ޚަބަރު

ރައީސް ޓްރަންޕްގެ ޞިއްޙީ ޙާލަތު: އެނގެނީ އަދި ނޭނގެނީ ކޮންކަމެއް؟


އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަންޕަށް ކޯވިޑް-19 ޖެހިފައިވާކަން އިޢުލާނުކުރައްވާފައިވަނީ އޮކްޓޯބަރު މަހުގެ 2ވަނަ ދުވަހުގައެވެ. ނަމަވެސް މިއަދާ ޖެހެންދެންވެސް އެމަނިކުފާނަށް ބަލިޖެހުނު ގޮތާ މިވަގުތުގެ ޙާލަތާގުޅޭ ގިނަ ސުވާލުތަކަށްވަނީ ޖަވާބެއް ނުލިބިއެވެ. މިހާ ހިސާބަށް ރައީސް ޓްރަންޕުގެ ޙާލަތާގުޅޭގޮތުން ލިބެން ހުރި މަޢުލޫމާތުގެ މައްޗަށް ބަލައިލާނަމެވެ.

ރައީސް ޓްރަންޕަށް ބަލިޖެހުނީ ކާކުގެ ފަރާތުން އަދި ކޮން އިރަކު؟

މި ދެ ސުވާލަށް ޖަވާބެއް ލިބިފައިނުވަނީ ރައީސް ޓްރަންޕް އެންމެ ފަހުން ކޯވިޑް-19އަށް ތަހުލީލުކޮށް ނެގެޓިވް ނަތީޖާއެއް ލިބިފައިވާ ތާރީޚު ހާމަކުރުމަށް ރިޔާސީ ގަނޑުވަރު ވައިޓްހައުސުން ދެކޮޅުހަދާފައިވާތީއެވެ. އެ މަޢުލޫމާތަކީ ރައީސް ޓްރަންޕަށް ބަލިޖެހުނު ތަނަކާއި ދުވަސްވަރު ދެނެގަތުމަށް ކޮންމެހެން މުހިންމު މަޢުލޫމާތެކެވެ.

ޞިއްޙީ މާހިރުން ބުނީ ރައީސް ޓްރަންޕަށް ކޯވިޑް-19 ޖެހިފައިވާ ދުވަސްވަރުގެ ގޮތުން ބޮޑަށް ބެލެވެނީ ސެޕްޓެމްބަރު މަހުގެ ފަހުކޮޅުގައި ވައިރަހުގެ އަސަރު ރައީސް ޓްރަންޕުގެ ހަށިކޮޅަށް ފޯރާފައިވާކަމަށެވެ. ސުޕްރީމު ކޯޓުން ހުސްވެފައިވާ ގޮނޑިއަކަށް ބޭފުޅަކު ހުށަހެޅުއްވުމަށް ވައިޓު ހައުސްގެ ގޯތިތެރޭގައި އޮންނަ ރޯސް ގާޑެންގައި ސެޕްޓެމްބަރު މަހުގެ 26ވަނަ ދުވަހުވަނީ ހަފުލާއެއް ބާއްވާފައެވެ. އެ ހަފުލާގައި 100އަށްވުރެ ގިނަ މީހުންވަނީ ބައިވެރިވެފައެވެ. ޖަލްސާގެ ބައިވެރިންގެ ތެރެއިން ގިނަ މީހުން މާސްކު ބޭނުންކޮށްފައެއް ނުވެއެވެ. އަދި އިޖުތިމާޢީ ގައިދުރުކަން ފަރިތަކޮށްފައެއްވެސް ނުވެއެވެ. ރައީސް ޓްރަންޕަށް ކޯވިޑް-19 ޖެހިފައިވަނީ އެ ހަފުލާއިންތޯ ނުވަތަ އެ ހަފުލާއަށް ހާޒިރުވި އެހެން މީހަކަށް ރައީސް ޓްރަންޕުގެ ފަރާތުން ބަލިޖެހުނުކަން ސާފެއް ނުވެއެވެ. ރައީސް ޓްރަންޕާއި އަނބިކަންބަލުން މެލާނިއާ ޓްރަމްޕު ހިމެނިވަޑައިގަންނަވާގޮތަށް އެ ހަފުލާގައި ބައިވެރިވި 8 މީހަކަށް އެ ހަފުލާގެ ފަހުން ބަލިޖެހިފައިވާކަމަށް ނިއު ޔޯކު ޓައިމްސްގައިވަނީ ބުނެފައެވެ.

ވައިޓު ހައުސްގައި މަސައްކަތްކުރާ މުވައްޒަފެއްގެ ފަރާތުން ރައީސް ޓްރަންޕަށް ބަލިޖެހިފައިވުންވެސް އެކަށީގެންވެއެވެ. އޮކްޓޯބަރު މަހުގެ 1ވަނަ ދުވަހުގައި ރައީސް ޓްރަންޕުގެ އަރިސް ބޭފުޅެއްކަމަށްވާ ހޯޕް ހިކްސަށްވަނީ ކޯވިޑް-19 ޖެހިފައެވެ. ހިކްސްއަކީ ރައީސް ޓްރަންޕުގެ އަރިހުގައި ވަރަށް ގިނައިން ދަތުރުކުރައްވާ ބޭފުޅެކެވެ. އޭނާއަށް ބަލިޖެހިފައިވާ ހަފުތާގައިވެސް އޯހާއޯ ސްޓޭޓުގައި ބޭއްވި ރިޔާސީ ބަހުޘްގެ ފުރަތަމަ ބުރުގައި ބައިވެރިވުމަށް އެއާ ފޯސް ވަންގައި ޓްރަންޕު ދަތުރުކުރެއްވި އިރު އެމަނުފާނުގެ އަރިހުގައި ހޯޕުވަނީ ދަތުރުކުރައްވާފައެވެ. ބައެއް މާހިރުން ޤަބޫލުކުރާގޮތުގައި ރައީސް ޓްރަންޕާއި ހޯޕް ހިކްސްގެ ބަލީގެ އަލާމާތްތައް ފެނިފައިވަނީ ވަރަށް އެކުއެކީގައިކަމުން ރައީސް ޓްރަންޕަށް ބަލިޖެހުނީ ހިކްސްގެ ފަރާތުންކަމަށްވުން ގާތެއް ނޫނެވެ.

ޓްރަންޕުގެ އަރިހުގައި މަސައްކަތްކުރައްވާ އިތުރު އިސް ބޭފުޅުންނަށްވެސްވަނީ ފާއިތުވި ދުވަސްތަކުގައި ކޯވިޑް-19 ޖެހިފައެވެ. އޭގެ ތެރޭގައި ވައިޓު ހައުސްގެ އިސް މުޝީރެއްކަމަށްވާ ސްޓެފަން މިލާއާއި ޕްރެސް ސެކެޓްރީ ކޭލޭ މެކްއެނަނީވެސް ހިމެނެއެވެ.

އާންމުގޮތެއްގައި މޮލެކިއުލާ ޑައިގްނޮސްޓިކް ތަހުލީލަކުން ހަށިގަނޑުން ކޯވިޑް-19ގެ އަސަރު ދެނެގަނެވެނީ ފަސް ދުވަހާއި ހަތް ދުވަހާ ދެމެދުގެ މުއްދަތެއްގައެވެ. ކޯވިޑް-19އަށް ސްކްރީންކުރުމަށް ބޭނުންކުރާ ރެޕިޑު ޓެސްޓަކުން ރައީސް ޓްރަންޕަށް ކޯވިޑް-19 ޖެހިފައިވާކަމަށް ފުރަތަމަ ދައްކާފައިވަނީ އޮކްޓޯބަރު މަހުގެ 1ވަނަ ދުވަހުގައިކަމަށް ވޯލް ސްޓްރީޓް ޖާނަލްގައިވަނީ ބުނެފައެވެ. އެ ތަހުލީލުގެ ނަތީޖާ ފަހުންވަނީ ލެބޮޓްރީގައި އިތުރު ތަހުލީލެއްކޮށް އިތުރަށް ޔަޤީންކޮށްފައެވެ. ރައީސް ޓްރަންޕަށް ބަލިޖެހިފައިވާކަން އިޢުލާނުކުރެއްވީ ޖެހިގެން އައި ދުވަހުގެ ދަންވަރުގެ ވަގުތެއްގައެވެ. އެއީ ހޯޕް ހިކްސްއަށް ބަލިޖެހިފައިވާކަން އިޢުލާނުކުރުމުގެ ފަހުންނެވެ.

ޓްރަންޕްގެ ހާލުކޮޅު ވަރަށް ގޯސްވިތަ؟

ހަސްފަތާލުގައި އެނދުމަތިކޮށްގެން ފަރުވާދޭންޖެހޭކަމަށް ޑޮކްޓަރުންނަށް ޤަބޫލުކުރެވޭ މިންވަރަށް އެމަނިކުފާނުގެ ޙަލުކޮޅުވަނީ ގޯސްވެފައެވެ. އޭނާގެ ޙާލުކޮޅު ވަރަށް ބޮޑަށް ގޯސްވިކަމުގެ ގިނަ ނިޝާންތަކެއްވަނީ ފާހަގަވެފައެވެ. ނަމަވެސް ރައީސް ޓްރަންޕުގެ އަރިސް ބޭފުޅުންނާއި ޑޮކްޓަރުންގެ ވާހަކަތަށް ބައެއް ޙާލަތްތަކުގައިވަނީ ފުށުއަރާފައެވެ.

ބައެއް މަސްދަރުތަކުން ބުނީ ރައީސް ޓްރަންޕަށް ކޯވިޑް-19 ޖެހުމާގުޅިގެން ކޮންމެވެސް ވަރެއްގެ ހުމެއް ހުރިކަމަށެވެ. ޑޮކްޓަރުން ވިދާޅުވީ ރައީސަށް ވަރުބަލިކަން އިހުސާސުވި ނަމަވެސް ޙާލުކޮޅު ރަނގަޅުކަމަށެވެ. ނޫސްވެރިންގެ ބައްދަލުވުންތަކުގައި ޑޮކްޓަރުންވަނީ ބައެއް ސުވާލުތަކަށް ޖަވާބު ނުދީ، ޓްރަންޕުގެ ޙާލުކޮޅު އާދަޔާ ޚިލާފަށް ރަނގަޅުކަމަށް ދޭހަވާފަދަ މޭރުމަކުން ވާހަކަދައްކާފައެވެ. ޓްރަންޕުގެ ފުއްޕާމޭގެ ސްކޭނުތަކުގެ ތަފްޞީލާއި އެމަނިކުފާނަށް ނިއުމޯނިއާ ޖެހިފައިވޭތޯ އަދި ލޭގެ ތަހުލީލުތަކުން ދުޅައިގެ އަސަރެއް ފެނިފައިވޭތޯ ސުވާލުކުރުމުން އެ ސުވާލުކަތަށް ޖަވާބުދީފައެއް ނުވެއެވެ.

ވޮލްޓާ ރީޑު އަސްކަރީ ހަސްފަތާލުގައި ޓްރަންޕު އެނދުމަތިކުރީ އޮކްޓޯބަރު މަހުގެ 2ވަނަ ދުވަހުން ފެށިގެން ތިން ދުވަހުގެ މުއްދަތަށެވެ. އޮކްސިޖަން ދަށްވުމުގެ ސަބަބުން ދެ ފަހަރެއްގެ މަތިން އެމަނިކުފާނަށްވަނީ އޮކްސިޖަން ދީފައެވެ. އާންމުގޮތެއްގައި އޮކްސިޖަން ދޭންޖެހެނީ ތަންކޮޅެއް ޙާލު ބޮޑުވުމުންނެވެ. ތަހުލީލުތަކުގައި އެ ބޭސްތަކެއް ބޭނުންކުރުމުން ކޮންމެވެސް ވަރެއްގެ ރަނގަޅު ނަތީޖާއެއް ފެނިފައިވާ ގިނަ ބޭސްތަކެއްވެސް އެމަނިކުފާނުވަނީ ބޭނުންކުރައްވާފައެވެ. އެހެންކަމުން އެމަނިކުފާނުގެ ޙާލަތު ގޯސްވި މިންވަރާމެދު ސުވާލު އުފެދޭކަމަށް ޞިއްޙީ މާހިރުން ވިދާޅުވެއެވެ.

އޭގެ އިތުރުން ރީޖެނެރޮން ފާމަސިއުޓިކަލްސް ކިޔާ ކުންފުންޏަކުން ތައްޔާރުކޮށްފައިވާ ތަހުލީލީ ބޭހެއްވެސް ރައީސް ޓްރަންޕުވަނީ ބޭނުންކުރައްވާފައެވެ. އެ ބޭހަކީ ވަރަށް އައު ބޭހެއްކަމުން އެ ބޭހެއް ރަސްމީ ނަމެއްވެސް އަދި ދީފައެއް ނުވެއެވެ. އެ ބޭސް ދެވޭނީ ބަލި ޖެހޭތާ ކުރީކޮޅުގައެވެ. އޭގެ އިތުރުން ގިލީޑް ސައިންސަން ކުންފުނީގެ އެންޓިވައިރަލް ބޭހެއްކަމަށްވާ ރެމްޑެޒިވާ ބޭސްވެސްވަނީ ފަސް ދުވަހުގެ މުއްދަތަށް ބޭނުންކުރައްވާފައެވެ. އެ ބޭސް އާންމުކޮށް ދެނީ ބަލިޖެހޭތާ ކުރީކޮޅު ޙާލު ބޮޑުވައި މީހުންނަށެވެ.
ސްޓެރޮއިޑު ބޭހެއްކަމަށްވާ ޑެކްސާމެތަސޯންވެސް ރައީސް ޓްރަންޕުވަނީ ބޭނުންކުރައްވާފައެވެ. ތަޖުރިބާކާރުން ވިދާޅުވަނީ އެ ބޭސް ބޭނުންކުރަންވާނީ ކޯވިޑް-19ގެ ސަބަބުން ވަރަށް ޙާލުބޮޑުވެފައިވާ ބަލިމީހުންގެ ފުރާނަ ސަލާމަތްކުރުމަށްކަމަށެވެ. އެ ބޭހުން ހަށިގަނޑުގެ ދިފާޢީ ނިޒާމުން ގުދުރަތީގޮތުން ކުރާ މަސައްކަތަށް ހުރަސްއަޅާތީ ޙާލަތު ގޯސްނުވާ މީހަކު އެ ބޭސް ބޭނުންކޮށްފިނަމަ ބަލި ބޮޑުވުމަކީ ގާތްކަމެއްކަމަށް މާހިރުން ބުނެއެވެ.

ޓްރަންޕުގެ ޑޮކްޓަރު ވިދާޅުވީ އޮކްޓޯބަރު މަހުގެ 5ވަނަ ދުވަހު ރައީސް ޓްރަންޕުގެ ހަށިކޮޅުން ނަގާފައިވާ ސާންޕަލުގައި ބައްޔާ ދެކޮޅަށް މަސައްކަތްކުރާ އެންޓިބޮޑީގެ އަސަރު ފެނިފައިވާކަމަށެވެ. ޞިއްޙީ މާހިރުންނާއި ރީޖެނެރޮން ކުންފުނިން ބުނަނީ އެއީ ބޭހުގެ ސަބަބުން އައި ހެޔޮ ބަދަލެއްކަމަށެވެ.

މި ހަފުތާގެ ތެރޭގައި ވީޑިއޯ މެދުވެރިކޮށް ދެއްވާފައިވާ މެސެޖުތަކެއްގައި ރައީސް ޓްރަންޕުވަނީ އެމަނިކުފާނު ބަލިން ފަސޭހަވެފައިވާކަމަށް އަމިއްލައަށް ވިދާޅުވެފައެވެ. އަދި ބަލިޖައްސާ ވައިރަހުގެ އަސަރު އެމަނިކުފާނަށް ނުކުރައްވާކަމަށްވުން އެކަށީގެންވާކަމަށް ވިދާޅުވެފައެވެ. އޭގެ އިތުރުން ރީޖެނެރޮންގެ ބޭހުގެ މޮޅުކަމާގުޅޭ ގޮތުންވެސްވަނީ ވާހަކަ ދައްކަވާފައެވެ. އެމެރިކާގެ ގައިންގަޔަށް އަރާ ބަލިތަކާބެހޭ އެންމެ އިސް ފަރާތް، ޑރ. އެންތޮނީ ފައުޗީވަނީ ރައީސް ޓްރަންޕުގެ ޙާލުކޮޅު އެއްކޮށް ރަނގަޅުކަމަށް ބުނަން ނޭނގޭކަމަށާއި ބަލީގެ އަލާމާތްތައް ފެންނަން ފަށާތާ ހަފުތާއެއްގެ ތެރޭގައި ބައެއް މީހުންގެ ޙާލަތު ގޯސްވާކަމަށެވެ.

ޓްރަންޕްގެ ފަރާތުން އެހެން މީހަކަށް ބަލިޖެހިފައިވޭތަ؟

އެމެރިކާގެ ސެންޓާ ފޮރ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަނުން ލަފާދެނީ ކޯވިޑް-19 ޖެހިފައިވާ މީހެއްގެ ކިބައިން އަލާމާތްތައް ފެންނަން ފަށާފަހުން 10 ދުވަސްވަންދެން އެހެން މީހުންނާ މަސްހުނިނުވުމަށެވެ. އޭގެ މާނައަކީ ޓްރަންޕުގެ ކިބައިން ބަލީގެ އަލާމާތްތައް ފުރަތަމަ ފެނުނީ އޮކްޓޯބަރު މަހުގެ 1ވަނަ ދުވަހުގައި ނަމަ އޮކްޓޯބަރު މަހުގެ 10ވަނަ ދުވަހާހަމައަށް އެމަނިކުފާނުގެ ފަރާތުން އެހެން މީހުންނަށް ބަލިޖެހުމުގެ ފުރުޞަތު އޮންނާނެކަމެވެ.

ޞިއްޙީ މާހިރުން ޤަބޫލުކުރައްވާގޮތުގައި ބަލި ޖެހިފައިވާ މީހެއްގެ ފަރާތުން އެހެން މީހުންނަށް ބަލިޖެހުން އެންމެ ގާތީ އަލާމާތްތައް ފެންނަން ފެށުމުގެ ކުރިންނެވެ. ރައީސް ޓްރަންޕު ކޯވިޑް-19އަށް ތަހުލީލުކޮށް އެންމެ ފަހުން ނެގެޓިވް ނަތީޖާއެއް ލިބިފައިވާ ތާރީޚު ނޭންގޭތީ، ބަލިޖެހިފައިވާކަން ޔަޤީންވުމުގެ ކުރިން ފާއިތުވި ދުވަސްތަކުގައި އެހެން މީހަކަށް އެމަނިކުފާނުގެ ފަރާތުން ބަލިޖެހިފައިވުމަކީ އެކަށީގެންވާކަމެކެވެ.

ހަސްފަތާލުގައި އެނދުމަތިކުރުމުގެ ފަހުން ރައީސް ޓްރަންޕުވަނީ ރިޔާސީ ކާރުކޮޅުގައި އާންމުންނަށް ފެނިލެއްވުމަށް ބޭރަށް ނުކުންނަވާފައެވެ. އޭގެ ސަބަބުން ސީކްރެޓު ސާވިސްގެ ހަށިފާރަވެރިން ބަލިޖެހުމުގެ ނުރައްކަލަށް ހުށަހެޅިފައިވުން ގާތެވެ. ޓްރަންޕުވެސް އަދި އަރިހުގައި ތިއްބެވި ބޭފުޅުންވެސް މާސްކު ތުރުކުރައްވައިގެން ތިއްބެވި ނަމަވެސް ބަންދުވެފައިވާ ކާރުކޮޅުގައި އެ ބޭފުޅުން ތިއްބެވީ ކައިރި ކައިރީގައެވެ. އޭގެ ފަހުން ހަސްފަތާލުން ދޫކޮށްލުމުން އެނބުރި ވައިޓު ހައުސަށް ވަޑައިގެން ތުރުކުރައްވައިގެން ހުންނެވި މާސްކު ބާލުއްވާވަނީ ފޮޓޯ ނަންގަވާފައެވެ. އޭގެ ސަބަބުންވެސް އަރިހުގައި އުޅުއްވާ ބޭފުޅުންނަށް ބަލި ޖެހުމުގެ ފުރުޞަތެއް އެބައޮތެވެ.

އޮކްޓޯބަރު މަހުގެ 8ވަނަ ދުވަހު ރައީސް ޓްރަންޕުވަނީ އެމަނިކުފާނުގެ ފަރާތުން އެހެން މީހުންގެ ގަޔަށް ދެން ބަލިނުޖެހޭނެކަމަށް ވިދާޅުވެފައެވެ. ނަމަވެސް ޞިއްޙީ މާހިރުން ވިދާޅުވަނީ އެއީ ނާދިރުކަމެއްކަމަށެވެ. ރައީސް ޓްރަންޕު ކޯވިޑް-19އަށް ފަހުން ތަހުލީލުކުރުމުން ނަތީޖާ ނެގެޓިވް ވެފައިވާކަމަށް ވައިޓު ހައުސުން މިހާތަނަށް ޔަޤީންކޮށްދީފައެއް ނުވެއެވެ.

އޮކްޓޯބަރު މަހުގެ9ވަނަ ދުވަހު ވައިޓު ހައުސްގެ ތަރުޖަމާނަކު ވިދާޅުވީ ރައީސް ޓްރަންޕު އަނެއްކާވެސް ތަހުލީލުކުރާނެކަމަށާއި ޢާންމުންގެ ތެރެއަށް ނިކުމެވަޑައިގަންނަވާނީ އެމަނިކުފާނުގެ ފަރާތުން އެހެން މީހުންނަށް ބަލިނުޖެހޭނެކަން ޔަޤީންވުމުންކަމަށެވެ. މިއަދުން ފެށިގެން ކުރިއަށްއޮތް ރިޔާސީ އިންތިޚާބަށް ކެމްޕެއިނުކުރައްވަން އަނެއްކާވެސް ފައްޓަވާނެކަމަށްވަނީ ވިދާޅުވެފައެވެ.

ސަރުކާރުގެ ފަރާތުން ވާހަކަދެއްކެވި ބޭފުޅަކު ވިދާޅުވީ ރިޔާސީ ގަނޑުވަރު ވައިޓު ހައުސްގެ ބެލްކަންޏެއްގައި ހުންނަވައިގެން ރައީސް ޓްރަންޕަށް ތާޢީދުކުރާ ފަރާތްތަކާއި މުޚާތަބުކުރައްވާ މިއަދުގެ ވަގުތެއްގައި އެމަނިކުފާނު ވާހަކަދައްކަވާނެކަމަށެވެ. ނަމަވެސް ކުރިން އުންމީދުކުރައްވަމުންދިޔަ ގޮތާ ޚިލާފަށް އެހެން ސްޓޭޓަކަށް ދަތުރުކުރައްވާ ޢާންމުންގެ ތެރެއަށް ރައީސް ޓްރަންޕު ނިކުންނަވާނީ އޮކްޓޯބަރު މަހުގެ 12ވަނަ ދުވަހުގައެވެ.