ޚަބަރު

އަޑިއަށްދިޔަ ފެރީން ދަތުރުކުރި މީހުންގެ އަދަދު އަދި ޔަގީނެއް ނުވޭ


މާލެއިން ފުރައިގެން އދ. އަތޮޅަށް ދަތުރު ކުރަމުން ދަނިކޮށް މިދިޔަ އަންގާރަ ދުވަހު އަޑިއަށް ދިޔަ "ސަން މާމިގިލީ ބޯޓް" ފެރީގައި ދަތުރުކުރި މީހުންގެ އަދަދު އަދިވެސް ޔަގީންނުވާ ކަމަށް ކޯސްޓްގާޑުން ބުނެފިއެވެ.ކ.އަތޮޅު ގުރައިދޫ ކައިރިއަށް އަޑިއަށްދިޔަ ފެރީއާއި ގުޅޭގޮތުން މައުލޫމާތު ދިނުމަށްޓަކައި ޓްރާންސްޕޯޓް އޮތޯރިޓީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކާނަލް މުހައްމަދު އިބްރާހިމް ވިދާޅުވީ ފެރީން ދަތުރުކުރި މީހުންގެ ތެރެއިން 81 މީހަކު ސަލާމަތްކުރެވުނު ކަމުގައިވީނަމަވެސް ފެރީން ދަތުރުކުރި މީހުންގެ އަދަދު ލޮގު ކުރެވިފައި ނެތުމުގެ ސަބަބުން، މި ފެރީން ދަތުރުކުރި މީހުންގެ ޖުމްލަ އަދަދު އަދިވެސް ޔަގީންކުރެވިފައި ނުވާކަމަށެވެ.އެހެން ކަމުން އެއްވެސް މީހަކު ގެއްލިފައިވޭތޯ ޔަގީން ކުރުމަށް، ފެރީގައި ތިބި މީހުންނާއި ސުވާލުކޮށްގެން ދަތުރު ކުރި މީހުންގެ އަދަދު ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށާއި އަދި މީގެއިތުރުން ފެރީ އަޑިއަށް ދިޔަ ސަރަހައްދު ޑައިވަރުން މެދުވެރިކޮށްވެސް ބަލަމުންދާ ކަމަށް ކާނަލް މުހައްމަދު އިބްރާހިމް ވިދާޅުވިއެވެ. އަދި ފެރީ އަޑިއަށް ދިޔަ ދުވަހުން ފެށިގެން މިއަދާއި ހަމައަށްވެސް ފެރީގައި ދަތުރުކުރި މީހުން އަދަދު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.މި ފެރީ އަޑިއަށްދާ ކަމުގެ މައުލޫމާތު އެމްއެންޑީއެފްގެ ކޯސްޓްގާޑައް ލިބިފައިވަނީ ފުލުހުންގެ ފަރާތުންކަންވެސްކާނަލް މުހައްމަދު އިބްރާހިމް ފާހަގަކުރެއްވިއެވެ.