ވިޔަފާރި

މަސް ރައްކާކުރެވޭނެ އިންތިޒާމްތައް ރާއްޖޭގެ އެކި ހިސާބުތަކުގައި ޤާއިމްކުރަނީ


މަސްވެރިން ބާނާ މަސް ރައްކާކުރެވޭނެ އިންތިޒާމްތައް ރާއްޖޭގެ އެކި ހިސާބުތަކުގައި ޤާއިމްކުރައްވާނެކަމަށް މިނިސްޓަރ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަޙީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ޙާޒިރުކޮށް މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރ ޒަހާ ވިދާޅުވީ ރާއްޖެއިން ރޯމަސް އެކްސްޕޯޓުކުރުން ހުއްޓާލަން މަސައްކަތްތައް ކުރަމުންދާކަމަށެވެ. އެގޮތުން ރާއްޖޭގައި މަސް ރައްކާކުރުމުގެ ޤާބިލްކަން އިތުރުކުރުމަށް މިފްކޯގެ ސްޓޯރޭޖް ކެޕޭސިޓީ އިތުރުކުުރުމާއި ރާއްޖޭގެ އެކި ހިސާބުތަކުގައި ސްޓަޯރޭޖް ކެޕޭސިޓީތައް ޤާއިމްކުރާނެކަމަށް މިނިސްޓަރ ޒަހާ ވިދާޅުވިއެވެ.

"ސްޓޯރޭޖް ކެޕޭސިޓީ އިތުރުކުރާނަން ރާއްޖޭގެ އެކި ދިމަދިމާގައި، އެއީވެސް ބޭނުމަކީ ރާއްޖޭގަ މަސް ރައްކާކުރެވިފަ، ރާއްޖޭގަ އެކި ބުރޭންޑުތަކުގެ އެކި ގޮތްގޮތަށް މަސް ބަންދުކުރުން، އެކި ބުރޭންޑުތަކުގެ ތަފާތު ސެޕެސިފިކޭޝަންސްތަކަށް ކާރުޙާނާތަކުން ލޭބަލްތައް ޖެހިގެންދާނެ،" މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މަސްވެރިން ބާނާ މަަހަށް ރަނގަޅު އަގެއް ލިބެން އޮތީ ރާއްޖެއިން އެކްސްޕޯޓުކުރާ މަހަކީ ދަޅުގައި ބަންދުކޮށްގެން އެކްސްޕޯޓުކުރާ މަހަށް ހަދައިގެން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"އަމާޒަކީ ގަނޑުކުރި މަހުގެ ގޮތުގައި ރާއްޖެއިން މަސް އެކްސްޕޯޓު ނުކުރުން، މިފްކޯއަށް ގެންވޭ ބަދަލުތަކާއި އެކު މިކަން ހާސިލްވާނެ، މިފްކޯ ފުރުނީމަ މިހާރު މިޖެހެނީ ނުއަގުގަ ބެންކޮކަށް މަސްތައް ވިއްކާލަން،" މިނިސްޓަރ ޒަހާ ވިދާޅުވިއެވެ.

ސަރުކާރުން ވަނީ މިފްކޯގެ ފެލިވަރު އަދި ކޫއްޑޫ މަސް ކާރުހާނާ އަޕްގުރޭޑުކުރުމުގެ މަޝްރޫޢެއް ފެށުމަށް ނިންމާފައެވެ. ކޫއްޑޫގައި މަސް ރައްކާކުރުމުގެ ޤާބިލްކަން މިހާރު ހުރީ 2000 ޓަނުގައެވެ. އަދި މިފްކޯއިން ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ ސްޓޯރޭޖް ބޮޑު ކުރުމުގެ މަސައްކަތްތަކާއި އެކު ކޫއްޑޫގައި މަސް ރައްކާކުރެވޭ މިންވަރު 6000 އަށް އިތުރުވެގެންދާނެއެވެ.

ފެލިވަރުގައި މިހާރު މަސްވެރިންގެ އަތުން މަސްގަތުމުގެ ޤާބިލްކަން ހުރީ ދުވާލަކަށް 50 ޓަނެވެ. ފެލިވަރު 240 ޓަނާއި ހަމައަށް ބްރައިން ފްރީޒިން ކެޕޭސިޓީ އިތުރުކުރުމަށްވަނީ ހަމަޖެހިފައެވެ.