ވިޔަފާރި

އަހަރުގެ ބާކީ އޮތް ދުވަސްތަކުގައި ލައްކައަކަށްވުރެ ގިނަ ފަތުރުވެރިން އަންނާނެކަމަށް ލަފާކުރެވޭ- މިނިސްޓަރ


މިއަހަރުގެ ބާކީ އޮތް ދުވަސްތަކުގައި ރާއްޖެއަށް ސަތޭކަ ހާހަށްވުރެ ގިނަ ފަތުރުވެރިން އަންނާނެކަމަށް ލަފާކުރެވޭކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ.ޢަބްދުﷲ މަޢުޞޫމް ވިދާޅުވެއްޖެއެވެ.

ޕާޓާ އަދި ބީބީސީ ގުޅިގެން ބޭއްވި، ޑެސްޓިނޭޝަން އިންސައިޓް ސީރީޒް- މޯލްޑިވްސްގައި ވާހަކަދައްކަވަމުން މިނިސްޓަރ މަޢުޞޫމް ވިދާޅުވީ ގިނަ ހުރަސްތަކާ އެކުވެސް މި ދަނޑިވަޅުގައިވެސް ރާއްޖޭގެ ފަތުރުވެރިކަން ދަނީ ކުރިއަށްކަމަށެވެ.

އެގޮތުން ދުވަހަކަށްވުރެ ދުވަހެއް ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވަމުންދާ ކަމަށާއި އެގޮތުން މިދިޔަ ހަފްތާގައި ދުވާލެއްގެ މައްޗަށް ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އެއްހާހަށް އަރާފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ ކޯވިޑް-19އާ ގުޅިގެން ފަތުރުވެރިން ރާއްޖޭގައި ހޭދަކުރާ ދުވަސްތަކުގެ އަދަދުވެސް އިތުރުވެފައިވާކަމަށެވެ. އެގޮތުން ރާއްޖެއަށް މިހާރު އަންނަ ފަތުރުވެރިން އެވްރެޖްކޮށް 2 ހަފްތާ ރާއްޖޭގައި ހޭދަކުރާ ކަމަށާއި ކުރިން އެވްރެޖްގޮތެއްގައި ފަތުރުވެރިން ރާއްޖޭގައި ހޭދަކުރާ ޗުއްޓީގެ ދިގުމިނަކީ ހަފްތާއެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

“އަހަރުގެ ބާކީ އޮތް ދުވަސްތަކުގައި ރާއްޖެއަށް 100،000އަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރާނެ ކަމަށް ލަފާކުރެވޭ، އަދި މިހާރު ބޯޑަރުތައް ހުރަސްކުރުމުގައި ހުރި ދަތިތަކާއި އެކު ޗުއްޓީއަށް ރާއްޖެ އަންނަ ފަތުރުވެރިން ރާއްޖޭގައި ހޭދަކުރާ ޗުއްޓީގެ މުއްދަތު 2 ހަފްތާއަށް މިހާރުވަނީ އިތުރުވެފައި،" މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ރާއްޖެއަށް އޮޕަރޭޓުކުރާ އެއަރލައިންތަކުގެ އަދަދުތައްވެސް އިތުރުވަމުންދާ ކަމަށެވެ. އެގޮތުން މިހާރު ބައިނަލްއަޤްވާމީ 10 އެއަރލައިންއަކުން ރާއްޖެއަށް ޝެޑިއުލް ދަތުރުތައް ކުރަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެހެންނަމަވެސް އިރުމަތީ ޤައުމުތަކުން ރާއްޖެއަށް އޮޕަރޭޓުކުރާ އެއައލައިންތައް އަދި މަދުކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

" ރާއްޖެއަށް މިހާރު އޮޕަރޭޓުކުރާ ބައެއް އެއަރލައިންތަކަށް ވަރަށް ޑިމާންޑު ބޮޑު، ރަޝިއާއިން މިހާރު ހަފްތާއަކު 2 ދަތުރުދަނީ ބާއްވަމުން، ޑިމާންޑު ބޮޑުވެގެން ފްރިކުއެންސީތައް އިތުރުކުރަމަށް ވާހަކަދެކެވެމުންދަނީ،" މިނިސްޓަރ ވިދާޅުވިއެވެ.

ޕާޓާ އަދި ބީބީސީ ގުޅިގެން ބޭއްވި، ޑެސްޓިނޭޝަން އިންސައިޓު ސީރީޒް- މޯލްޑިވްސްގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ އެކި ފަރާތްތަކުން ބައިވެރިވެފައިވެއެވެ. އެގޮތުން އެމްއޭސީއެލުންނާއި، މާޓާޓޯ އަދި ހޮޓެލް ޖެންގެ ފަރާތުން މި ބައްދަލުވުމުގައި ބައިވެރިވެ، ރާއްޖެއިން ކޯވިޑް-19ގެ ހާލަތާއި އެކު ފަތުރުވެރިކަން ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތަފްސީލްތައް ހިއްސާކޮށްފައިވެއެވެ.