ދުނިޔޭގެ ވިޔަފާރި

އީރާނަށް މަދަދުވެރިވާ 18 ބޭންކަކާ ދެކޮޅަށް އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އަޅައިފި


އީރާނަށް މަދަދުވެރިވާ 18 ބޭންކަކާއި ދެކޮޅަށް އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އަޅައިފިއެވެ.

އެމެރިކާއިން އަނެއްކާވެސް އީރާނަށް ފިއްތުންތައް ކުރިމަތިކުރުވުމަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅަން ފަށާފައިވާއިރު، މީގެ ސަބަބުން އީރާންގެ އިޤްތިޞާދީ ދާއިރާއަށް ބޮޑެތި އަސަރުތަކެއް ކުރާނެކަމެށް ތަޖުރިބާކާރުން ބުނެއެވެ. އެގޮތުން މި ފިޔަވަޅުތަކުގެ ނޭދެވޭ އަސަރު އިރާނަށް ލިބޭ އާމްދަނީއަށް ކުރާނެކަމަށް ތަޖުރިބާކާރުން ބުނެއެވެ.

އެމެރިކާއިން އަލަށް އެޅި ފިޔަވަޅުތަކުގެ ދަށުން ބްލެކްލިސްޓްކުރި ފަރާތްތަކުގެ އެސެޓްތައް ފްރީޒްކޮށް، އެމެރިކާގެ އެއްވެސް ކުންފުންޏަކުން ދަތިކުރުމުގެ ފިޔަވަޅު އެޅި ބެންކަކާއެކު އެއްވެސް މުޢާމަލާތެއް ކުރުން ވަނީ މަނާކޮށްފައެވެ. އަދި މިފަދަ މުޢާމަލާތެއް ކުރާ ފަރާތްތަކާއި ދެކޮޅަށް ފިޔަވަޅު އަޅަންވެސް އެމެރިކާއިން މިހާރު ވަނީ ނިންމާފައެވެ. މީގެ ސަބަބުން އީރާނަށް މަދަދުވެރިވާކަމަށް ބުނެ ފިޔަވަޅު އެޅި 18 ބޭންކުގެ އެމެރިކާގެ މާކެޓް އެއްކޮށް ގެއްލުމަކީ މި ބޭންކްތަކަށް ލިބޭނެ ބޮޑު ގެއްލުމެއްކަމަށް ތަޖުރިބާކާރުން ބުނެއެވެ.

އެމެރިކާގެ ޓްރެޝަރީ ޑިޕާޓްމެންޓުން ވަނީ އަލަށް އެޅި ފިޔަވަޅުތަކުގެ ސަބަބުން ދަނޑުވެރިކަމުގެ އުފެއްދުންތަކާއި، ބޭހާއި ކާނާ ފަދަ ޒަރޫރީ ތަކެތި އީރާނަށް އެތެރެކުރުން ނުހުއްޓޭނެކަމަށެވެ.

އެހެންނަމަވެސް، އިރާންގެ ފޮރިން މިނިސްޓަރ މުހަމައްމަދު ޖަވާދް ޒާރިފް ވިދާޅުވީ އެމެރިކާއިން އަލަށް އެޅި ފިޔަވަޅުތަކާއެކު އީރާނަށް ބޭނުންވާ ޒަރޫރީ ސާމާނު ގެނައުމަށް ހުރަސްތަކެއް ކުރިމަތިވާނޭކަމަށެވެ. އެގޮތުން ކޯވިޑް-19ގެ ބަލިމަޑުކަމުގެ ޙާލަތުގައި އެމެރިކާއިން އެޅި މިފިޔަވަޅަކީ އީރާންގެ ރައްޔިތުން ބަނޑަށް ޖައްސާ، ބިކަކޮށްލަން އެޅި ފިޔަވަޅެއްކަމަށް އީރާންގެ ފޮރިން މިނިސްޓަރ ވިދާޅުވިއެވެ.

އީރާންގެ ސެންޓްރަލް ބޭންކްގެ ގަވަރނަރ އަބްދުލްނަސީރު ހެމަތީ ވަނީ އެމެރިކާގެ އައު ދަތިކުރުމުގެ ފިޔަވަޅުތަކަކީ އެއްވެސް އަސާސެއްގެ މައްޗަށް ބިނާނުވާ، ސިޔާސީ ޕްރޮޕެގެންޑާ ފަތުރަންކުރާ ކަމެއްކަމަށް ވިދާޅުވެފައެވެ. އަދި އެމެރިކާގެ މި ފިޔަވަޅުގެ ސަބަބުން އިންސާނީ އެހީ ފޯރުކޮށްދިނުމަށް އީރާނުގައި ހަރަކާތްތެރިވާ ބޭންކްތައް ހިންގުމަށް ހުރަސްއެޅި، އެފަރާތްތަކުގެ މަސައްކަތް ހުއްޓޭނެކަން އީރާންގެ ސެންޓްރަލް ބޭންކްގެ ގަވަރނަރ ފާހަގަކުރެއްވިއެވެ.

އީރާނާއެކު ބޮޑެތި ޤައުމުތަކުން ހަދާފައިވާ ނިއުކްލިއަރ އެއްބަސްވުމުން އެމެރިކާ ވަކިވެ، އީރާނާ ދެކޮޅަށް އަޅަމުންދާ ފިޔަވަޅުތަކަކީ މިފަދަ ޑީލެއް އައު ވެރިއަކު އައުމުންވެސް ޤާއިމުނުކުރެވޭނެފަދަ ޙާލަތަކަށް ކަންކަން ގެންދިއުމައްޓަކައި އަޅާ ފިޔަވަޅުތަކެއްކަމަށް ތަޖުރިބާކާރުން ބުނެއެވެ. އެގޮތުން ތަޖުރިބާކާރުން ބުނާގޮތުން ރިޔާސީ އިންތިޚާބު ގާތްވެފައިވާ ދަނޑިވަޅެއްގައި މި ފިޔަވަޅު އެޅީ އިދިކޮޅު ކެނޑިޑޭޓް ޖޯ ބައިޑެން އިންތިޚާބު ކާމިޔާބު ކުރެއްވަފާނެކަމުގެ ބިރު އޮތުމުންނެވެ. އަދި ޖޯ ބައިޑެންގެ ވެރިކަމެއްގައި، އެމެރިކާއާއި އީރާނުން އަނެއްކާވެސް ނިއުކްލިއަރ ޑީލެއް ހަދާފާނޭކަމަށް ތަޖުރިބާކާރުން ދެކެއެވެ.