައިރަސް ދެމިހުންނަ މުއްދަތަށް އިތުރު ކަންކަމުގެ ސަބަބުން އަސަރުކުރާކަމަށެވެ. އެގޮތުން ވައިރަހުގެ ވިރާސީ އުފެދުމާއި ފަށަލައިގެ ބާވަތާއި ވައިރަސް ތެތްކޮށް ހުރުމާއި ހިކިކޮށް ހުރުމުންވެސް ބަލިޖެހުމުގެ ބާރަށް އަސަރުކުރެއެވެ. އެ ފަރާތުން އިތުރަށް ބުނީ އެއްގަމު މަސް ބަންދުކުރާ ކާރުޚާނާފަދަ ފިނިހޫނުމުން ދަށްކޮށް ހުންނަ ތަންތަނުގައި ވައިރަސް ދެމިހުންނަކަމަށް ބެލެވޭ ބެލުމަށް ދިރާސާއިން ބާރުދޭކަމަށެވެ.