ވިޔަފާރި

ވީޑިއޯ ގޭމް ވޯލްޑް ޗެމްޕިއަންޝިޕް ޓެލެކޮމް ޕާޓްނަރ އަކަށް އުރީދޫ


ރާއްޖޭގައި ބޭއްވުމަށް ޢިއުލާނު ކޮށްފައިވާ ވޯލްޑް ސީރީސް އޮފް ވީޑިއޯ ގޭމްސް ޑަބްލިއު.އެސް.ވީ.ޖީގެ، ވޯލްޑް ޗެމްޕިއަންޝިޕަށް އިންޓަރނެޓްގެ ޙިދުމަތް ފޯރުކޮށްދިނުމަށް އުރީދޫއާއި އެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. އުރީދޫ އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި އުރީދޫގެ ފަރާތުން ސޮއިކުރެއްވީ ހެޑް އޮފް ސޭލްސް ހުސައިން ނިޔާޒެވެ. އަދި ޑަބްލިއު.އެސް.ވީ.ޖީގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޕްރެޒިޑެންޓް ސްޓީވަން ލޫނެންސްއެވެ. ސޮއި ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސްޓީވަން ވިދާޅުވީ މިފަދަ އެއްބަސްވުމެއް އުރީދޫއާއިއެކު ވުމުގެ މައިގަނޑު ބޭނުމަކީ އެ މުބާރާތަށް ބޭނުންވާ ސްޕީޑުގެ ރަނގަޅު އިންޓަރނެޓް ޚިއިދުމަތެއް އުރީދޫއިން ފޯރުވައި ދޭނެކަމުގެ ޔަޤީންކަން އޮތުމުން ކަމަށެވެ. އުރީދޫގެ ހެޑް އޮފް ސޭލްސް ނިޔާޒް ވިދާޅުވީ މިހާރަކަށް އައިސް ރާއްޖޭގައި އޮންލައިން ގޭމް ކުޅޭ ޒުވާނުންގެ އަދަދު އިތުރު ވަމުން އަންނަ ކަމަށެވެ. އަދި އެފަދަ ޒުވާނުންނަށް ލިބޭ ފުރުސަތެއްގައި އުރީދޫގެ ބައިވެރިބުން ލިބޭކަމީ އުފާކުރާ ކަމެއް ކަމަށް ނިޔާޒް ވިދާޅުވިއެވެ. 100،000 ޑޮލަރުގެ އަގުހުރި އިނާމު ހުށަހަޅާފައިވާ މި މުބާރާތް އަންނަ މަހުގެ 5ން 10ށް ބޭއްވުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ ރިސޯޓެއްގައެވެ. ނަމަވެސް ބާއްވާ ވަކި ރިސޯޓެއް، ޑަބްލިއު.އެސް.ވީ.ޖީން އަދި ކަނޑައަޅާފައެއް ނުވެއެވެ. މި މުބާރާތުގައި ރާއްޖޭގެ ހަތަރު ބައިވެރިއަކު ވާދަކުރާނެއެވެ.