ކުރިއަށް ފުޓްބޯޅަ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ފަރިތަކުރުންތައް ފަށައިފިއެވެ.
ދެ ނަންބަރު ޓާފް ދަނޑުގައި އިއްޔެ ހަވީރު މާޒިޔާއިން ފަރިތަކުރުންތައް ފަށާފައިވާއިރު، އެޓީމުން ފަރިތަކުރުންތައް ކުރިޔަށްގެންދަނީ އެޗްޕީއޭއިން ކަނޑައަޅާފައިވާ ގައިޑްލައިންތަކާއި އެއްގޮތަށެވެ.
ފަރިތަކުރުންތައް ފެށުމުގެ ހުއްދަ ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ދިން ފަހުން ފަރިތަކުރުންތައް ފެށި ފުރަތަމަ ކްލަބަކީ މާޒިޔާއެވެ.
މި ހުއްދައާ އެކު މާޒިޔާގެ އިތުރުން އަންނަ ސީޒަނުގެ ފުރަތަމަ ޑިވިޝަނުގައި ވާދަކުރާ ޓީސީ ސްޕޯޓްސް ކްލަބާއި ކްލަބް އީގަލްސް، ކްލަބް ގްރީން ސްޓްރީޓްސް، ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް، ޔުނައިޓެޑް ވިކްޓްރީ، ސުޕަ ޔުނައިޓެޑް ސްޕޯޓްސް އަދި ކްލަބް ވެލެންސިއާ އިން ވެސް ކުރިއަށް އޮތް ހަފްތާތަކުގައި ފަރިތަކުރުންތައް ފަށާނެކަމަށް ބެލެވެއެވެ.
މާޒިޔާ އިން ފަރިތަކުރުންތައް ފެށިއިރު އެޓީމުން ވަނީ މިއަހަރުގެ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގެ މެޗުތަކަށް ވެސް އެޗްޕީއޭގެ ހާއްސަ ހުއްދައަކާ އެކު ފަރިތަކުރުންތައް ކުރިއަށް ގެންގޮސްފައެވެ. އެހެން ނަމަވެސް ކޯވިޑް-19 އާ ގުޅިގެން އެ މުބާރާތް ކުރިއަށް ނުގެންދަން އޭއެފްސީ އިން ނިންމުމުން މާޒިޔާ އިން ވަނީ ފަރިތަކުރުންތައް މެދުކަނޑާލައިފައެވެ.
ކުރިއަށް އޮތް ސީޒަނުގައި މާޒިޔާގެ ކޯޗަކަށް ހުންނާނީ ޓީސީއާ އެކު ރަނގަޅު ކާމިޔާބީތަކެއް ހޯދައި ޒުވާން ގައުމީ ޓީމުތަކުގައި ވެސް މަސައްކަތްކުރި މުހައްމަދު ނިޒާމްއެވެ.
ފުޓްބޯޅަ ސީޒަން ފެށުމަށް އެފްއޭއެމުން މަސައްކަތް ކުރަމުން އަންނަނީ ޑިސެމްބަރު މަހުގެ އަށް ވަނަ ދުވަހުއެވެ. ފަރިތަކުރުންތައް ފެށުމުގެ ހުއްދަ ކްލަބްތަކަށް ލިބުމާ އެކު އެ ތާރީހުގައި ސީޒަން ފެށުމުގެ ފުރުސަތު މިހާރު ބޮޑެވެ. ސީޒަން ހުޅުވާ މެޗުގައި ބައްދަލުކުރާނީ ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަން މާޒިޔާ އާއި ލީގުގެ ދެ ވަނަ ހޯދި ކްލަބް އީގަލްސްއެވެ.