ދުނިޔެ

ޗައިނާގެ ސިޓީއެއްގެ އާބާދީ އެއްކޮށް ކޯވިޑް-19އަށް ތަހުލީލުކުރަނީ


ޗައިނާގެ ޗިންޑާއޯގައި ކޯވިޑް-19 ފެތުރޭ މިންވަރު އިތުރުވުމާއި ގުޅިގެން އެ ސިޓީގައި ދިރިއުޅޭ ހުރިހާ އެންމެން ކޯވިޑް-19އަށް ތަހުލީލުކުރުމަށް ނިންމައިފިއެވެ.

ޗައިނާގެ ވެރިކަންކުރާ ސިޓީ، ބެއިޖިން އާއި 435 މޭލު ދުރުގައި އޮންނަ ޗިންޑާއޯގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޯވިޑް-19 ޖެހިފައިވާ ހަ މީހުންނާއި ބަލި ޖެހި އަލާމާތް ނުފެންނަ ހަ މީހުންވަނީ ފެނިފައެވެ. އޭގެ ތެރެއިން ގިނަ ކޭސްތައް ގުޅިފައިވަނީ ޤައުމުން ބޭރުން އައި ބަޔަކަށް ކޯވިޑް ޖެހުމުން ފަރުވާދީފައިވާ ޗިންޑާއޯގެ ޗިންޑާއޯ ޗެސްޓު ހަސްފަތާލާއެވެ.

ޗިންޑާއޯގެ ކަމާބެހޭ ފަރާތްތަކުން ބުނީ ކުރިއަށް އޮތް ފަސް ދުވަހުގެ ތެރޭގައި ޗިންޑާއޯގައި ދިރިއުޅޭ ނުވަ މިލިއަން މީހުން ކޯވިޑް-19އަށް ތަހުލީލުކުރާނެކަމަށެވެ. އެ ހަސްފަތާލަށް ވަދެ ނުކުމެ ނޫޅެވޭގޮތަށް މިހާރުވަނީ ބަންދުކޮށްފައެވެ. އޭގެ އިތުރުން ޗިންޑާއޯގެ މައި ހަސްފަތާލުގެ ކުއްލި ފަރުވާދޭ ޑިޕާޓްމަންޓުވެސް ވަނީ ބަންދުކޮށްފައެވެ. އަދި ބަލި ޖެހިފައިވާ މީހުން ދިރިއުޅޭ އިމާރާތްތައްވެސްވަނީ ވަދު ނުކުމެ ނޫޅެވޭގޮތަށް ބަންދުކޮށްފައެވެ.

މިދިޔަ އަހަރުގެ ފަހުކޮޅު ކޯވިޑް-19 ޖެހިފައިވާ މީހަކު ފުރަތަމަ ފެނިފައިވަނީ ޗައިނާގެ ވުހާން ސިޓީގައެވެ. އެ ޤައުމުގައި މިހާތަނަށް 85،578 މީހުންނަށް ބަލިޖެހި 4،634 މީހުންވަނީ މަރުވެފައެވެ. ވަރަށް ހަލުވިކަމާއިއެކު ޗައިނާގައި ކޯވިޑް ފެތުރުމަށްފަހު މިދިޔަ އޭޕްރިލް މަހުން ފެށިގެން އެ ޤައުމުގައި ބަލި ފެތުރެމުންދާ މިންވަރުވަނީ ވަރަށް ބޮޑަށް ދަށަށްގޮސްފައެވެ. ނަމަވެސް އަނެއްކާވެސް ބަލި ފެތުރިދާނެކަމަށް ޗައިނާއިން އޮތީ ވަރަށް ބޮޑަށް ހުށިޔާރުވެއެވެ.