 
					
									
			ތ.ގުރައިދޫ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި ލިބުނު ގެއްލުން 1.3 މިލިޔަން ރުފިޔާއަށް އަރާނެކަމަށް ލަފާކުރެވޭކަމަށް އެރަށު ކައުންސިލުން ވިދާޅުވެއްޖެއެވެ. 
ތ.ގުރައިދޫގެ ގެއެއްގައި މިއަދު ހެނދުނު ގާތްގަނޑަކަށް 11:45 ހާއިރު ހިނގާފައިވ މި ހާދިސާގައި އަލިފާން ރޯވިގެވަނީ ބޭނުން ނުކުރެވޭވަރަށް އަނދާފައިކަމަށް އެރަށު ކައުންސިލުން ވިދާޅުވެއެވެ. 
ޕިއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ގުރައިދޫ ކައުންސިލްގެ ނައިބްރައީސް ތައުފީޤް ޢަލީ ވިދާޅުވީ އެ ހާދިސާ ހިނގިވަގުތު އެގޭގައި އެއްވެސް މީހަކު ނޫޅޭކަމަށާއި މިޙާދިސާގައި އެއްވެސް މީހަކަށް ހާނީއްކައެއް ވެފައި ނުވާކަމަށެވެ. 
ހާދިސާ ހިނގިވަގުތަކީ ހުކުރު ވަގުތުކަމުން ގިނަބަޔަކު ތިބީ މިސްކިތުގައެވެ. ނަމަވެސް ފުލުހުންނާއި އާއްމުރައްޔިތުންގެ ތެރެއިން ބަޔަކު ނުކުމެވަނީ އަލިފާންގަނޑު ނިއްވާލާފައެވެ. ތައުފީޤް ވިދާޅުވީ އެގޭގައި ދިރިއުޅުނު މީހުން މިހާރު އެމީހުންގެ ގާތްތިމާގެ މީހެއްގެ ގެޔަށް ބަދަލުކޮށްފައިވާކަމަށާއި އެމީހުންނަށް ބޭނުންވާ ޒަރޫރީ ބޭނުންތައް ކައުންސިލްގެ ފަރާތުން ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންއަންނަކަމަށެވެ. 
ގުރައިދޫގައި އަލިފާނުގެ ހަދިސާ ހިނގި ގޭގައި ދިރިއުޅޭމުންދިޔައީ ދެ މީހުންނެވެ. އެގޭގައި ދިރުއުޅޭ ސްކޫލް ކުއްޖެއްގެ ޔުނިފޯމްތަކާއި ފޮތްތަކާއި އަންނައުނުތައްވެސް ވަނީ އަނދާފައެވެ.  
އެ ގޭގައި އަލިފަނުގެ ހާނދިސާ ހިނގި ސަބަބެއް އަދި ނޭގޭކަމަށާއި ފުލުހުން އެމައްސަލަ ބަލަމުން އަންނަނކަމަށް ތައުފީޤް ވިދާޅުވިއެވެ.