 
										
			ޓެކްސީ ޑްރައިވަރު ޤާސިމް ޙަސަން މަރާލި މައްސަލައިގައި ދައުލަތުން ކުރި ދަޢުވާއަށް އެއްބަސްވުމަށް ފަހު ފަހުން އިންކާރުކޮށްފައިވާ އަދުހަމަށް 8 މަސް ދުވަހުން ވެސް ވަކީލަކު ހަމަނުޖެއްސުނު ކަމަށް އޭނާ ކޯޓުގައި ބުނެފިއެވެ. 
އޮންލައިންކޮށް މިއަދު ބޭއްވި މިމައްސަލައިގެ ޝަރީއަތުގެ އަޑުއެހުމުގައި އަދުހަމް ވަނީ ވަކީލަކަށްވުރެ އޭނާގެ ދޫ ފަރިތަވާނެ ކަމަށް ބުނެ ގިނަ ޝަކުވާތަކެއްކޮށްފައެވެ. 
މީގެ ކުރިން ދައުލަތުން އަދުޙަމަށް ވަކީލަކު ހަމަޖެއްސުމުން އެކަމަށް އިންކާރުކުރުމުން އޭނާއަށްވަނީ އަމިއްލަ ވަކީލަކު ހަމަޖައްސުމުގެ ފުރުސަތު ދީފައެވެ.  
ނަމަވެސް މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ވަކީލަކު ހަމަޖެއްސިފައި ނުވާކަމަށްބުނެ އޭނާ ވަނީ އޭނާ ހައްޔަރުކޮށްފައިހުރި މާފުށީ ޖަލުގައި ގިނަ މައްސަލަތަކެއް ހުރިކަމަށާއި އެތަނުގައި ހުރެ ވަކީލަކު ހަމަޖައްސަން އޭނާއަށް ބޮޑު ތަކުލީފަކަށް ވެފައިވާކަމަށް ބުނެފައެވެ. 
ވަކީލަކު ހަމަނުޖެހުނަސް މައްސަލައާ ގުޅޭ ލިޔުންތައް ލިބުމުން އޭނާއަށް އަމިއްލައަށް ކުރިއަށް ދެވިދާނެ ކަމަށް ބުނެ އަދުހަމް ވަނީ އޭނާ އަމިއްލަ ދިފާއުގައި ވަކާލާތުކޮށްފާނެކަމަށާއި، މައްސަލައާ ބެހޭ ގޮތުން ހޯދަންޖެހޭ ހުރިހާ މައުލޫމާތެއް މިހާރު ހޯދާބަލާފައިވާނެކަމަށް، ފޯނު ކޯލެއް ކުރަން ފުރުސަތު ނުލިބިގެން ޝަކުވާކުރި އަދުހަމް މިއަދުވަނީ ބުނެފައެވެ. 
މިދިޔަ ޑިސެމްބަރު މަހު ހުޅުމާލޭގައި ޓެކްސީ ކުރަމުންދަނިކޮށް ތޫނު އެއްޗަކުން ހަމަލާދިނުމުގެ ސަބަބުން، އދ.މާމިގިލީ ކަނީރުމާގޭ ޤާސިމް ހަސަން މަރުވެފައިވަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށެވެ. 
ޤާސިމަށް ހަމަލާދިން މައްސަލާގައި ދައުލަތުން ކުރި ދަޢުވާއަށް އެއްބަސްވުމަށްފަހު އޭގެ 3 ވަރަކަށް ދުވަސް ފަހުން އެކަމަށް އިންކާރު އަދުހަމް ބުނެފައިވަނީ ކުރިން ކުށަށް އެއްބަސްވީ ފުލުހުންގެ ބަންދުގައި ހުރިއިރު އޭނާއަށް މަސްތުވާތަކެތި ދިނުމުގެ ސަބަބުން ވާނުވާނޭނގި ހުރެކަމަށެވެ. ނަމަވެސް އަދުހަމްގެ އެ ތުހުމަތުތައް ފުލުހުންވަނީ ދޮގުކޮށްފައެވެ.