ދުނިޔޭގެ ވިޔަފާރި

އިނގިރޭސިވިލާތުގެ އިޤްތިޞާދީ ދުވެލި ކުރިއަރާ މިންވަރު ލަސް!


އިނގިރޭސިވިލާތުގެ އިޤްތިޞާދީ ދުވެލި ކުރިއަރަމުންދަނީ އުއްމީދުކުރި ވަރަށްވުރެ ލަސް ދުވެއްޔެއްގައިކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

އިނގިރޭސިވިލާތުގެ ކަމާބެހޭ ފަރާތްތަކުން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ އޮގަސްޓްމަހު އިނގިރޭސިވިލާތުގެ އިޤްތިޞާދީ ކުރިއެރުން ހުރީ 2.1 އިންސައްތައިގައެވެ. ނަމަވެސް ތަޖުރިބާކާރުން އުއްމީދުކޮށްގެން ތިބީ އޮގަސްޓްމަހު އެޤައުމުގެ އިޤްތިޞާދީ ކުރިއެރުން 4.6 އިންސައްތައަށް ޖެހިލާނެކަމަށެވެ.

އޮގަސްޓްމަހު އިނގިރޭސިވިލާތުގެ އިޤްތިޞާދީ ކުރިއެރުން 2.1 އިންސައްތައިގައި ހުރިއިރު، އޭގެ ކުރީ ދެމަހު އިޤްތިޞާދީ ކުރިއެރުން ހުރީ އެއަށްވުރެ މަތީގައެވެ. އެގޮތުން އިނގިރޭސިވިލާތުގެ އިޤްތިޞާދު ޖޫންމަހު 8.7 އިންސައްތަ ކުރިއެރިއިރު، ޖުލައިމަހު އެޤައުމުގެ އިޤްތިޞާދީ ކުރިއެރުން ހުރީ 6.6 އިންސައްތައިގައެވެ.

ތަޖުރިބާކާރުން ބުނާގޮތުން ލޮކްޑައުންއަށްފަހު މިދިޔަ 4 މަސްދުވަހުގެ ތެރޭގައި އިނގިރޭސިވިލާތުގެ އިޤްތިޞާދަށް ކޮންމެވެސް ވަރެއްގެ ދިރުމެއް ލިބުނަސް ކުރިއަށްއޮތް ދުވަސްތަކުގައި އިޤްތިޞާދު އަނެއްކާވެސް އަޑި އަޅާލުމުގެ ފުރުޞަތު ބޮޑެވެ. އެއީ އިނގިރޭސިވިލާތުގައި އަނެއްކާވެސް ކޯވިޑްގެ ކޭސްތައް އިތުރުވެ، އިތުރު ފިޔަވަޅުތައް އަޅަމުންދާތީއެވެ.

އިނގިރޭސިވިލާތުގެ އިޤްތިޞާދަށް އަންނަ ހީނަރުކަމުގެ ސަބަބުން ވިޔަފާރިތަކަށް ކުރިމަތިވާ ދަތިތަކުން އަރައިގަތުމަށް އެޤައުމުގެ ސަރުކާރުން ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ވިޔަފާރިތަކަށް އެހީވުމަށް ދާދިފަހުން ވަނީ އެހީގެ ޕެކޭޖެއް ތަޢާރަފްކޮށްފައެވެ.

ތަޖުރިބާކާރުން ބުނާގޮތުން ކޯވިޑްގެ ސަބަބުން އެންމެ ބޮޑަށް އަސަރުކުރި އިޤްތިޞާދަކީ އިނގިރޭސިވިލާތުގެ އިޤްތިޞާދެވެ.