ޚަބަރު

ހުޅުމާލެ 2ވަނަ ފިޔަވހީގައި އަޅާ ސްކޫލްތަކަކީ 1000 ކުދިންގެ ޖާގައިގެ ސްކޫލްތަކެއް


ރާއްޖޭގެ ތަޢުލީމީ ދާއިރާ އެއްދުވަހުން އަނެއްދުވަށް ކުރިއަރުވައި ތަރައްޤީކުރުމަކީ މުހިއްމު ކަމަކަށް ވާއިރު މިއީ އެހާމެ ބުރަ މަސައްކަތެއްވެސް މެއެވެ. ކޮންމެ އަހަރަކުވެސް އެތައްކުދިންނެއް އަލަށް ސްކޫލްތަކަށް ވަންނައިރު ސްކޫލްތަކުގެ ޖާގައިގެ ދަތިކަންވެސް އަންނަނީ އިތުރުވަމުންނެވެ. ޚާއްސަކޮށް މާލެއަށް ބަލާލިނަމަވެސް ސްކޫލްތަކުގެ ޖާގައިގެ ދަތިކަން ފެންނަން އެބަހުއްޓެވެ.

ސްކޫލްތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލު ކުރުމަށް މަސައްކަތް ކުރަމުން އަންނައިރު މިއީ އެހާމެ ޚަރަދު ބޮޑުވެސް މަސައްކަތެކެވެ. އެހެންނަމަވެސް ސަރުކާރުތަކުން މަސައްކަތް ކުރައްވަނީ ބޮޑު ހޭދައެއް ކޮށްގެންނަމަވެސް ދަރިވަރުންނަށް ފެންވަރު ރަނގަޅު ތަޢުލީމެއް ފޯރުކޮށްދިނުމަށެވެ. ސްކޫލްތަކުގެ ތޮއްޖެހުން ކުޑަކޮށް ފަސޭހަކޮށްދިނުމުގެ ގޮތުން އެކި ގޮތްތޮތުން ކުރަމުންދާ މަސައްކަތުގެ ތެރެއިން އައު ސްކޫލްތައް ވެސް އަންނަނީ އިމާރާތް ކުރަމުންނެވެ. މާލެ ސަރަހައްދަށް ބަލާލާއިރު ހުޅުމާލެ، ވިލިމާލޭގައި ދިރިއުޅޭ ދަރިވަރުންވެސް ތަޢުލީމް ހާސިލްކުރުމަށް މާލެއަށް އާދެއެވެ. މިއީ ބޮޑު މައްސަލައަކަށް ނުވިނަމަވެސް ކޮންމެ ދުވަހަކު ދަތުރު ކުރުމަކީވެސް ފަސޭހަކަމަކަށް ނުވާނެއެވެ.

އަނެއްކޮޅުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި މިހާރު މިވަނީ މީހުން ދިރިއުޅެން ފަށާފައެވެ. އެހެންކަމުން އެތަނުން އާއްމު ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައްވެސް ފޯރުކޮށްދޭން އެބަޖެހެއެވެ. އެގޮތުން ހުޅުމާލޭގެ ދެވަނަ ފިޔަވައްސަށް ޚާއްސަކޮށްގެން ސުކޫލްތައް ވެސް އަޅަންޖެހެއެވެ. އެހެނީ ހުޅުމާޅެ ދެވަނަ ފިޔަވަހިން ފުރަތަމަ ފިޔަވައްސަށް ދަރިވަރުން ގޮވައިގެން ސުކޫލަށް ދިއުމަކީވެސް އުނދަގޫކަމަކަށް ވާނެއެވެ. އަދި ފަހަރުގައި ބައެއް މީހުންނަށް ޚަރަދު ބޮޑުކަމަކަށްވެސް ވުން އެކަށީގެންވެއެވެ. އެއީ ކޮންމެ ފަހަރަކު ދަރިވަރުން ގޮވައިގެން އެހިސާބަށް ދަތުރުކުރުމަށްޓަކައި ވެހިކަލް ބޭނުންވާނެތީއެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި މީހުން ދިރިއުޅެން ފެށިއިރުގައި އެތަނުގައި މިފަދަ އެއްވެސް ވަޞީލަތެއް ނެތްނަމަވެސް މީހުން އާބާދުވާން ފަށަންވާއިރަށް ސްކޫލްތައް އެޅުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އެގޮތުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ޖުމުލަ 4 ސްކޫލް އެޅުމަށް ވަނީ ހަމަޖެހިފައެވެ. މީގެތެރެއިން 3 ސްކޫލް އެޅުމަށް ހަމަޖެހިފައިވަނީ ކޮންޓްރެކްޓަރ ފައިނޭންސްގެ ޑިޒައިން އެންޑް ބިލްޑް އުސޫލުންނެވެ. އަނެއް ސްކޫލަކީ ބޭރު ފަރާތަކުން ތަރައްޤީކުރާ އިންޓަރނޭޝަނަލް ސްކޫލެކެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވަނީ 6 ބުރީގެ ސްކޫލްތަކެކެވެ. މިއިން ކޮންމެ ސްކޫލެއްގައި ގްރޭޑް 1 އިން 10 އަށް ކިޔަވައިދިނުމަށްވަނީ ހަމަޖެހިފައެވެ. މިއީ 1000 އާއި 1200 ދެމެދުގެ ޖާގައިގެ ސްކޫލްތަކެކެވެ. ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ރިޔާޒް ވިދާޅުވީ މި ސްކޫލްތަކުގައިވެސް އެހެން ސްކޫލްތަކުގައި ހުރި ވަޞީލަތްތައް ހުންނާނެކަމަށެވެ. އަދި މި ސްކޫލްތަކުގައިވެސް ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ޚާއްސަ ކްލާސްރޫމްތަކާއި މަލްޓިޕަރޕަސް ހޯލްވެސް ތަރައްޤީ ކުރުމަށް ހަމަޖެހިފައިވެއެވެ.

"މި ސްކޫލްތަކުގައި ލެބޯރެޓަރީ އާއި، އޮފީސް ބަޔާއި، ލައިބްރަރީ ހުންނާނެ. މިހާތަނަށް ޞަލާހުއްދީން ސްކޫލްގެ ކުރެހުން ވަނީ ފައިނަލް ވެފައި، ކޮންޓްރެކްޓިން ފައިނޭންސްގެ އުޞޫލުން އަޅާ ސްކޫލްތަކުގެ ކުރެހުން ތައްޔާރުކުރާނީ ކޮންޓްރެކްޓަރުން." އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ރިޔާޒް ވިދާޅުވިއެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ އަމާޒަކީ 2022 ވަނަ އަހަރު މި ސްކޫލްތަކުގެ މަސައްކަތް ނިންމާއި 2023 ވަނަ އަހަރުގެ ދިރާސީ އާހަރުގެ ކިޔެވުން ފެށޭއިރު ކިޔަވައިދިނުމެވެ. މިނިސްޓްރީން މިގޮތަށް އަމާޒު ހިފާފައިވާއިރު މިހާރު ވަނީ ސްކޫލްތައް އަޅާދޭނެ ބަޔަކު ހޯދުމަށް އިޢުލާންވެސް ކޮށްފައެވެ.

މި ސްކޫލްތައް ހުޅުމާލެ ދެވަނަ ފިޔަވަހީގައި އެޅުމާއެކު އެ ސަރަހައްދުގައި އުޅޭ ރައްޔިތުންނަށް ލުއި ފަސޭހަވުމުގެ އިތުރުން ވަޒީފާގެ އެތައް ފުރުޞަތުތަކެއްވެސް ފަހިވެގެންދާނެއެވެ. އަދި ހުޅުމާލެ ދެވަނަ ފިޔަވައްސައް ބަދަލުވާ މުދައްރިސުންނަށްވެސް މާ ދުރަށް ދާން ނުޖެހި ވަޒީފާ އަދާކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. އަދި ހަމަ އެހެންމެ ސަރުކާރުގެ އަމާޒުކަމުގައިވާ ސްކޫލްތައް އެއް ދަންފަޅިއަށް ބަދަލުކުރުމުގެ މަޝްރޫޢަށްވެސް މިކަމުގެ ސަބަބަބުން ކުރިއެރުންތަކެއް ލިބިގެން ދާނެއެވެ.