ވިޔަފާރި

ދެކުނު ކޮރެއާގައި ރާއްޖެ އިޝްތިހާރުކުރުމުގެ ހަރަކާތްތަކެއް އެމްއެމްޕީއާރުސީން ފަށައިފި


ތަފާތު އެކި ހަރަކާތްތައް ހިމެނޭގޮތަށް ދެކުނު ކޮރެއާގައި ރާއްޖެ އިޝްތިހާރުކުރުމުގެ ކެމްޕެއިނެއް މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯރޕަރޭޝަން، އެމްއެމްޕީއާރުސީ ފަށައިފިއެވެ.

'ރި ޑިސްކަވަރ މޯލްޑިވްސް' ގެ ނަމުގައި ފަށާފައިވާ މި ކެމްޕެއިނުގެ ދަށުން ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރޭގައި ކޮރެއާގެ ވެރިރަށް ސޯލްގައި ދުއްވާ ބަސްތަކުގައި ރާއްޖޭގެ އިޝްތިހާރުތައް ބޭނުންކުރުމާއި، އޮންލައިންކޮށް ސައުތު ކޮރެއާގައި ރާއްޖެ އިޝްތިހާރުކުރުމާއި، ޓްރެވަލް އެޖެންޓުންނާއި ގުޅިގެން ހަނީމޫން މަންޒިލެއްގެ ގޮތުގައި ރާއްޖެ އިޝްތިހާރުކުރުން ހިމެނެއެވެ.

އެމްއެމްޕީއާރުސީން މައުލޫމާތުދޭގޮތުގައި ކޮރެއާގެ ގަންގުނަމް ހިސާބުގައި ދުއްވާ 5 ބަހެއްގައި ރާއްޖެ އިޝްތިހާރުކުރުމުގެ ހަރަކާތް 3 މަސްދުވަހަށް ކުރިއަށްދާނެއެވެ. އަދި މިކަމުގެ ބޭނުމަކީ ވީހާވެސް ގިނަ ބަޔަކަށް ރާއްޖޭގެ ފަތުރުވެރިކަމާއި ގުޅޭ މައުލޫމާތު ފޯރުކޮށްދީ، ރާއްޖޭގެ ރިސޯޓުތަކަކީ ޖަޒީރާ ރަށްތަކެއްކަން ދައްކައިދީ، ކޯވިޑް-19ގެ ހާލަތުގައިވެސް ރާއްޖެއަކީ ދަތުރުކުރަން ރައްކާތެރި މަންޒިލެއްގެ ގޮތުގައި ދައްކައިދިނުމަކީ މިކެމްޕެއިންގެ މަޤްޞަދެއްކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.

މި ކެމްޕެއިން މެދުވެރިކޮށް ކޮންމެ މަހަކު ކޮރެއާގެ 150 މިލިއަން މީހުންނަށް ރާއްޖެއާ ގުޅޭ މައުލޫމާތު ލިބިގެންދާނެކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ. މީގެއިތުރުން އޮންލައިންކޮށް ކުރިއަށްގެންދަން ރާވާފައިވާ ކެމްޕެއިން 4 މަސްދުވަހަށް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާއިރު، ރާއްޖެއާއި ގުޅޭ ގިނަ މައުލޫމާތުތައް ސައުތު ކޮރެއާގެ ސާޗް އިންޖިން ނޭވަރގައި ބޭނުންކުރާނެއެވެ. އަދި ސޯޝަލް މީޑިއާ ޕްލެޓު ފޯމްތަކުގައިވެސް ރާއްޖޭގެ އިޝްތިހާރުތައް ސައުތު ކޮރެއާގެ މީހުންނަށް ފެންނަން ހުންނާނެއެވެ.

ސައުތު ކޮރެއާގައި ރާއްޖޭގެ ފަތުރުވެރިންކަން އިޝްތިހާރުކުރުމަށް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ އެހެން މަސައްކަތްތަކުގެ ތެރޭގައި ޓްރަވަލް އެޖެންޓުންނާއެކު ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ އޮންލައިން ޕްރޮމޯޝަންތައް ހިމެނެއެވެ. އެމްއެމްޕީއާރުސީން މައުލޫމާތުދޭގޮތުގައި މި ހަރަކާތުގެ އަމާޒަކީ ހަނީމޫން މަންޒިލެއްގެ ގޮތުގައި ސައުތު ކޮރެއާގައި ރާއްޖެ އިޝްތިހާރުކުރުމެވެ.

ސައުތު ކޮރެއާއަކީ ރާއްޖޭގެ ފަތުރުވެރިކަމަށް މުޙިއްމު ޤައުމެކެވެ. އެގޮތުން ރާއްޖެއަށް 11 ވަނައަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އަންނަނީ ސައުތު ކޮރެއާއިންނެވެ. ތަފާސް ހިސާބުތައް ދައްކާގޮތުން ހުސްވި އަހަރު ސައުތު ކޮރެއާއިން ރާއްޖެއަށް 37 ހާހަށް ވުރެ ގިނަ ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ 2018 ވަނަ އަހަރު ރާއްޖެއަށް އެޤައުމުން ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދަށްވުރެ 7.8 އިންސައްތަ އިތުރު އަދަދެކެވެ.