ވިޔަފާރި

މީރާގެ ކަލެކްޝަން ސެންޓަރެއް ނ. މަނަދޫގައި ހުޅުވައިފި


ނ. މަނަދޫގައި މީރާގެ ކަލެކްޝަން ސެންޓަރެއް ހުޅުވައިފިއެވެ.

އާދީއްތަދުވަހުގެ ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި މަނަދޫ މީރާ ކަލެކްޝަން ސެންޓަރު ހުޅުވައިދެއްވީ ނ. އަތޮޅު ކައުންސިލްގެ ރައީސް އަލީ ޘާފިރުއެވެ.

މީރާއިން ބުނީ މަނަދޫގައި ހުޅުވި ކަލެކްޝަން ސެންޓަރަކީ އެ ސަރަހައްދަށް ނިސްބަތްވާ ރައްޔިތުންނަށާއި، ޓެކްސް ދައްކާ ފަރާތްތަކަށް މީރާގެ ޙިދުމަތްތައް ވީހާވެސް ގާތުން ދިނުމުގެ ބޭނުމުގައި ހުޅުވި ސެންޓަރެއްކަމަށެވެ.

މީރާއިން ބުނީ މާލޭގައި ޓެކްސް ދައްކާ ފަރާތްތަކަށް ލިބޭ ހުރިހާ ޙިދުމަތެއް އަތޮޅުތެރޭގައި ހުންނަ މީރާގެ އޮފީސްތަކުންވެސް ލިބޭނެކަމަށެވެ. އޭގެތެރޭގައި މީރާގައި ރަޖިސްޓްރީކުރުމާއި، ޓެކްސް ބަޔާންތައް ބަލައިގަތުމާއި، ޓެކްސް އަދި މީރާއަށް ބަލައިގަންނަ އެހެނިހެން ފައިސާ ބަލައިގަތުމުގެ އިތުރުން ޓެކުހާއި ގުޅުންހުރި މައުލޫމާތު ބޭނުންވާ ފަރާތްތަކަށް ފޯރުކޮށްދިނުން ހިމެނެއެވެ.

މީރާގެ ޙިދުމަތްތައް އަތޮޅުތަކުގައި ދިރިއުޅޭ ފަރާތްތަކަށް ފަސޭހައިން ލިބޭނެ އިންތިޒާމް ހަމަޖެއްސުމުގެ ގޮތުން މިހާރުވެސް އަތޮޅުތެރޭގައި މީރާގެ އޮފީސްތައް އަންނަނީ ހިންގަމުންނެވެ. އެގޮތުން މިހާރުވެސް 16 އަތޮޅެއްގައި މީރާގެ 17 އޮފީސް ޤާއިމްކޮށް އަންނަނީ ޓެކްސް ދައްކާ ފަރާތްތަކަށް ޙިދުމަތް ފޯރުކޮށްދެމުންނެވެ.

ޓެކްސް ދައްކާ ފަރާތްތަކަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން މީރާއިން މިހާރު ވަނީ އެ އިދާރާއިން ބަލައިގަންނަ ހުރިހާ ޓެކުހަކާއި ފީތައް އޮންލައިންކޮށް ދެއްކޭނެ އިންތިޒާމްވެސް ހަމަޖައްސަދީފައެވެ.