ދުނިޔޭގެ ވިޔަފާރި

މައިކްރޯސޮފްޓްގެ މުވައްޒަފުންނަށް ދާއިމީކޮށް "ވޯކް ފްރޮމް ހޯމް"


މައިކްރޯސޮފްޓްގެ މުވައްޒަފުން ދާއިމީ ގޮތެއްގައި ގޭގައި ތިބެގެން މަސައްކަތްކުރުމުގެ ފުރުޞަތު ދިނުމަށް އެކުންފުނިން ނިންމައިފިއެވެ.

ދާއިމީ ގޮތެއްގައި ގޭގައި ތިބެގެން މަސައްކަތްކުރުމުގެ ފުރުޞަތު މައިކްރޯސޮފްޓްގެ މުވައްޒަފުންނަށް ދޭން ނިންމާފައިވާއިރު، ބޮޑެތި ޓެކް ކުންފުނިތައްކަމަށްވާ ފޭސްބުކްއާއި ޓްވިޓަރއިންވެސް ދަނީ ދާއިމީ ގޮތެއްގައި ގޭގައި ތިބެގެން މަސައްކަތްކުރުމުގެ ފުރުޞަތު މުވައްޒަފުންނަށް ދިނުމަށް މަޝްވަރާކުރަމުންނެވެ.

މައިކްރޯސޮފްޓުން ބުނާގޮތުން ކޮންމެ މުވައްޒަފެއްގެވެސް މެނޭޖަރުގެ ހުއްދައާއެކު ދާއިމީކޮށް ގޭގައި ތިބެގެން މަސައްކަތްކުރެވޭނެއެވެ. ނަމަވެސް ހާޑްވެއަރއާ ގުޅޭ ބައެއް މަސައްކަތްތައް ކުރާ މުވައްޒަފުން އަދިވެސް އޮފީހަށް ނިކުންނަންޖެހޭނެކަމަށް މައިކްރޯސޮފްޓުން ބުނެއެވެ. ނަމަވެސް އެފަދަ މުވައްޒަފުންނަށްވެސް ޕާޓްޓައިމްކޮށް ގޭގައި މަސައްކަތް ކުރެވޭނެކަމަށް މައިކްރޯސޮފްޓުން ބުނެއެވެ.

ކުންފުނިތަކުގެ މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތްކުރާ ގޮތަށް ކަންކަން ހަމަޖައްސަމުންދާއިރު، ފޭސްބުކްގެ 50 އިންސައްތަ މުވައްޒަފުން ކުރިއަށްއޮތް 5 އަހަރާއި 10 އަހަރާ ދެމެދުގެ މުއްދަތަކަށް މަސައްކަތްކުރާނީ ގޭގައި ތިބެގެންކަމަށް ފޭސްބުކްގެ ސީއީއޯ މާކް ޒަކަބާގް ވަނީ ވިދާޅުވެފައެވެ.

ފޭސްބުކްގެ އިތުރުން ޓްވިޓަރގެ މުވައްޒަފުންވެސް ވަކި މުއްދަތެއް ނެތް ގޮތަށް ގޭގައި ތިބެގެން މަސައްކަތް ކުރާ ގޮތަށް ވަނީ ހަމަޖައްސާފައެވެ. އަދި މަޝްހޫރު ޓެކް ކުންފުނި ގޫގުލްގެ މުވައްޒަފުންވެސް އަންނަ ޖޫންމަހުގެ ނިޔަލަށް ގޭގައި ތިބެގެން މަސައްކަތްކުރާގޮތަށް ވަނީ ހަމަޖައްސާފައެވެ. އަންނަ އަހަރުގެ ޖޫންމަހުގެ ނިޔަލަށް މުވައްޒަފުން ގޭގައި ތިބިގެން މަސައްކަތްކުރުމުގެ ފުރުޞަތު ގޫގުލްއިން ފަހިކޮށްދީފައިވާއިރު، ކުރިން އެކުންފުނިން ނިންމާފައި އޮތީ މިއަހަރު ނިމެންދެން މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތްކުރާ ގޮތަށެވެ.

ކޯވިޑްގެ ސަބަބުން ގޭގައި ތިބެގެން މަސައްކަތްކުރާ މުވައްޒަފުންގެ އަދަދު އިތުރުވެފައިވާއިރު، އެމެރިކާގައި ކުރިއަށްގެންދިޔަ ދިރާސާއަކުން ދައްކާގޮތުން މަސައްކަތްކުރާ މީހުންގެ 42 އިންސައްތަ މީހުން މޭމަހުން ފެށިގެން ވަނީ ގޭގައި މަސައްކަތްކުރަން ފަށާފައެވެ. އަދި އިނގިރޭސިވިލާތުގައި މިއަދަދު އުޅެނީ 46 އިންސައްތައިގައިކަމަށް އެޤައުމުގައި ކުރިއަށްގެންދިޔަ ދިރާސާއަކުން ދެއްކިއެވެ.

ބައެއް ކުންފުނިތަކުން ބުނާގޮތުން ގޭގައި މަސައްކަތްކުރުމުން މުވައްޒަފުންގެ އުފެއްދުންތެރިކަން އިތުރުވެއެވެ. ނަމަވެސް ގިނަ ދުވަސްވާވަރަކަށް ގޭގައި މަސައްކަތްކުރުމުން ދިމާވާ އެހެން ކަންކަންވެސް ފާހަގަވަމުންދާކަމަށް ބައެއް ކުންފުނިތަކުން ބުނެއެވެ. އެހެންކަމުން މުޅި މަސައްކަތް އެއްކޮށް ގެޔަށް ބަދަލުކުރުމުގެ ބަދަލުގައި، ހަފްތާއަކު 2 ދުވަހު ނުވަތަ 3 ދުވަހު ގޭގައި މަސައްކަތްކުރުމަށްފަހު، ބާކީ ހުރި ދުވަސްތަކުގައި އޮފީހުގައި މަސައްކަތްކުރެވޭނެ އިންތިޒާމްތަކެއް ހަމަޖެއްސުން ބުއްދިވެރިކަމަށް ތަޖުރިބާކާރުން ބުނެއެވެ.

ދިރާސާތައް ދައްކާގޮތުން ކޯވިޑްއަށްފަހުވެސް ގިނަ މުވައްޒަފުން ބޭނުންވަނީ ގޭގައި ތިބެގެން މަސައްކަތްކުރާށެވެ. އެގޮތުން އެމެރިކާގައި ކުރިއަށްގެންދިޔަ ދިރާސާއަކުން ދައްކާގޮތުން ގޭގައި ތިބެގެން މަސައްކަތްކުރަން ބޭނުންވާ މުވައްޒަފުންގެ އަދަދު އުޅެނީ 22 އިންސައްތައިގައެވެ. މިއީ 7 އިންސައްތައިގެ އިތުރުވުމެކެވެ. އަދި ކޯވިޑްއަށްފަހުވެސް ހަފްތާއަކު އެއް ދުވަހު ގޭގައި މަސައްކަތްކުރާ ގޮތަށް ކަންކަން އިންތިޒާމްކުރަން 55 އިންސައްތަ މުވައްޒަފުން ބޭނުންވެއެވެ.

ގޭގައި ތިބެގެން މަސައްކަތްކުރަން ބޭނުންވާ މުވައްޒަފުންގެ އަދަދު އިތުރުވުމުގެ ސަބަބުން، އޮފީސް އިމާރާތްތަކަށް އޮންނަ ޑިމާންޑް ކުޑަވެ، އެތަންތަނުގެ ކުލި ކުޑަވާނޭކަމަށް ތަޖުރިބާކާރުން ބުނެއެވެ. އެގޮތުން މިހާރުވެސް އެމެރިކާގެ ނިއު ޔޯކާއި ސެންފްރެންސިސްކޯގައި އޮފީސް އިމާރާތްތަކުގެ ކުލި ކުޑަވެފައިވާކަމަށް ޚަބަރުތައް ބުނެއެވެ.