ޚަބަރު

ހުޅުމާލެ ދެވަނަ ފިޔަވަހި : ޢާއްމު އުސޫލުން ގޮނޑުދޮށް ބޭނުންކުރެވޭނެ، ޚާއްސަ ޙަރަކާތްތައް ނުބޭއްވޭނެ


ހުޅުމާލޭ ދެވަނަ ފިޔަވައްސަށް މީހުން ބަދަލުވާން ފަށާފައިވަނީ މިދިޔަ މަހުގެ ފަހުކޮޅެވެ. އަލަށް މީހުން އާބާދުވާ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މީހުން ދިރިއުޅެންފަށާފައިވަނީ މަދު ގެތަކެއްގައެވެ.

އެ ސަރަޙައްދުގައި މީހުން ދިރިއުޅެން ފަށާފައިވާއިރު މިހާރުވަނީ ދެވަނަ ފިޔަވަހީގެ ސަރަޙައްދަށް ވަދެއުޅުމަށް ފަސޭހަކުރުމަށް، ދެ ފިޔަވަހި ގުޅާލާ އެއް ބްރިޖްވެސް ހުޅުވާލާފައެވެ. މި ބްރިޖް ގުޅެނީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ މައި މަގާއެވެ.

މި ފިޔަވަހީގައި މީހުން ދިރިއުޅެން ފެށުމާއެކު އެސަރަހައްދުވެސްވަނީ ޢާއްމުކޮށް ހުޅުވާލާފައެވެ. މިއާއެކު ގިނަ ބަޔަކު ދެވަނަ ފިޔަވައްސަށް ގޮސްއުޅެންވަނީ ފަށާފައެވެ. ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ފަރާތުން މަޢުލޫމާތުދެއްވަމުން ޑިރެކްޓަރ މުނިސިޕަލް ޑިޕަރޓްމަންޓް އާދަމް އަޒްމީ ވިދާޅުވީ ދެވަނަ ފިޔަވަހިން މިހާތަނަށް ޢާއްމުކޮށް ހުޅުވާލާފައިވަނީ ހުޅުމާލޭގައި މީހުން ދިރިއުޅެންފެށި ސަރަޙައްދު އެކަނިކަމަށެވެ.

ނިސްބަތުން އެއީ ވަރަށް ކުޑަ ސަރަހައްދެކެވެ. އަޒްމީ ވިދާޅުވީ ކުޑަ ސަރަޙައްދެއް ހުޅުވާލީ މިހާރުވެސް ހުޅުމާލެ ދެވަނަފިޔަވަހީގައި އެކި ސައިޓުތަކުގައި އިމާރަތްކުރުމުގެ ގިނަ މަސައްކަތްތައް ކުރިއަށްދާތީކަމަށެވެ. ހުޅުވާލި ސަރަޙައްދުވަނީ ފެންސުޖަހާ ފާހަގަވެސްކޮށްފައެވެ.

އޭނާ ވިދާޅުވީ ފުރަތަމަ ފިޔަވަހީގައި ބޭނުންކުރަމުންދާ އުސޫލުން ދެވަނަ ފިޔަވަހީގެ ގޮނޑުދޮށް ސަރަހައްދު އާއްމުންނަށް ބޭނުންކުރެވޭނެކަމަށެވެ. ނަމަވެސް އެކި ކަހަލަ ޚާއްސަ ހަރަކާތްތައް އެސަރަޙައްދުގައި އަދި ކުރިއަށް ނުގެންދެވޭނެކަމަށް އޭނާ ވިދާޅުވިއެވެ.

"ފޭސް އެކެކޭ އެއްގޮތަށް މޫދަށްއެރިލާ އުޅުމަށް ބީޗް އޭރިއާ ބޭނުންކުރެވޭނެ. އެކަމަކު ބާބަކިއުފަދަ ހަރަކާތްތަކަށް ހުއްދައެއް ނުދެވޭނެ. މިފަދަ ހަރަކާތްތަކަށް އަދި ފަހުން ވަކި ސަރަޙައްދުތަށް ކަނޑައަޅާނަން." އަޒްމީ ވިދާޅުވިއެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަދި މީހުން ދިރިއުޅެން ފަށާފައިވަނީ އަމިއްލަ ފަރާތްތަކުން ތަރައްޤީކޮށްފައިވާ ގެތަކުގައި އެކަންޏެކެވެ. އެޗްޑީސީން ވިދާޅުވީ ދެވަނަ ފިޔަވަހީގެ ގެތަކަށް ބަދަލުވެވެނީ އެޗްޑީސީގެ "ބިލްޑިންގ ޔޫސްއޭޖް" ހުއްދަ ނަގައިގެންކަމަށެވެ. މިހާތަނަށް ދެވަނަ ފިޔަވަހީގައި ދިރިއުޅުމުގެ ހުއްދަ ތިން އިމާރާތަކަށް ދީފައިވާކަމަށް އެޗްޑީސީން ވިދާޅުވެއެވެ.

މިވަގުތު ޢާއްމު ދަތުރުފަތުރުގެ ޚިދުމަތް ދޭން ފަށާފައި ނުވިނަމަވެސް، ހިޔާ ފްލެޓްތަކަށް މީހުން ބަދަލުވާން ފެށިމާއިއެކު، އެ ޚިދުމަތް ފެށުމަށް މިހާރުވެސް ދަނީ ތައްޔަރުވަމުންނެވެ.
އެޗްޑީސީ މެދުވެރިކޮށް އެ ސަރަހައްދަށް ޔޫޓިލިތީ ޚިދުމަތްތަކާއި، މަގުތައް އަލިކުރުމާއި، އަދި ސަރަހައްދުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުންވެސްދަނީ ހަރަކާތްތެރިވަމުންނެވެ.