ވިޔަފާރި

މަހުގެ އުފެއްދުންތައް މާކެޓްކުރުމުގެ ހަރަކާތްތައް އިތުރު ހަރުފަތަކަށް ގެންދާނަން- މިނިސްޓަރ ޒަހާ


އަންނަ އަހަރުތެރޭ ރާއްޖޭގެ މަސްވެރިކަން ދުނިޔެއަށް އިޝްތިހާރުކޮށް، ދިވެހިން ބާނާ މަހަށް އިތުރު މާރުކެޓުތައް ހޯދުމުގެ މަސައްކަތް އިތުރަށް ފުޅާ ކުރައްވާނެކަމަށް މިނިސްޓަރ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަޙީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޒަހާ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.

ރާއްޖެއިން އެކްސްޕޯޓްކުރާ މަހުގެ ގާތްގަނޑަކަށް ސާޅީސް އިންސައްތަ އެކްސްޕޯޓުކުރަނީ ޔޫރަޕަށެވެ. އެހެން ނަމަވެސް އެންމެކުޑަކޮށް ތަރައްޤީވެފައިވާ ޤައުމަކުގެ ލިސްޓުން، ތަރައްޤީވަމުން އަންނަ ޤައުމަކުގެ ލިސްޓަށް ރާއްޖެ އަރާފައިވާތީ، ރާއްޖެއިން ޔޫރަޕުގެ ޤައުމުތަކަށް އެކްސްޕޯޓުކުރާ މަހުގެ ބާވަތްތަކަށް ލިބެމުންއައި ޑިއުޓީގެ ޢިނާޔަތްވަނީ، 2013 ވަނަ އަހަރުގެ ޑިސެމްބަރުމަހުން ފެށިގެން ކަނޑާލާފައެވެ. އޭގެސަބަބުން ރާއްޖެއިން ޔޫރަޕަށް މަސް އެކްސްޕޯޓުކުރުމުން ލިބެމުންދިޔަ މަންފާ ވަރަށްބޮޑަށް ދަށްވެފައިވެއެވެ.

މިއާއެކު މިއަދާ ހަމައަށްވެސް ރާއްޖެއިން މަސް އެކްސްޕޯޓުކުރާނެ އިތުރު މަރކެޓުތައް ހޯދުމުގެ މަސައްކަތް ކުރަމުންދިޔަ ނަމަވެސް، އެކަށީގެންވާ ކުރިއެރުންތަކެއް ނުލިބެއެވެ.

މަޖިލީހުގެ މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރ ޒަހާ ވިދާޅުވީ މަސްވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކާއި ގުޅިގެން ދުނިޔޭގެ އިތުރު ބާޒާރުތަކަށް ވަނުމަށް މަސައްކަތްކުރާނެ ކަމަށެވެ.

" އަންނަ އަހަރު މާރކެޓިންގެ ހަރަކާތްތައް އިތުރު ހަރުފަތަކަށް ގެންދާނަން، މާރކެޓިންގެ މަސައްކަތް އެބަޖެހޭ ވަރަށް ބޮޑަށް ކުރަން، މިމަަސައްކަތުގައި އެމްއެސްޕީއާއި އިންޑަސްޓްރީގައި ތިބި އެހެން ފަރާތްތަކާއި ގުޅިގެން އިތުރު މަސައްކަތްތަކެއްކޮށް، އިތުރު ބާޒާރުތަކަށް ވަނުމަށް މަސައްކަތްކުރާނަން،" މިނިސްޓަރ ޒަހާ ވިދާޅުވިއެވެ.

މިނިސްޓަރ ފާހަގަކުރެއްވިގޮތުގައި ރާއްޖޭގެ މަސް ޗައިނާއަށް އެކްސްޕޯޓުކުރުމަށް އެޤައުމުގައި ބާއްވާ ފެއަރތަކުގައި ބައިވެރިވަމުންދިޔަ ނަމަވެސް ރާއްޖޭގެ މަހުގެ އުފެއްދުންތަކަށް ރަނގަޅު ތަރުޙީބެއް ނުލިބެއެވެ. އެހެންނަމަވެސް ޗައިނާގެ އިތުރު ފަރާތްތަކާއި އެކު މަޝްވަރާތައް ބާއްވާ އިތުރު މަސައްކަތްތައް އަދިވެސް ކުރާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.