ޚަބަރު

އުސޫލުތަކަށް އަހުލުވެރިކުރުވުމަށް ޓެކްސީ ޑްރައިވަރުންނަށް ތަމްރީނު ޕްރޮގްރާމެއް


ޓެކްސީގެ ޚިދުމަތް ދިނުމަށް އަލަށްނުކުންނަ މީހުންނަށް އަމާޒުކޮށްގެން ތަމްރީނު ޕްރޮގްރާމެއް ފުލުހުން ފަށައިފިއެވެ. މި ޕްރޮގްރާމަކީ ފުލުހުންގެ ޓްރެފިކް މެނޭޖްމަންޓް ޑިޕަރޓްމަންޓުން އިސްނަގައިގެން ކުރިއަށްގެންދަން ފަށާފައިވާ މަސައްކަތެކެވެ.

މިތަމްރީން ޕްރޮގްރާމުގައި އެއްގަމު ދަތުރުފަތުރުގެ ޤާނޫނާއި ޤަވައިދުތަކަށް ޑްރައިވަރުން އަހުލުވެރިކުރުވުމާއި އަދި އެކަންކަމާގުޅޭ ފުރިހަމަ މަޢުލޫމާތު ފޯރުކޮށްދިނުން ހިމެނެއެވެ. އަދި މަގުމަތީގައި ހިނގާ އެކްސިޑެންޓްތައް މަދުކުރުމުގައި ޓެކްސީ ޑްރައިވަރުންގެ ދައުރާއި މަގުމަތި ބޭނުންކުރާއިރު ޑްރައިވަރުން ސަމާލުކަންދޭންވީ ކަންތައްތަކަށް އަހުލުވެރިކުރުންވެސް ހިމެނެއެވެ.

ފުލުހުން ވިދާޅުވީ ޓެކްސީ ޑްރައިވަރުންނަށް ހިންގާ ތަމްރީން ޕްރޮގްރާމުގައި ޑްރައިވަރުންނާއި، މި ދާއިރާއަށް ޝަޢުގުވެރިކަން ހުންނަ މީހުން ހިމެނޭހެން 266މީހުން ބައިވެރިވާކަމަށެވެ. މަޢުލޫމާތު ސެޝަންތައް ކުރިއަށްގެންދަނީ ގްރޫޕްތަކަކަށް ބަހާލައިގެންނެވެ. މިއީ ދެ ހަފްތާގެ ތަމްރީން ޕްރޮގްރާމެކެވެ.

މިއީ މިގޮތަށް ޓެކްސީ ޑްރައިވަރުންނަށް ކުރިއަށްގެންދާ ދެވަނަ ތަމްރީން ޕްރޮގްރާމްއެވެ. މި ޕްރޮގްރާމް ސިލްސިލާކޮށް ކުރިއަށްގެންދާނެކަމަށް ޓްރެފިކް ފުލުހުން ވިދާޅުވެއެވެ.